ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަ ބަނޑޭރި ކިލެގެފާނަކީ ޢާއިލީ ގޮތުން ބަލާއިރު ރާއްޖޭގައި ރަސްކަންކުރެއްވި ދިޔަމިގިލީ ރަސްދަރިކޮޅާއި އަދި ހުރާގޭ ރަސްދަރިކޮޅުގެ އިތުރުން ސައްޔިދު މަތިކޮޅާ ވެސް ގުޅިފައިވާ ބޭފުޅެކެވެ.

ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަ ބަނޑޭރި ކިލެގެފާނަކީ، އައްސައްޔިދު މުޙައްމަދު ހޮޅި ނަޚާ އަލްމަލާބާރީގެ، އައްސައްޔިދު އަލްވަޒީރު ފަސްމަންދޫ ޙަސަން ހަކުރާ ތަކުރުފާނުގެ، އައްސައްޔިދު އަލްވަޒީރު ހޮޅި ޙަސަން ހަކުރާ މަނިކުފާނުގެ، އައްސައްޔިދު އަލްވަޒީރު ޢަލީ ދޮށިމޭނާ މަނިކުފާނު __ އައްސުލްޠާން މުޒައްފަރު މުޙައްމަދު ޢިމާދުއްދީނު 2 ވަނަގެ، އައްސުލްޠާން އިބްރާހީމް އިސްކަންދަރު 2 ވަނަގެ ސަންފާ ރަންދިކަނބާފާނުއާ (އައްސައްޔިދު އަލްވަޒީރު ޢަލީ ދޮށިމޭނާ މަނިކުފާނު) ކާވަނިފުޅު ބައްލަވައިގެން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ކަމުގައި ވާ އިބްރާހީމް މަނިކުފާނު (ނުވަތަ ކީހި އިބްރާހީމް ދީދީ)ގެ، ވީރު ޙަސަން ދީދީ (ބީރު ޙަސަން ދީދީ)ގެ، ޢަލީ މަލިން މަނިކުފާނުގެ، މަލިންގޭ ޙަސަން ދީދީ (ވެލާނާ މަނިކުފާނު)ގެ، ވެލާނާގޭ މުޙައްމަދު ދީދީ (މުޙައްމަދު މާހިރު ދީދީ)ގެ، ދަރިކަލުން ވެލާނާގޭ އަޙްމަދު ދީދީގެ، އިބްރާހީމް ދީދީ ނުވަތަ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަ ބަނޑޭރި ކިލެގެފާނެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަމީން ފައިސަލް އާއި އިނގިރޭސި ވިލާތަށް ދިވެހި ދައުލަތުން ކަނޑައަޅުއްވައިފައި ހުންނެވި ސަފީރު ޑރ. ފަހަރަނާޒް ފައިސަލް، މިދެބޭފުޅުންގެ ބައްޕަ އަބްދުލް މަޖީދު މާހިރު އާއި އީޕީއެސް ސްކޫލުގެ އެއް ބާނީ އަދި އެ ސްކޫލުގެ ޕްރިންސިޕަލްކަން ގިނަދުވަސްތަކެއް ވަންދެން ކުރެއްވި ހަސަން މާހިރު އާއި ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ މާހިރު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ މާމަ އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއީލް ވަޖީހުގެ މަންމަ އާމިނަތު މާހިރު އަކީ ނާސިރުގެ ކާފަ ވެލާނާގޭ މުހައްމަދު ދީދީގެ ބޭފުޅުންނެވެ. އަދި ނާސިރުގެ ދައުރުގައި ބޮޑުވަޒީރުކަން ކުރެއްވި އޮނަރަބަލް އަހުމަދު ޒަކީ އަކީ ވެސް ނާސިރުގެ ކާފަ ވެލާނޭގެ މުހައްމަދު ދީދީ އަށް މަންމަ ފަރާތުން ކާފަ ވިދާޅުވާ ބޭފުޅެކެވެ.

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުގެ ބައްޕަ ވެލާނާގޭ އަޙްމަދުދީދީގެ މަންމައަކީ، ހުރާ ދޮން މަރަދުރު ފަޑިއްތަކުރުފާނުގެ، އިބްރާހީމް އެދުރު ތަކުރުފާނުގެ ޢަލީ ބޮޑު މުރީދު ތަކުރުފާނުގެ، ގަލޮޅުގޭ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ، ދޮން އަޙްމަދު ދީދީ ދޮށިމޭނާ ކިލެގެފާނުގެ، ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ، އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ___ ހުރާ ދޮންމަރަދުރު ފަޑިއްތަކުރުފާނުގެ، އިބްރާހީމް އެދުރު ތަކުރުފާނުގެ، ޢަލީ ބޮޑު މުރީދު ތަކުރުފާނުގެ، މުޙައްމަދު ކުޑަ މުރީދު ތަކުރުފާނުގެ، އާމިނާ މަނިކުފާނުގެ، ޢާއިޝާ މަނިކުފާނުގެ، ތޮއްޑޫގޭ ޢަލި މަނިކު (ޢަލި މަނިކުފާނު)ގެ، އެއްގަމުގޭ ޙަސަން ފާމުލަދޭރި ކިލެގެފާނުގެ، ސަންފާ ދޮންދީދީއާ (އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު) ކުރެއްވި ކާވަނިފުޅުން ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ކަމުގައި ވާ އަތިރީގޭ ފާޠިމަތު ތުއްތު ދޮންދީދީއެވެ. އިބްރާހީމް ނާޞިރުގެ ބައްޕަ ފަރާތު މާމަ އަތިރީގޭ ތުއްތު ދޮންދީދީއާ އެއްބަނޑު އެއްބައްޕާ ބޭފުޅުންނަކީ، ސުމުއްވުލް އަމީރުލް ޙާއްޖު ޢަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލެގެފާނާއި، ޢަބްދުލް ޙަމީދު އަފަންދީ އާއި އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނު (ސުމުއްވުލް އަމީރު މުޙައްމަދު އަމީންގެ ބައްޕަ)އާއެވެ. އަތިރީގޭ ތުއްތު ދޮންދީދީއާ އެއްބަނޑު ވަކިބައްޕާ ބޭފުޅުންނަކީ، ހެންވޭރުގޭ ޙަސަން ހަކުރާ މަނިކުފާނުގެ ބޭފުޅުން ކަމުގައި ވާ ހެންވޭރުގޭ އަލްއުސްތާޛު އަޙްމަދު ކާމިލުދީދީ އާއި ހެންވޭރުގޭ މުޙައްމަދު ޢަބްދުއްޞަމަދުދީދީ އާއި ހެންވޭރުގޭ ޅަދީދީ އާއި ހެންވޭރުގޭ މެދުދީދީއެވެ. ހެންވޭރުގޭ މުހައްމަދު އަބްދުއްސަމަދު ދީދީ އަކީ، ނާސިރުގެ ބޮޑުވަޒީރު ކަމުގައި ދިވެހި ދައުލަތުގެ ސަފީރެއްގެ ގޮތުން ދިވެހިރާއްޖޭގެ މިނިވަން ކަމުގެ ވާހަކަތަކުގައި ބައިވެރިވެވަޑައިގަތް އަލްފާޟިލް އަބްދުއްސައްތާރު މޫސާ ދީދީގެ ކާފަ އެވެ.

އިބްރާހީމް ނާޞިރުގެ ބައްޕަ ވެލާނާގޭ އަޙްމަދުދީދީ ކުރައްވައިފައި ވަނީ ތިން ކާވަނިފުޅެވެ. އެއީ ކަހަނބުގޭ ސީދީގެ މަލިންގޭ ތުއްތު ސިއްތިއާ ކުރެއްވި ކާވަނިފުޅާއި، ކަރިއްޔާ ޙަސަންދީދީގެ ޙުސައިންދީދީގެ މަރްޔަމްދީދީގެ މޫސާދީދީގެ ޢާއިޝަތުދީދީއާ ކުރެއްވި ކާވަނިފުޅާއި، ވެލިދޫގޭ ޙަސަންދީދީގެ ފާޠިމަތުދީދީއާ ކުރެއްވި ކާވަނިފުޅެވެ. ވެލާނާގެ އަޙްމަދުދީދީގެ ބޭފުޅުންގެ ތެރެއިން މަލިންގޭ އާމިނަތުދީދީ އާއި މަލިންގޭ ޢާއިޝަތުދީދީގެ މަންމައަކީ މަލިންގޭ ތުއްތު ސިއްތިއެވެ. ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު އާއި ފާޠިމަތު ޝީރީންގެ މަންމައަކީ ޢާއިޝަތު މޫސާދީދީއެވެ.

