27 Jul 2015, 20:44
އިންޑިއާގެ ކުރީގެ ރައީސް އަދި އެ ގައުމުގެ އެންމެ ފުރަތަމަ ނިއުކްލިއަ ސައިންޓިސްޓް ޑރ. އޭޕީޖީ ޢަބުދުލް ކަލާމް ދާދި ދެންމެ އަވަހާރަވެއްޖެ އެވެ.
ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ޢަބުދުލް ކަލާމް ހޮސްޕިޓަލެއްގައި އެޑްމިޓް ކުރީ އިންޑިއަން އިންސްޓްޓިއުޓް އޮފް މެނޭޖްމެންޓްގެ ރަސްމިއްޔާތެއްގައި ހުންނަވަނިކޮށް ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގަނެގެން ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރު އޮންނެވީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އެ ނޫހުން ބުންޏެވެ. އަދި އޭގެ ފަހުން ދާދި ދެންމެއަކު އެ ނޫހުން ބުނީ އޭނާ އަވަހާރަވެއްޖެ ކަމަށެވެ.
ކަލާމް އަވަހާރަވީ އިރު އުމުރުފުޅަކީ 84 އަހަރެވެ.
އިންޑިއާގެ ޓެމިލްނާޑޫގެ ރާމޭސްވަރަމް ނަމަކަށް ކިޔާ ރަށެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކަލާމް ކިޔަވައިވިދާޅުވީ ފިޒިކްސްއާއި އެރޯސްޕޭސް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރެއްވީ ސައިންޓިސްޓެއް އަދި ސައިންސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އިންޑިއާގެ ޑިފެންސް ރިސާޖް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަންގައެވެ.އޭނާ ކުރިއަށް ގެންދެވި މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ މަދަނީ ޖައްވީ ޕްރޮގްރާމްތަކާއި މިސައިލާއި މިސައިލް އުދުއްސާ އާލާތްތަކުގެ މަޝްރޫއުތައް ހިމެނެއެވެ. އެމަސައްކަތްތަކުގެ ސަބުން "މިސައިލް މޭން" ގެ ނަމުގައި އޭނާ އިންޑިއާގައި މަޝްހޫރުވިއެވެ.
އިންޑިއާއިން 1998 ވަނަ އަހަރު އުފެއްދި ، ނިއުކްލިއަ ވޯހެޑް އުފުލޭ ޕޮޚްރާން 2 ނަމަކަށް ކިޔާ މިސައިލް އީޖާދުކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.
ކަލާމް އިންޑިއާގެ ރައީސް ކަމަށް 2002 ވަނަ އަހަރު އައްޔަން ކުރީ އޭރު އެގައުމުގެ ވެރިކަން ކުރަމުން ދިޔަ ބީޖޭޕީއާއި އދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ވެސް ތާއީދާއި އެކުގައެވެ. ރައީސް ކަމުގެ ފަސް އަހަރުގެ ދައުރު ނިންމެވުމަށް ފަހު އޭނާ ކުރައްވަމުން ގެންދެވީ ފޮތް ލިއުއްވުމާއި ތަގުރީރު ކުރެއްވުން ފަދަ އިލްމީ މަސައްކަތް ތަކެވެ.