27 Jul 2015, 19:04
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ދަރުބާރުގައި ހިނގި އެންމެ މުހިއްމު އެއް ކަމަކީ ރާއްޖެއަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރެއްވި ދެބޭފުޅަކަށް ޝަރަފުގެ އައްޑަ ދެއްވުމެވެ. އެ ދަރުބާރުން ފެނުނު އެންމެ ޝައުގުވެރި ކުރުވަނިވި ކަމަކީ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންގެ ހަޔާތްޕުޅު ފަންސުރުގެ ތުނޑުން ކަރުދާހުގައި ތަސައްވުރުކޮށް ދައްކައިލި ދައްކައިލުމެވެ. ވަރަށް ޒަމާނީކޮށް، ޓެކްނޮޖީއާ ލާމެހިފައިވާ ގޮތަށް ދައްކައިލިސް އެއީ މީހެއްގެ އަތު ކުރެހުމެވެ.
އެކުރެހުންތަކަކީ ކަޅާއި ހުދުގެ ކުރެހުންތަކަކަށް ވިޔަސް އެއީ ރާއްޖެ މިނިވަން ވީ ހާދިސާއާއި ރާއްޖެއަށް ޓޫރިޒަމް ތައާރަފްވީ ގޮތް ކުލަކޮށް ތަސައްވުރު ކޮށްދޭ ފަދަ ހުނަރުވެރި އުފެއްދުންތަކެކެވެ. ރާއްޖެއަށް ޒަމާނީ ތަރައްގީ ގެންނެވުމަށް އެދެބޭފުޅުން މަސައްކަތް ކުރެއްވި ގޮތް އެ ތަސްވީރުތަކުން ރީތިކޮށް ތަމްސީލުކޮށްދިނެވެ.

ރާއްޖޭގެ މިނިވަން ކަމަށް ރައީސް ނާސިރު ކުރެއްވި މަސައްކަތް ސިފަކޮށްދޭ ކުރެހުމެއް-- ސަން ފޮޓޯ/ އައްދު
ރާއްޖެއަށް ކުރައްވާފައިވާ ހިދުމަތްތައް ފާހަގަކޮށް އެ ދަރުބާރުގައި މިނިވަން ދުވަހުގެ ޝަރަފުވެރި ކަމުގެ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ ދެއްވީ ކުރީގެ ދެ ރައީސުން ކަމަށްވާ އިބުރާހީމް ނާސިރާއި މައުމޫނު ޢަބުދުލް ޤައްޔޫމަށެވެ. އެ ދެބޭފުޅުންނަށް އައްޑަ ދެއްވުމުގެ ކުރިން އެ ދެ ބޭފުޅުންނާއި ބެހޭ ވަރަށް ތަފުސީލީ ވީޑިއޯ ރިޕޯޓެއް ދެއްކި އެވެ. ނަމަވެސް މުޅި ވީޑިއޯއިން ވެސް ފެނުނީ ކުރެހުންތަކެކެވެ.
ޝައުގުވެރި ކުރުވަނިވި އެކުރެހުންތަކަކީ ޓެލެވިޒަން މޯލްޑިވްސްގެ ގްރެފިކްސް ޑިޒައިނިން ޑިޕާޓްމެންޓްގެ އިސްބޭފުޅެއް ކަމަށްވާ ޢަބުދުލް ޙަކީމް ޢަބުދުލް ޤާދިރު، މަޝްހޫރު ނަމުން ނަމަ އައްދު އެވެ.

ނާސިރާއި މައުމޫންގެ ކުރެހުންތައް ކުރެހި ޓީވީއެމްގެ ގްރެފިކްސް ޑިޒައިނިން ޑިޕާޓްމެންޓްގެ އިސްބޭފުޅެއް ކަމަށްވާ ޢަބުދުލް ޙަކީމް ޢަބުދުލް ޤާދިރު.
ރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެއްވި، ކުރީގެ ބޮޑުވަޒީރު އަދި ރައީސް އިބުރާހީމް ނާސިރާއި ނާސިރުގެ ފަހުން 30 އަހަރު ވަންދެން ރާއްޖޭގެ ރައީސްކަން ކުރެއްވި މައުމޫނު ޢަބުދުލް ޤައްޔޫމުގެ ޚިދުމަތްތައް ދައްކުވައިދޭ ކުރެހުންތަކަކީ ތާރީހީ ކުރެހުންތަކެއް ކަމަށް އައްދު ވެސް ގަބޫލު ކުރެއެވެ.
"...ތާރީހީ ކަމެއް ކުރެވުން ކަމުގެ އިހުސާސް ކުރެވޭ. ދެން ވަރަށް ހިތް ހަމަ ޖެހޭ އެގޮތުން،" ކުރެހުންތަކާ ބެހޭ ގޮތުން ކުރެވޭ އިހުސާސާ ބެހޭ ގޮތުން ސުވާލުކޮށްލުމުން އައްދު ބުންޏެވެ.

ރާއްޖޭގެ މިނިވަން ކަމަށް ރައީސް ނާސިރު ކުރެއްވި މަސައްކަތް ސިފަކޮށްދޭ ކުރެހުމެއް-- ސަން ފޮޓޯ/ އައްދު
އައްދުއަށް އެ މަސައްކަތް ކުރަން ލިބުނީ ވަރަށް ކުރު މުއްދަތެކެވެ. ނަމަވެސް އޭނާއަކީ އެފަދަ ކަމަކަށް ނޫނެކޭ ބުނަން ބޭނުންވާ މީހެއް ނޫންވީމާ އެކަމާ ހަވާލުވީ އެވެ. އޭނާ ދެކޭ ގޮތުގައި ރަނގަޅު މަސައްތަކެއް ކުރަން ބަޔަކު ހުށަހެޅުމުން ޖެހޭނީ ވޭތޯ ބަލާށެވެ. އެގޮތުން އެމަސައްކަތާ ހަވާލުވީ އެވެ. މަސައްކަތާއި ހަވާލުވީ އެކަމުގެ ބޮޑުކަން ވެސް އެނގި ހުރެ އެވެ. އޭފޯ ސައިޒްގެ ގާތްގަނޑަކަށް 80 ކަރުދާހުގައި ކުރެހުންތައް ތައްޔާރު ކުރުމަށް އޭނާއަށް ލިބުނީ އެންމެ ހަފުތާއެކެވެ.
"...ވަރަށް ލަހުން އޭތި ފެށުނީ ވެސް. ސެވަން ޑޭސް އެއީ ޓޯޓަލް. ސެވަން ޑޭސްގެ ތެރޭގައި ދެން ނިދާފައި، ހޭލާ ހުރެފައި އެކަހަލަ ގޮތަކަށް. ދެން ބައެއް އެއްޗެހި ނުނިމިގެން އެހެން އާޓިސްޓެއް ވެސް ބޭނުން ކުރިން ވަރަށް މަދު ކުރެހުންތަކަށް،" މަސައްކަތް ކުރި ގޮތް ޚުލާސާކުރަމުން އައްދު ބުންޏެވެ.
އައްދު ބުނީ އެހައި އަވަސް އަވަސް އަވަހަށް މަސައްކަތް ކުރަން ޖެހުނު ނަމަވެސް އެ މަސައްކަތް ކުރީ ވަރަށް ބޮޑު، މުހިއްމު މަސައްކަތެއް ކަން ދަނެގެން، ވަރަށް ފަރުވާތެރި ކަމާއި އެކުގައި ކަމަށެވެ.