އިބްރާހީމް ނާޞިރުގެ މައިކަނބަލުން ނިސްބަތްވެ ވަޑައިގަންނަވަނީ ފުވައްމުލަކަށެވެ. އިބްރާހީމް ނާޞިރުގެ މައިކަނބަލުން ޢާއިޝަތު މޫސާދީދީގެ ޢާއިލާއަކީ މެދުކެނޑުމެއް ނެތި އެތައް ޖީލަކަށް ފުވައްމުލަކުގެ ވެރިކަން ކުރައްވައިފައިވާ ޚިދްމަތްތެރި، ޢިލްމުވެރި ޢާއިލާއެކެވެ. ޢާއިޝަތު މޫސާދީދީގެ ބައްޕައަކީ ޔަމަނުކަރައިގެ ޙަޟްރަމައުތުގެ ބާޢަލަވީ ސައްޔިދު ދަރިކޮޅެއް ކަމުގައިވާ ޝައްޤާފު ވަންހައިގެ ސައްޔިދު ބޭކަލަކު ކަމުގައިވާ ނަޚްދާއަކު އިންޑިޔާގެ މަލާބާރަށް (ކެރެލާ ސްޓޭޓުގެ ކާލީކޯޓަށް) ވަޑައިގެން މަލާބާރުގެ އަންހެން ބޭފުޅަކާ ކައިވެނި ބައްލަވައިގެން އުފެދުނު މަޝްހޫރު ނަހާ ދަރިކޮޅުގެ ސައްޔިދު ބޭކަލެއް ކަމުގައިވާ އައްސައްޔިދު މުޙައްމަދު ނަހާ އަލްމަލާބާރީ އަލްޙަޟްރަމީ (ހޮޅި ނަހާ)، ދިވެހި އަންހެން ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ފަސްމަންދޫ އައްސައްޔިދު އަލްވަޒީރު ޙަސަން ހަކުރާ ތަކުރުފާނު، - އަލްޙާފިޡް މުޙައްމަދުލް މިޞްރީގެ ދަރިކަލުން އެދުރު ޙަސަން ނާއިބު ރަނަހަމާދި ތަކުރުފާނުގެ ދަރިކަލުން އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ ޒުލައިޚާބީގެ އަތިރީ ޙައްވާބީގެ އަތިރީ ކަމަނާ (ނޮޅިވަރަންފަރު ބޮޑު ހަނދޭގިރިންގެ ދަރިކަނބަލުން އަތިރީ ކަމަނާ)އާ ކައިވެނިބައްލަވައިގެން ލިބިވަޑައިގެންނެވި ފާޠިމާ މާވާކިލެގެފާނުގެ ޢާއިޝާކަނބާފާނާ، - އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (2 ވަނަ) ގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2 ވަނަ) ކައިވެނިފުޅު ބައްލަވައިގެން އެރަދުންނަށް ފުރަސޫތާވި އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީނު އިސްކަންދަރު (ޝަހީދުކުޅަ ބަންޑާރައިން / ޙާޖީ ބަންޑާރައިން)ގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަލުން އަންނަބީލު ކަރައްޔެ ޙަސަންދީދީގެ ޙުސައިންދީދީގެ ދަޑިމަގު ގަނޑުވަރު މަރްޔަމްދީދީއާ، - އަލްފަޤީހް ސުލައިމާން ޤާދިރުގެ ސޫރަތު ޤާދިރުގެ ޢީސާ ޤާދިރުގެ އަލްފަޤީހް އަލްޙާފިޡް ޔޫސުފް ނާއިބުގެ މީދޫ ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބުގެ ހޯދަޑި ދޮން ޙަސަން ޚަޠީބުގެ އަދަރަހަން ޚަޠީބުގެ އުތުވާން ޚަޠީބުގެ ސީދި ނާއިބު ކަލޭގެގެ އަލީ އަޑަފި ކަލޭގެގެ ކޭހަރިތައި ނާއިބު ކަލޭގެގެ ދޮން އަބަރަހަން ކަތީބު ކަލޭގެ ފުތް މޫސާ ކަތީބު ކަލޭގެ ފުތް އިބްރާހީމް ކަތީބު ކަލޭގެ ފުތް އަބުލެމަގި ދޮން ޙުސައިން ކަތީބުގެ ދިޔަރެހިމަގު ދޮން ޙަސަން ޚަޠީބު ކަލޭގެފާނުގެ މޫނިފާކު މުދިންކަލޭގެފާނުގެ ހޯދަޑިގޭ ކަތީބު ކަލޭގެފާނު (އަލްޚަޠީބު ޢަލީ) ގެ ދަޑިމައިގޭ ޚަޠީބު އަޙްމަދުގެ ދަޑިމައިގޭ ޚަޠީބު ޙުސައިނުގެ މިސްކިތްދޮށުގޭ ޚަޠީބު އަޙްމަދު (ދޮންތަކުރުފާނު) ކައިވެނިބައްލަވައިގެން ލިބިވަޑައިގަތް ނަޔާގޭ އައްނާއިބު އަލްޚަޠީބު މޫސާދީދީއެވެ.

