27 Jul 2015, 22:28
ޕްލާސްޓިކް ގަސްތަކުގައި "ލެޑް ލައިޓް" ބޭނުންކޮށްގެން ސަލްޓަން ޕާކްގައި ތައްޔާރުކޮށްފައިވާ ޕާކް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ހުޅުއްވައިދެއްވައިފި އެވެ.
"ހުޅުދާން ބަގީޖާ" ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ނައިބް ރައީސް އަހުމަދު އަދީބު އާއި ދައުލަތުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެޕާކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެޕާކުގައި ދިއްލޭގަސްތައް ޖެހުމުގެ މަސައްކަތްތަކާއި އެޕާކް ޒީނަތްކުރުމުގެ މަސައްކަތް 48 ގަޑިއިރުގެ ތެރޭގައި ކަސްޓަމްސްއިން ކޮށްދެއްވާފައިވާ ކަމަށެވެ.
"މިނިވަން 50 ވެގެންވެފައި މިވަނީ މިހާތަނަށް ދުވަހަކު ވެސް ދިއްލާނުލެވޭހާ ވަރަށް ބޮކި ދިއްލާލެވުނު އެވަރުގެ އަލިގަދަ އެވަރުގެ އަޑުގަދަ އަދި އެވަރުގެ ދެވަނައެއް ނެތް ފަންގްޝަނަކަށް." މިނިިސްޓަރު އުމަރު ވިދާޅުވި އެވެ.
ޖުލައި 27، 2015: ސަލްޓަން ޕާކުގައި "ހުޅުދާން ބަގީޗާ" ގެ ނަމުގައި ހެދި ލެޑް ގާޑަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު
މިރޭގެ ހަފްލާގައި ވަނީ ކަސްޓަމްސް އިން ކުރި މަސައްކަތް އަގު ވަޒަން ކުރައްވާ ހަދާނީ ފިލާއެއް ދެއްވާފަ އެވެ.
ސަލްޓަން ޕާކް މަސައްކަތް ކުރި ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހްމަދު ނިޔާޒު މިއަދު "ސަން"އަށް ވިދާޅުވީ އެ ޕާކުގެ އެކި ސަރަހައްދުތަކުގައި ޖުމުލަ ޕަލާސްޓިކް 72 ގަސް އަލަށް ބަހައްޓާފައި ހުންނާނެ ކަމަށާއި އެ ގަސްތަކަކީ ލެޑް ލައިޓުން ދިއްލިފައި ހުންނާނެ ގަސްތަކެއް ކަމަށެވެ.
"އެއީ ގާޑަންއެއްގައި ހުންނާނެ ހުރިހާ ސިފަތައް ހިމެނޭ ގަސްތަކެއް ރާވާލާފައި މިތާ މިހުންނަނީ ދިއްލާލާފައި". ނިޔާޒު ވިދާޅުވި އެވެ.
ޖުލައި 27، 2015: ސަލްޓަން ޕާކުގައި "ހުޅުދާން ބަގީޗާ" ގެ ނަމުގައި ހެދި ލެޑް ގާޑަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު
އެ 72 ގަހުގެ ތެރޭގައި ދިވެހިން ލޯބި ކުރާ ފިނިފެންމަލުން ފެށިގެން އެކި ކަހަލަ ގަސްތައް ހިމެނޭ އިރު ތަފާތު އެކި ކުލަކުލަތަކުން ގަސްތައް ވިދައި ބަބުޅަ އެވެ. އެ ޕާކް ތައްޔާރު ކުރެވިފައި މިވަނީ މުޅި ޕާކްތެރޭގައި ހިނގައި ހިތް އުފާކުރުމުގެ އިތުރުން ފޮޓޯ ނެގުން ފަދަ ކަންކަން ހިމެނޭ ގޮތަށެވެ.
މީގެ ކުރިން ރޭ ވެއްޖެ ނަމަ ނާންމާކަން އޮންނަ އެ ޕާކް ދެން ދާއިމަށް އެނަލަ ކަންމަތީ ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ކޮންމެ ރެއަކު 6:00 ޖެހުމާ އެކު ލެޑް ލައިޓުތަކުން މުޅި ޕާކް ދިއްލާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ޖުލައި 27، 2015: ސަލްޓަން ޕާކުގައި "ހުޅުދާން ބަގީޗާ" ގެ ނަމުގައި ހެދި ލެޑް ގާޑަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު