"މާލްދީބު"ގެ ނަމުގައި ދައުލަތުގެ މީޑިއާ، ޕަބްލިކު ސާވިސް މީޑިއާ (ޕީއެސްއެމް) އިން މަޖައްލާއެއް ނެރެފި އެވެ.

މުލިއާގޭގައި މިއަދު މެންދުރު މިކަމަށް ޓަކައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މަޖައްލާ ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބުރާހީމެވެ. އެ މަޖައްލާގެ ކޮޕީއެއް އެކަމަނާއަށް ޕީއެސްއެމްގެ ފަރާތުން ވަނީ އަރުވާފައި އެވެ.

މާލްދީބު މަޖައްލާ އަކީ ހަފުތާއަކު އެއް ފަހަރު ނެރުމަށް ހަމަޖެހިފައިވާ މަޖައްލާ އެކެވެ. ޕީއެސްއެމުން ބުނީ މި މަޖައްލާ ވީހާވެސް ގިނަ ތަންތަނުން ކިޔޭނެ ގޮތް ހެދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ތެރޭގައި ފާސްކޮށްފައިވާ ޕަބްލިކު ސާވިސް މީޑިއާގެ ގާނޫނު ބުނާ ގޮތުން ޤާނޫނަށް ޢަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ޚިދުމަތް ޒަމާނީކުރުމާއި އެ ޚިދުމަތް ފުޅާކުރަމުން ގެންދާނެގޮތުގެ ޕްލޭނެއް ގަވާނިން ބޯޑުން އެކުލަވާލަންޖެހެ އެވެ.

އެގޮތުން އެ ޕްލޭންގެ ދަށުން، އެއް ވެބްސައިޓް، އެއް ޓީވީ ޗެނަލް، އެއް ރޭޑިއޯ ޗެނަލް، އަދި ޕްރިންޓް މީޑިއާގެ ޚިދުމަތްދޭ އެއް ވަސީލަތް ޕަބްލިކް ސަރވިސް މީޑިއާއިން ދިނުން ލާޒިމު ޚިދުމަތްތަކެއްގެ ގޮތުގައި އޮންނަންވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.

"މާލްދީބު" މަޖައްލާ ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަދި މަޖައްލާގެ އެޑިޓަރު އިބްރާހިމް ޚަލީލު ވިދާޅުވީ މިއަދު ނެރެވުނު މަޖައްލާ ނުވަތަ ޕްރިންޓު މީޑިއާގެ ވަސީލަތް އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޗާޕުކޮށްގެން މަޖައްލާ ނެރުނެއް ކަމަކު މަޖައްލާގެ ޕޭޖަކަށް ފިތާލީމާ އިންޓަވިއު އަޑު އިވެންވާނެ މިއަދު. މަޖައްލާގެ ޕޭޖަކަށް ފިތާލީމާ ވީޑިއޯ ބެލެންވާނެ މިއަދު. އެހެންވީމަ މި މަޖައްލާގެ ތަފާތު ވާޝަންތައް ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެން ތައާރަފު ކުރާނަން. މާނައަކީ މަޖައްލާ މިއަދު ނުކުންނަ އިރު ރާއްޖޭގެ ކަންކޮޅުތަކުން ކޮންމެ ރައްޔިތަކަށްމެ އަދި ރާއްޖެ އިން ބޭރުން ވެސް ދިވެހިން ބޭނުން ކޮންމެ ވަގުތެއްގައި މަޖައްލާއަށް ވިޒިޓުކޮށްލާ މަޖައްލާގައި ހުރި ލިޔުންތައް ކިޔާލާ ވީޑިއޯ ބަލާލާ، އޯޑިއޯތައް އަޑުއަހާލެވޭނެ،" ހަލީލު ވިދާޅުވި އެވެ.

"މާލްދީބު" މަޖައްލާ ނެރެދިނުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ހަލީލު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ޚަލީލު ވިދާޅުވީ މިއަދު ނެރެވިގެން ދިޔަ "މާލްދީބު" މަޖައްލާގެ ޓީވީ އެޑިޝަނަކާއި ރޭޑީއޯ އެޑިޝަނެއް ތައްޔާރުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ.

ޕީއެސްމުން ވަރަށް އަވަހަށް ރައްޔިތުންނާ ހަމައަށް މުޅިން އާ ޗެނަލެއް ލޯންޗު ކުރާނެ ކަމަށާއި އެގޮތުން ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ޚާއްސަ ޗެނަލެއް ހުޅުވާނެ ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދާދި އަވަހަށް ޒުވާނުންނާ ކުޅިވަރަށް ޚާއްސަ ޗެނަލެއް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހުޅުވިގެން ދާނެ. ދާދި އަވަހަށް ހަބަރަށް ހާއްސަ ޗެނަލެއް މުނިފޫހި ފިލުވުމަށް ހާއްސަ ޗެނަލެއް ހުޅުވިގެން ދާނެ. އަދި އިރާދަކުރެއްވިއްޔާ އަންނަ އަހަރު މޯލްޑިވްސް މި ނަމުގައި ބައިނަލްއަގުވާމީ ޗެނަލެއް ލޯންޗު ކުރާނަން. އެ ޗެނަލަކީ 100 ޕަސެންޓު އިނގިރޭސި ޗެނަލެއް. މިއީ މިހާރު އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް،" ޚަލީލު ވިދާޅުވި އެވެ.