އިބްރާހީމް ނާސިރުގެ މައިކަނބަލުން ޢާއިޝަތު މޫސާ ދީދީއާ އެއްބައްޕާ ވަކި ބަނޑު ބޭފުޅުންނަކީ، ނަޔާގޭ މޫސާދީދީގެ ފާތިމަތު ދީދީ އާއި އަބްދުﷲ މުފީދު އާއި ހަސަން މޫސާދީދީ އާއި އާމިނަތު ދީދީއާއި އަލީ މޫސާ ދީދީ އާއި ދޮންތުއްތު ދީދީ އާއި އައްނައިބު އަލްޚަތީބު އިބްރާހީމް ސަޢީދު މޫސާ އެވެ. މި އިބްރާހީމް ސައީދު މޫސާ އަކީ ފުވައްމުލަކުގެ ނައިބުކަން އެންމެ ފަހުން ކުރެއްވި ބޭފުޅާ އެވެ. މިއީ ވަރަށް ޢިލްމީ ބޭފުޅެކެވެ. ޝަރުޢީ ޢިލްމާއި ނިޔަމި ކަމުގެ ޢިލްމު ރަނގަޅަށް ދެނެވަޑައިގެން މި ދެރޮނގުގައިމެ ފޮތް ލިޔުއްވި ބޭފުޅެކެވެ. ޢަރަބި ބަހުގެ އިތުރުން ފާރިސީ ބަހާއި އުރުދޫ ބަސް ރަނގަޅަށް ދެނެވަޑައިގަންނަވަ އެވެ. އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، ހިޖުރީ މީލާދީ އަށް އަދި މީލާދީ ހިޖުރީ އަށް ބަދަލުކުރާ ކަލަންޑަރު ޓޭބަލެވެ. މީގެ އިތުރުން ތާރީޚާއި ނަސަބުގެ ޢިލްމުގެ މައްޗަށް ވެސް އިބްރާހީމް ސަޢީދު މޫސާ ވަނީ ވަރަށް އަގުހުރި ލިޔުންތަކެއް ލިޔުއްވައިފަ އެވެ. ދިވެހި އަދަބިއްޔާތުގެ ރޮނގުން ފާހަގަކޮށްލެވޭ މަޝްހޫރު ޅެންވެރިއެއް ކަމުގައިވާ ޏ. ޢަލީ ޝަރީފަކީ އިބްރާހީމް ސަޢީދު މޫސާގެ ބޭފުޅެކެވެ. މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ނާސިރު ސިންގަޕޫރަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ފަރާތްޕުޅުން ކަންކަން ހިންގެވުމާ ހަވާލުވެ ހުންނެވި ސީޕްރިއާ އަބްދުﷲ ސައީދަކީ ނާސިރުގެ ބޮޑު ބޭބެ، އަލީ މޫސާ ދީދީގެ ބޭފުޅެކެވެ. މަޝްހޫރު ލިޔުއްވުންތެރިޔާ އަބްދުﷲ ފާރޫޤު ހަސަން އާއި ސިވިލް ސާރވިސް ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރު މެލޭޝިއާ އަށް ދިވެހި ދައުލަތުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފަހުމީ ޙަސަން އާއި ފުވައްމުލަކުގެ ބޮޑު ކަތީބުކަން ގިނަ އަހަރު ތަކެއް ވާންދެން ކުރެއްވި އަދި މިހާރު ކައުންސިލްގެ ޒިންމާދާރު ވެރިއެއްގެ ގޮތުގައި ހުންނެވި މުނީރު ޙަސަން އާއި އައްޝެއިޚް މޫސާ އަންވަރު ހަސަން އަކީ ނާސިރުގެ ބޮޑުބޭބެ ޙަސަން މޫސާ ދީދީގެ ބޭފުޅުންނެވެ.

ޢާއިޝަތު މޫސާދީދީގެ މަންމަ އަކީ ފުވައްމުލަކު މިސްކިތްދޮށުގޭ އާދަމް ތައްޚާނުގެ ދަރިކަނބަލުން ދަޑިމައިގޭ ޙައްވާފާނެވެ.

