ފަލަސްތީންގެ މިނިވަންކަމަށް އެގައުމުން ކުރާ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުރުމަށް އެގައުމުގެ ސަރުކާރާއި ރާއްޖޭގެ ސަރުކާރުގެ މަންދޫބުން ހިމެނޭ އިންޓަ ގަވަމެންޓަލް ޖޮއިންޓް ކޮމިޓީ" އެއް އުފެއްދުމަށް ދެގައުމުން އެއްބަސްވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޓީ އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ފަލަސްތީނުގެ ފޮރިން މިނިސްޓަރު އިޔާދު މާލިކީ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރާނެ ރަނގަޅު ޕްލެޓްފޯމަކަށް ޖޮއިންޓް ކޮމިޓީ ވެގެން ދާނެ ކަމުގެ ޔަގީންކަން އެކަމަނާއަށް އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި ފަލަސްތީނު މީހުންނަށް ހާއްސަ މަގާމެއް އަބަދުވެސް އޮންނަ ކަމަށެވެ. އަދި ވިދާޅުވީ ފަލަސްތީނު މީހުން އެމީހުންގެ މިނިވަންކަމަށް ކުރަމުން އަންނަ މަސައްކަތަށް އަބަދު ވެސް ރާއްޖެ އިން ތާއީދު ކުރާނެ ކަމަށެވެ.

ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ފޮރިން މިނިސްޓަރު އިޔާދު މާލިކީ ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމަށް އަމަލީ ސިފަ ގެނައުމަށް ރާއްޖޭގެ ސަރުކާރާ އެކު ފުރިހަމައަށް އެއްބާރުލައިގެން މަސައްކަތް ކުރަން ފަލަސްތީނު ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.

"...އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެންނަށް ތަފާތު ކަންތައްތަކެއް ކުރެވިދާނެ ކަމަށް،" އެއްބަސްވުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިޔާދު ވިދާޅުވި އެވެ.