ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުއްވައިލެއްވި، ގައުމީ ބަހަށް އިސްކަން ދިނުމުގެ ބިލު 39 ވޯޓުން ފާސްކޮށް ތަސްދީގު ކުރުމަށް ރައީސް ނަޝީދަށް ލާޒިމު ކުރުމަށް ބައެއް މެންބަރުން ގޮވައިލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ވަނީ މި ބިލް ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުއްވީތީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މި ބިލު ގާނޫނަކަށް ވުމުން އެއަށް އަމަލު ކުރުމަކީ ސަރުކާރަށް ލާޒިމުކަމެއް ކަމަށާއި ބިލުގައިވާ ކަންތައްތައް ކުރުމަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެ އެޓާނީ ޖެނެރަލްގެ ލަފައާ އެކު އަލުން ވިސްނެވުމަށް، ބިލް މަޖިލީހަށް ފޮނުއްވާފައި ވާތީ، އިދިކޮޅު މެންބަރުން ވިދާޅުވީ ބިލް ފޮނުއްވައިލެއްވީ ހަރަދު ބޮޑުވެގެންކަމަށް ވިދާޅުވެފައިވާތީ ހައިރާންވ ކަމަށެވެ.
~

"ތަސްދީގު ނުކުރައްވައި ބިލް ފޮނުވާލުމަށް ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ބާރު ދީފައި ވަނީ ޓީޓީ ކުޅޭހެން އެކަން ކުރާކަށްނޫން. ބަހާ ބެހޭ މި ބިލް ފޮނުވާލަނީ ހަރަދު ބޮޑުވެގެންކަމަށް ވިދާޅުވުމުން ހައިރާންވޭ. އެއީ ތިޔަ ވިދާޅުވި ހަރަދު ބޮޑުވުމޭ ވިދާޅުވާ ނުކުތާތަކެއް ހިމަނާފައެއްނުވޭ. މި ބިލް އަނބުރާ ފޮނުވައިނުލައި ޕާލަމެންޓްރީ މެންބަރު ބޭނުން ކުރައްވައިގެން އިސްލާހް ހުށަހެޅުއްވި ނަމަ މި ގާނޫނަކަށް ވެގެންގޮސް އަޅުގަނޑުމެންގެ ގައުމިއްޔަތުގެ އެއްބަހާ ހިފެހެއްޓުމަށް ގާނޫނަކަށް ވީސް. މިކަމުން ދައްކައިދެނީ ރައީސް ނަޝީދު އަޅުގަނޑުމެންގެ އެކިއެކި ބަހާތަކަށް އަހައްމިއްޔަތުދޭލެއް ކުޑަކަން،" ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ އަބުދުﷲ އަބުދުއްރަހީމް ވިދާޅުވީ، މީގެކުރިން ދައުލަތަށް ހަތަރު ބިލިޔަން ނުލިބޭއިރުގައި ވޭތުވެދިޔަ ތިރީސް އަހަރުގެ ވެރިކަމުގައި ކޮންމެ ރަމަޟާން މަހަކު އިހްޔާ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ވަގުތުން ތަރުޖަމާކުރެވިގެންކަމަށެވެ. އެހެންކަމުން މިފަދަ ޓެކްނޮލޮޖީގެ ޒަމާނެއްގައި ބިލުގައި ބުނާ ގޮތަށް ތަރުޖަމާކުރުމަށް ހަރަދުތަކެއްނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަރަދު ކުޑަކޮށް ކަންތައް ކުރުމުގެ ވާހަކަ ދައްކާއިރު، ސަރުކާރުން ދަނީ އެކަން ކަންކަމަށް ބޭކާރު ހަރަދު ކުރަމުން. ގޭމު ޖައްސަންވެގެން ކޮންމެ ހަރަދެއް ވެސް މި ސަރުކާރުން ކޮށްފާނެ. އެއްވެސް ހަރަދެއް ބޮޑެއްނުވާނެ. އަޅުގަނޑު ގޮވާލަން މިބިލު 39 ވޯޓުން ފާސްކޮށް އެކޮޅަށް ބޯޅަ ފޮނުވާލުމަށް" އަބުދުއްރަހީމް ވިދާޅުވި އެވެ.

މިބިލް ހުށަހެލުއްވި މެންބަރު މާވަށު ދާއިރާގެ އަބުލުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ، މިބިލު މަޖިލީހަށް ފޮނުވުމަށް ދައްކަވާފައިވާ ސަބަބަކީ އާރުލާ ސަބަބުތަކެއް ނޫން ކަމަށެވެ. އަދި މި ބިލަކީ ހަރަދު ކުޑަވާ ގޮތަށް ސިޔާސީ ހުރިހާ ބާރެއް ރައީސަށް ލިބިދޭ ގޮތަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ ރިޔާޒު ވިދާޅުވީ، އެމްޑީޕީ އަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ދަތުރުކޮށްފައިވާ އިރު ބަސް ހިމާޔަތް ކުރުމަށް މިފަދަ ބިލެއް ހުށަހެޅީމަ ހަރަދު ބޮޑުކަމަށް ވިދާޅުވެ ބިލު ފޮނުވާލުމަކީ މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅުމަށް ސަރުކާރުންކުރި ކަމެއް ކަމަށެވެ.

ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ މި ބިލުގައި ތަންފީޒު ކުރުމަށް އުނދަގޫ ކަންތައްތަކެއް ހިމެނޭ ކަމަށެވެ. އަދި ބިލް ތަސްދީގު ނުކުރެއްވުމަށް ރައީސް ދައްކަވާފައިވާ އުޒުރުތަކަކީ ގަބޫލު ކުރެވޭ އުޒުރުތަކެއް ކަމަށާއި އެކަމާ މެދު މެންބަރުން ވިސްނެވުމަށް ވެސް އެ މެންބަރުން އެދިވަޑައިގެންނެވި އެވެ.

މި ބިލަށް މެންބަރުން ބަހުސް ކުރެއްވުމަށް ފަހު ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 54 މެންބަރުންގެ ވޯޓުން ބިލު ދިރާސާކުރުމަށް ވަނީ ކޮމިޓީއަކަށް ފޮނުވައިފަ އެވެ.