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ކުރައްވައިފައި ވަނީ ތިން ކާވަނިފުޅެކެވެ. ކާވަނި ކުރެއްވީ ސޯސަންގޭ ޢާއިޝަތު ޒުބައިރު (ތުއްތުދޮންގޮމާ) އާއި ބަގީޗާގޭ މަރްޔަމް ސަޢީދު އާއި ހިކިފިނިފެންމާގޭ ނަސީމާ މުޙައްމަދު ކަލޭފާނާއެވެ. އިބްރާހީމް ނާޞިރުގެ ދަރިކަލުން އަޙްމަދު ނާޞިރުގެ މައިކަނބަލަކީ ޢާއިޝަތު ޒުބައިރެވެ. މުޙައްމަދު ނާޞިރު އާއި ޢަލީ ނާޞިރާ ދެ ދަރިކަލުންގެ މައިކަނބަލަކީ މަރްޔަމް ސަޢީދެވެ. އިސްމާޢީލް ނާޞިރާއި ޢާއިޝަތު ނާޞިރާ ދެ ބޭފުޅުންގެ މައިކަނބަލަކީ ނަސީމާ މުޙައްމަދު ކަލޭފާނެވެ.

އިބްރާހީމް ނާޞިރުގެ ފުރަތަމަ އަނބިކަނބަލުން ހެންވޭރު ސޯސަންގޭ ޢާއިޝަތު ޒުބައިރު (ތުއްތުދޮންގޮމާ) އަކީ، ހުރާ ދޮން މަރަދުރު ފަޑިއްތަކުރުފާނުގެ، ޙުސައިން ދަހަރާ ތަކުރުފާނުގެ، މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ، އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ، އައްސުލްޠާން ޙަސަން ނޫރައްދީން އަލްއައްވަލުގެ، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އަލްއައްވަލުގެ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 4 ވަނަ (މުސްކުޅި ބަންޑާރައިން)ގެ، އައްސުލްޠާން އިބްރާހީމް ނޫރައްދީނުގެ ދަރިކަނބަލުން އަލްއަމީރާ ޙަލީމާ ނުރައްދީނު (މާވާކިލެގެފާނު ގަނޑުވަރު ގޮމާ)ގެ ދަރިކަނބަލުން ޢާއިޝަތު ޒުބައިރު (ތުއްތުދޮންގޮމާ)އެވެ. މާންދޫވިލާ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ މަރުހޫމު ފިރިކަލުން ޢަބްދުﷲ ޒުބައިރު އަކީ ތުއްތުގޮމާއާ އެއް މަންމާފުޅު ބޭފުޅެކެވެ.

އިބްރާހީމް ނާޞިރުގެ ދެވަނަ އަނބިކަނބަލުން ބަގީޗާގޭ މަރްޔަމް ސަޢީދުއަކީ އައްސައްޔިދު މުޙައްމަދު ނަހާ އަލްމަލާބާރީ އަލްޙަޟްރަމީ (ހޮޅި ނަހާ)ގެ، އައްސައްޔިދު އަލްވަޒީރު ފަސްމަންދޫ ޙަސަން ހަކުރާ ތަކުރުފާނުގެ، އަލްވަޒީރު ހޮޅި ޙަސަން ހަކުރާ މަނިކުފާނުގެ، އަލްވަޒީރު ޢަލީ ދޮށިމޭނާ މަނިކުފާނު ___ އައްސުލްޠާން މުޒައްފަރު މުޙައްމަދު ޢިމާދުއްދީނު (2 ވަނަ) ގެ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2 ވަނަ)ގެ ސަންފާ ރަންދިކަނބާފާނާ (އަލްވަޒީރު ޢަލީ ދޮށިމޭނާ މަނިކުފާނު) ކުރެއްވި ކާވަނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ކަމުގައި ވާ އިބްރާހީމް މަނިކުފާނު (ކީހި އިބްރާހީމްދީދީ) ބީރު ޙަސަންދީދީ، ޢަލީ މަލިން މަނިކުފާނުގެ، މަލިންގޭ ޙަސަންދީދީ (ވެލާނާ މަނިކުފާނު)ގެ، ވެލާނާގޭ ތުއްތުދީދީއާ ___ ހުރާ ދޮން މަރަދުރު ފަޑިއްތަކުރުފާނުގެ، ޙުސައިން ދަހަރާ ތަކުރުފާނުގެ، މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ، އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ، އައްސުލްޠާން