27 Jul 2015, 21:02
ދިމިޝްގު (ޖުލައި 27): ސީރިޔާގައި ހިނގަނީ ސީޔާސީ ކަންތައްތަކެއް ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލުތަކާމެދު ހުޅަނގުން ފާރަވެރިވަނީ ވަރަށް މުނާފިގު ގޮތެއްގައި ކަމަށް ސީރިޔާގެ ރައީސް ބައްޝަރުލް އަސަދު ވިދާޅުވެއްޖެވެ.
ސީރިޔާގެ ޓްރޭޑް ޔުނިއަންތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާ ދިމިޝްގުގައި ބައްދަލުކުރައްވައި ބައްޝާރު ވިދާޅުވީ ހުޅަނގުން ޓެރަރިޒަމްކަމަށް ދެކެނީ އެބައިމީހުންނަށް ކަމެއް އަމާޒުވުމުން ކަމަށާއި ނަމަވެސް ސީރިއާގެ ސަރުކާރަށް އަމާޒުކޮށް ހިންގަމުންދާ ކަންތައްތަކަކީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ހުޅަނގުން ނުދެކޭ ކަމަށެވެ.
ބައްޝާރު ވިދާޅުވީ އޭނާގެ ގައުމުގެ ބޮޑުބައެއް ޓެރަރިސްޓުންގެ އަތްދަށަށްގޮސް ޓެރަރިސްޓުންގެ ހާއްޔަކަށްވެފައިވާއިރު ޓެރަރިޒަމާ ކުރިމަތިލުމަށްޓަކައި އޭނާގެ ގައުމުން އަމަލުކުރާގޮތަށް ކޮންމެ ގައުމަކުންވެސް އަމަލުކުރާނެ ކަމުގައެވެ.
ޓެރަރިޒަމަކީ ބަލިމަޑު އަދި މަގުން ކައްސާލާފައިވާ ފިކުރެއްކަމަށާއި ސީރިޔާއަކީ ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބައްޝާރު ވިދާޅުވީ ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އޭނާގެ ސަރުކާރުން އިސްކަމެއް ދޭކަމެއް ކަމަށާ ނަމަވެސް މިހަނގުރާމައަކީ ސިޔާސީ ބޭނުމެއްގައި ބައެއް ގައުމުތައް ފަހަތުގައި ތިބެގެން ކުރުވާ ހަނގުރާމައެއްކަމުގައެވެ. އަދި ސީރިޔާ ސަރުކާރުން ހަނގުރާމަކުރަނީ ރައްޔިތުންނާ ނޫންކަަމަށާއި ޓެރަރިޒަމާ އަދި ޓެރަރިސްޓުންނާ ކަމަށްވެސް ބައްޝާރު ވިދާޅުވިއެވެ.
ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތައް ކަމަށްވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ ޖަމާއަތްތަކުގެ ކުރިމަތީގައި ސީރިޔާ ސިފައިން މިފަހަކަށް އައިސް އިނދަޖެހި ފަހަތަށް ޖެހެމުންދާ މައްސަލައަށް ބައްޝާރު އެއްބަސްވެ ވަޑައިގެންނެވިއެވެ. ނަމަވެސް މިއީ ސިފައިންގެ އަދަދު މަދުވުމުގެ ސަަބަބުން ކުރިމަތިވަމުންދާ މައްސަލައެއްކަަމަށާއި ސީރިޔާ ސިފައިންގެ ތެރެއަށް ޒުވާނުން ވަނުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ބައްޝާރު ވިދާޅުވި އެވެ. (ރޮއިޓާސް)