27 Jul 2015, 17:13
މީގެ ކުރިން އެއީ އަނދިރި ތަނެކެވެ. ހަމަހިމޭން ކަން ވެރިވެފައި އޮތަސް ހިތްގައިމުކަމެއް ނުހުރެ އެވެ. ނަމަވެސް މިނިވަން 50 އާ އެކު ގައުމަށް މިއައި އަލިކަމާ އެކު އެ ސަރަހައްދު ވެސް މިވަނީ ބަބުޅަން ފަށައިފަ އެވެ. މިދައްކަނީ ސަލްޓަން ޕާކް ލެޑުން ދިއްލޭ ގަސްތަކެއް ބަހައްޓައި މުޅި އެޕާކް ޖަރީކުރި ވާހަކަ އެވެ.
މިނިވަން 50 އާ ގުޅުވައިގެން ސަލްޓަން ޕާކަށް ޒީނަތްތެރިކަން ގެނެސް މިރޭ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނަބަލުން އެ ޕާކް ހުޅުއްވައި ދެއްވާއިރު އެތަން ވެފައި ވަނީ ގިނަ ބަޔަކު ގޮސް ހިތްއުފާ ކުރާ ސަރަހައްދަކަށެވެ.

ސަލްޓަން ޕާކް މަސައްކަތް ކުރި ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހްމަދު ނިޔާޒު މިއަދު "ސަން"އަށް ވިދާޅުވީ އެ ޕާކުގެ އެކި ސަރަހައްދުތަކުގައި ޖުމުލަ ޕަލާސްޓިކް 72 ގަސް އަލަށް ބަހައްޓާފައި ހުންނާނެ ކަމަށާއި އެ ގަސްތަކަކީ ލެޑް ލައިޓުން ދިއްލިފައި ހުންނާނެ ގަސްތަކެއް ކަމަށެވެ.
"އެއީ ގާޑަންއެއްގައި ހުންނާނެ ހުރިހާ ސިފަތައް ހިމެނޭ ގަސްތަކެއް ރާވާލާފައި މިތާ މިހުންނަނީ ދިއްލާލާފައި. އަނެއްހެން މަތި އަނދިރިކޮށް،" ނިޔާޒު ވިދާޅުވި އެވެ.

އެ 72 ގަހުގެ ތެރޭގައި ދިވެހިން ލޯބި ކުރާ ފިނިފެންމަލުން ފެށިގެން އެކި ކަހަލަ ގަސްތައް ހިމެނޭ އިރު ތަފާތު އެކި ކުލަކުލަތަކުން ގަސްތައް ވިދައި ބަބުޅަ އެވެ. އެ ޕާކް ތައްޔާރު ކުރެވިފައި މިވަނީ މުޅި ޕާކްތެރޭގައި ހިނގައި ހިތް އުފާކުރުމުގެ އިތުރުން ފޮޓޯ ނެގުން ފަދަ ކަންކަން ހިމެނޭ ގޮތަށެވެ.
"މިތަން އޮންނާނީ ވަރަށް ބޮޑަށް ދިއްލިފައި. ދެން ގަސްތައްކައިރީގައި ސެލްފީ ނެގުމާއި ފޮޓޯތައް ނަގަންވީ،" ނިޔާޒު ވިދާޅުވި އެވެ.

ތަފާތު ރީތި ކުލަތަކުން ޕާކުގެ އެކި ސަރަހައްދުތައް ދިއްލޭއިރު ހިރަފުސްކަން ކަނޑުވާލަން ޕާކަށް ވަނީ ދޮންވެލި ލައި ހުދު ދޫލައެއް ފަދައިން ރީތިކޮށްފަ އެވެ.
މީގެ ކުރިން ރޭ ވެއްޖެ ނަމަ ނާންމާކަން އޮންނަ އެ ޕާކް ދެން ދާއިމަށް އެނަލަ ކަންމަތީ ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ކޮންމެ ރެއަކު 6:00 ޖެހުމާ އެކު ލެޑް ލައިޓުތަކުން މުޅި ޕާކް ދިއްލާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ހިތް އުފާކޮށްލާ މައިޒާންތައް މަދު މާލެއިން މިފަހަރު މިލުބުނީ އިތުރު ހިތްހަމަޖެހުމެކެވެ.