ޙަސަން ނޫރައްދީން އަލްއައްވަލުގެ، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އަލްއައްވަލުގެ، ކުޑަކިބާ އިބްރާހީމް ތުއްތުމަނިއްޕުޅުގެ، މޫސާ ވެޔޮގޭ މަނިއްޕުޅުގެ ގަލޮޅުގޭ ޢަލީ މަނިއްޕުޅު (ވެލާނާގޭ ތުއްތުދީދީއާ) ކުރެއްވި ކާވަނިފުޅުން ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ކަމުގައި ވާ މެދުގަނޑުވަރު ތުއްތުގޮމާއާ ___ އައްސުލްޠާން މުޒައްފަރު މުޙައްމަދު ޢިމާދުއްދީނު (2 ވަނަ) ގެ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2 ވަނަ)ގެ ޢާއިޝާ ރަންދިކަނބާފާނުގެ މާވާ މަރްޔަމްދީދީގެ މާވާ ޙުސައިންދީދީގެ އާމިނާ މެދުދީދީއާ ބޮޑުގަލު އިސްމާޢީލް މަނިކު ކާވަނި ކުރައްވައިގެން ލިބިވަޑައިގަތް ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ކަމުގައި ވާ ބޮޑުގަލު މޫސާދީދީގެ ދަރިކަލުން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނު (މެދުގަނޑުވަރު ތުއްތުގޮމާއާ) ކުރެއްވި ކާވަނިފުޅުން ލިބިވަޑައިގަތް އެއް ބޭފުޅަކު ކަމުގައި ވާ މަރްޔަމް ސަޢީދުއެވެ. މަރްޔަމް ސަޢީދުއާ އެއްބަނޑު އެއްބައްޕާ ބޭފުޅުންނަކީ ބަގީޗާގޭ އަލްއުސްތާޛު އިބްރާހީމް ޝިހާބާއި ގުލްފާމުގޭ އަލްއުސްތާޛު ޢަދުނާނު ޙުސައިނެވެ. އެއްބައްޕާ ވަކިބަނޑު ބޭފުޅުންނަކީ ބޮއި މޫސާ ކަލޭގެފާނުގެ ސަންފާމަނިކެގެ މުޙައްމަދު ސަޢީދު އާއި ޢާއިޝަތުދީދީއެވެ. އަދި ވެލިދޫގޭ އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނުގެ ވެލިދޫގޭ ފަނޑިޔާރު ތުއްތުދީދީ (ޙުސައިންދީދީ)ގެ ވެލިދޫގޭ ދޮންދީދީގެ ކަތްދާދީދީ އާއި ޅަދީދީއެވެ. ބޮޑުގަލު މޫސާދީދީއާ އެއްބަނޑު އެއްބައްޕާ އަނެއް ބޭފުޅަކީ ބޮޑުގަލު ޅަތުއްތުދީދީއެވެ. ބޮޑުގަލު މޫސާދީދީގެ ޙުސައިންދީދީއާ އެއްބަނޑު އެއްބައްޕާ އަނެއް ބޭފުޅަކީ ދަރަވަންދޫގޭ ޢަބްދުﷲދީދީއެވެ. މިއީ އަލްއުސްތާޛު މުޙައްމަދު ޖަމީލުދީދީގެ ބައްޕައެވެ.

އިބްރާހީމް ނާޞިރުގެ އަނބިކަނބަލުން ހެންވޭރު ހިކިފިނިފެންމާގޭ ނަސީމާ މުޙައްމަދު ކަލޭފާނަކީ، ކެރަފާ ދަންޑަހެލު ތައްޚާނުގެ ކެރަފާ ޢަލިފުޅު މަސްއޮޑި ޙަލީމާފުޅާ ކުރެއްވި ކާވަނިން ލިބިވަޑައިގަތް ދަރިކަލުން މަސްއޮޑި މުޙައްމަދު ކަލޭފާނު ނުވަތަ ކެރަފާ މުޙައްމަދު ކަލޭފާނު މަސްއޮޑި ތުއްތުކަމަނައާ ކުރެއްވި ކާވަނިން ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެއް ކަމުގައި ވާ ނަސީމާ މުޙައްމަދު ކަލޭފާނެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި އަހުމަދު ނަސީމް އަކީ ނަސީމާ މުހައްމަދު ކަލޭގެފާނާއި އެއްބަނޑުއެއްބައްޕާ ބޭފުޅެކެވެ.