27 Jul 2015, 15:01
މިނިވަން ދުވަހާ ގުޅިގެން މާލޭގައި އާންމު ކުނި އުކާލަންގެންދާ ސަރަހައްދު ބަދަލު ކުރި ނަމަވެސް ކުނި އުކާލުމަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށް ގެންދާ ކަަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މިނިވަން 50އާ ގުޅިގެން މާލެއިން ކުނި އުކަމުން ނުދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ގިނަ ގޭތަކުން ކުނި އުކާނުލައި ޖަމާކޮށްފައި ހުރުމުން ދަތިތަކެއް ވަނީ ކުރިމަތިވާން ފަށާފައެވެ. އަދި އެގޮތަށް އަޑު ފެތުރިފައިވާތީ ބިދޭސީއިން ކުނި ބަލާ ގޭގެއަށް ނުދާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުންޏެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ މިނިވަން 50 ހަރަކާތްތައް ހިންގުމަށް ހައުސިން މިނިސްޓުރީން އެދުމުން، އާންމު ކުނި އުފުލުމަށް ދެ ނަމްބަރު ކުނިކޮށި ބޭރު ފަޅުތެރޭ އަޅާފައި ހުރި ދޯނިތައް އެސަރަހައްދުން ނެގި ނަމަވެސް، ގޭބިސީތަކުގައި އުފެދޭ ކުނި ތިން ރުއް ޕާކް ސަރަހައްދުގައި އަޅާފައިއޮތް ބާޖުތަކަށް ގެންދިއުމުން އުކާލަމުންދާ ކަމަށެވެ.
"މި ދެދުވަހު ލޭންޑިން ކްރާފްޓް އޮންނަ ތަނުން އެކަނި ކުނިގެންދާ ގޮތަށް. އަނެއް ހެން މާބޮޑު ބަދަލެއް ނާދޭ،" ސަމާއު ވިދާޅުވި އެވެ.
ސަމާއު ވިދާޅުވީ މާދަމާއިން ފެށިގެން ދެ ނަމްބަރު ކުނި ކޮށި ކުރިމަތީ ދޯނިތައް އަޅައި އަނެއްކާވެސް އާންމު ދުވަސްތައް ފަދައިން ކުނި އުކާލުން ކުރިއަށްގެންދާނެ ކަމަށެވެ.