އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަށް ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލެ އާއި އަތޮޅު ތެރޭގައި ތަފާތު ކުރުންތަކެއް ހުރުން ކަމަށް ވިމެން އޮން ބޯޑްސް (ޑަބްލިއުއޯބީ) މޯލްޑިވްސް އިން ބުނެފި އެވެ.

އަންހެނުން ބާރުވެރި ކުރުވައި އަންހެނުންނަށް ހަމަހަމަ ކަމާއެކު ގިނަ ފުރުސަތުތަކެއް ހޯދައި ދިނުމަށް އުފައްދާފައިވާ ޖަމިއްޔާ، ޑަބްލިއުއޯބީގެ ފައުންޑާ ފާތިމަތު ޝަފީގާ ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ދެ ޖިންސުގެ މެދުގައި ހަމަހަމަކަން ދެމެހެއްޓުމަށް ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވުމުން ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އަދި މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގެ މެދުގައި ހުރި ތަފާތުތަކާއި ޒަމާނުއްސުރެ ރާއްޖޭގެ ސަގާފަތުގައި އަންހެނުނާ ދޭތެރޭގައި ދެކެމުން އައި ގޮތުގެ ސަބަބުން ޖިންސުގެ ހަމަހަމަކަން ގާއިމް ކުރުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"... މި ލަނޑުދަނޑި ހާސިލް ކުރުމަށް ރާއްޖެއަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި މާލެ އާއި އަތޮޅުތަކުގެ ރަށްތަކުގެ މެދުގައި ހުރި ތަފާތުތަކާއި އިހުޒަމާނުއްސުރެ ރާއްޖޭގެ ސަގާފަތުގައި އަންހެނުންނާއި ދޭތެރޭގައި ދެކެމުން އައި ގޮތާ، ގާނޫނީ ގޮތުން އަންހެނުން ބާރުވެރި ކުރުވުމަށް ހުރި ގޮންޖެހުންތައް ހިމެނޭ،" ޑަބްލިއުއޯބީގެ ފައުންޑާ ފާތިމަތު ޝަފީގާ ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޖިންސުގެ ހަމަހަމަކަމަށް ކުރިއެރުން ނުލިބި، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޖެންޑާ އެމްޕަވާމެންޓް އިންޑެކްސްގައި ރާއްޖެ ފުލަށް ވެއްޓިފައިވާ ކަމަށެވެ.

އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮތް ފަރަގު ކުޑަކޮށް އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ގައުމީ ޓީމަށް މުސާރަ ދޭން ފެއްޓުމަކީ އޭގެ އަލިގަދަ ހެއްކެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"އަޅުގަނޑުމެން މިއަދު އުފަލާއެކު ފާހަގަ ކޮށްލަންޖެހޭ ކަމަކީ އަދުގެ ސަރުކާރުން ފާއިތުވި ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްގިއަށް ހާއްސަކޮށް އަންހެނުން ބާރުވެރިކުރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާ ނަތީޖާ ހާސިލްކުރައްވަމުން ގެންދަވާކަން،" ޑަބްލިއުއޯބީގެ ފައުންޑާގެ ބާޔާނުގައި ބުނެފައިވެ އެވެ.

"މިގޮތުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަންހެނުންގެ ޑޮކްތަރަން ހަމަކުރައްވުމަށް ނިންމައި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމުތަކުގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމަވައި ކުޅިވަރުގެ ތެރެއިން އަންހެން ކުދިންނާއި އަންހެނުން ބާރުވެރި ކުރުމަށް ގައުމީ އަންހެން ޓީމުތަކަށް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުސާރަ ދެއްވަން ފެއްޓެވުން ހިމެނޭ."