ދިވެހި ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އިންޑިއާގެ މައިސޫރުގައި ދިރިއުޅޭ ދިވެހީން މިނިވަން ދުވަސް ފާހަގަކޮށްފި އެވެ.

މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން އިން އިންތިޒާމްކޮށްގެން މިނިވަން ދުވަސް ފާހަގަ ކުރުމަށް "މިނިވަން 50"ގެ ނަމުގައި ވަނީ ހާއްސަ ހަވީރެއް ބާއްވާފަ އެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހަވީރުގައި ފޭސް ޕެއިންޓް ކުރުމާއި ކޭކު ފެޅުން ފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ އެސޯސިއޭޝަން އިން ވަނީ ބުނެފަ އެވެ.

މައިސޫރުގައި ބޭއްވި ކުޑަ ކުދިންގެ ހަވީރުގެ ތެރެއިން: ފޮޓޯ: މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން

އެ އެސޯސިއޭޝަން އިން ބުނި ގޮތުގައި އެފަދަ ހަވީރެއް ބޭއްވުމުގެ ބޭނުމަކީ މައިސޫރުގައި ދިރިއުޅޭ ދިވެހިންނަށް މިނިވަން ދުވަސް ފާހަގަކޮށް އެއްތަނަކަށް އެއްވެ ވަގުތު ހޭދަ ކުރުމުގެ ފުުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށެވެ.

މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން އަކީ މައިސޫރުގައި ދިރިއުޅޭ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރީން ތަމްސީލު ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ މައިސޫރުގައި ދިރިއުޅޭ ދިވެހީންނަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވެ އެވެ.