09 Mar 2011, 19:24
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދާ 3 ވަނަ ވީއޭއެމް ޕްރެޒިޑެންޓްސްކަޕް ވޮލީބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނު މެޗުގައި ޕޮލިސް ކްލަބާ ވާދަކޮށް ސްޕޯޓްސް ކްލަބް ގުޑީސް ސެޓެއް ހޯދައިފި އެވެ.
ފާއިތުވެދިޔަ 4 އަހަރު ކުޅެވުނު އަންހެން ހުރިހާ މުބާރާތެއްގެ ތަށި ހޯދާފައިވާ ޕޮލިސް އަތުން ގެއްލުނު ސެޓަކީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް އެޓީމު އަތުން ސެޓެއް ގެއްލުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެޓީމަށް ސެޓެއް ގެއްލިފައިވަނީ މިދިޔަ އަހަރުގެ އެސޯސިއޭޝަންކަޕްގައި އެމް އެން ޑީ އެފާ ދެކޮޅަށް ފައިނަލުގައި ގެއްލުނު ސެޓެވެ.
ލ. އަތޮޅުން ފާހަގަ ކުރެވުނު ކުޅުންތެރިންތަކެއްވެސް ހިމެނޭ ގުޑީސް ޓީމު ޕޮލިސް އަތުން ބަލިވީ 3-1 ސެޓުންނެވެ. މެޗުގައި ގުޑީސް ހޯދީ ފުރަތަމަ ސެޓެވެ. އެއީ 25-23ންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ވޮލީގެ އެންމެ ހުނަރުވެރި ކުޅުންތެރިން ތިބި ޕޮލިސް ޓީމު ޖެހިގެން އައި ސެޓްތައް ހޯދީ 25-22، 25-20 އަދި 25-28ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ އައިޝަތު ނާޒިމާ އެވެ.
މުބާރާތުގައި ރޭ ކުޅެވުނު މެޗުގައި އަމީނިއްޔާ ވޮލީ ކްލަބް އަތުން އަމިކާ ސްޕޯޓްސް މޮޅުވީ ފަސޭހަކަމާއެކު ސީދާ 3 ސެޓުންނެވެ. ސެޓްތަކުގައި އަމީނިއްޔާ ޓީމަށް ހޯދުނީ 18،12 އަދި 13 އެވެ. މޮޅު ކުޅުންތެރިއަކީ އަމިކާގެ ޝަހުމާ މުހައްމަދެވެ.
މުބާރާތުގެ ދެމެޗު މިއަދާއި މިރޭވެސް ކުޅޭނެ އެވެ.