ދިވެހި ރާއްޖެ އާއި ސައުދީ އަރަބިއްޔާ އާއި ދެމެދު ޖޮއިންޓް ވެންޗާ އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

މިނިވަން 50 ގެ ހަރަކާތްތަކުގައި ބައިވެރިވެވަޑަައިގަތުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދީ ވަފުދާ ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ސައުދީ އާއި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސައުދީ ވަފުދާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ސައުދީ އާއި ރާއްޖެ އާއި ދެމެދު ދަތުރުފަތުރު ކުރުމަށް ދިމާވާ ދަތިތަކާބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެގައުމުދޭތެރޭ ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިއަދުގެ މިބައްދަލުކުރެއްވުމުގައި، މިނިސްޓާ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުހައްމަދު ޝައިނީ އާއި ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ހަމީދު ބައިވެރިވެވަޑައިގަތެވެ.