"... އެންމެ އުނދަގޫ އެކަތި އެއީ ޕޯޓްރެއިޓް ކުރެހުން. އޭގައި އެންމެ ލައިނެއް ތަފާތުވިޔަސް މީހާގެ ސިފަ ބަދަލުވެދާނެ. އެކަހަލަ އެއްޗެއްތާ ދޯ ޕޯޓްރެއިޓަކީ އެހެންވީމާ އެކަމަށް ވަރަށް ވިސްނަން ޖެހޭނެތާ،" މަސައްކަތުގެ އުނދަގޫކަން ހުރި ވަރު ކިޔައި ދެމުން އޭނާ ބުންޏެވެ.
ތާރީހީ ދުވަހެއްގައި ދައްކައިލި ކުރެހުންތަކާ އެކު ތާރީހުގެ ތެރެއަށް ވަދެގެން ގޮސްފައިވާ ކުރެހުންތެރިޔާ ބުނީ ކުރެހުމުގެ ދާއިރާއިން ކިޔަން އޭނާއަށް ދުވަހަކު ވެސް ނުލިބޭ ކަމަށެވެ. ނަމަވެސް އެ ދާއިރާއިން ކުރިއަށް ދެވުނީ އާއިލީ ގޮތުން އުފެދުނު ޝައުގުވެރިކަމެއްގެ ސަބަބުން ކުރި ބުރަ މަސައްކަތުންނެވެ.
އަދި އަދަށް ވެސް އާޓް ކިޔަވާނެ ފުރުސަތެއް ނުލިބޭ. އެކަމަކު މިހާރު އަހަރެމެން އެބަ ކިޔަވައިވެސްދެން އޯލެވެލް އަށް އޭލެވެލްއަށް ކިޔަވާ ކުދިންނަށް ވެސްޢަބުދުލް ޙަކީމް ޢަބުދުލް ޤާދިރު (އައްދު)

ފަންސުރުން ކުރަހާފައިވާ ރައީސް އިބްރާހިމް ނާސިރުގެ ފޮޓޯއެއް-- ސަން ފޮޓޯ/ އައްދު
އައްދު ބުނީ އޭނާ އެންމެ ފުރަތަމަ ކުރަހަން ފެށީ ދައްތަ އާއި އެކު ގޭގެ ގޯތިތެރޭގައި ބިންގަނޑުގައި އިނގިލިން ކަމަށެވެ. އަދި އެގޮތަށް ކުރަހަން ފެށި އިރު ކުރަހަނީ ލޮލަށް ފެންނަ ތަކެތި ކަމަށް އެނާ ބުންޏެވެ.
"... ފޮތެއް ނުލިބޭ. ފަންސުރެއް ނުލިބޭ. ދެން އަހަރެމެން ކުރަހަނީ ބިންމަތީގައި ކުރަހަނީ. އަހަރެމެން ގޭ ގޯތިތެރެ ވަރަށް ބޮޑުވާނެ. ދެން ބިންމަތީގައި އިނގިލިން ކުރަހަނީ އަހަންނާއި އަހަރެންގެ ދައްތައާ. އެއީ ގާތް ގަނޑަކަށް ސިކްސް ސެވަން އިޔާސްގައި،" ކުރަހަން ފެށުނު ގޮތް ކިޔައިދެމުން އައްދު ބުންޏެވެ.
އޭނާއަށް ކުރަހާ ފޮތަކާއި ފަންސުރު ލިބުނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ. އަދި އެއީ އޭނާ ވަރަށް އުފާވި ދުވަހެކެވެ.
ފުރަތަމަ ކޮންމެ ފަދަ ދަތިކަމެއް ކުރިމަތި ވިޔަސް މިހާރު އޭނާއަކީ ރާއްޖޭގެ ތާރީހީ ކުރެހުންތެރިއެކެވެ. އޭނާ މިހާރު އެވަނީ ރާއްޖޭގެ ތާރީހަށް ޓަކައި ރައްކާކުރަން ޖެހޭ އުފެއްދުމެއް އުފައްދާފަ އެވެ.