27 Jul 2015, 14:39
ރާއްޖެއަށް އެގައުމެއްގެ އަތްތަދަށުން މިނިވަން ކަން ލިބުނު ގައުމުކަމަށްވާ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކޮށްފި އެވެ.
ލަންޑަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް އިއްޔެ އެ ތަނުގައި ދިދަނެގުމުގެ ރަސްމިއްޔާތެއް ބޭއްވި ކަމަށެވެ. އެރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ލަންޑަންގައި ހުންނަވާ ރާއްޖޭގެ އެކްޓިން ހައިކޮމިޝަނަރު ހަސަން ޝިފާއު އެވެ. ހައިކޮމިޝަނުގެ މުވައްޒަފުން ބައިވެރިވި އެ ރަސްމިއްޔާތުގައި ޝިފާއު ވަނީ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބުދުލް ގައްޔޫމު ފޮނުއްވި މެސެޖެއް އިއްވަވައި ދެއްވާފަ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖޭގައި އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އިއްޔެރޭ މެންދަމު 12 ޖެހި އިރު ޖުމްހޫރީ މައިދާނުގައި ހުންނަ ކޯއްޓޭ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވި އެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ދަރުބާރު ރޭ ވަނީ ދަރުބާރުގޭގައި ބާއްވާފަ އެވެ. އެ ދަރުބާރުގައި ރާއްޖޭގެ ކުރީގެ ރައީސުންނާއި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަލާމަތީ ބާރުތަކުގެ ވެރިންނާއި ބޭރުގެ ބައެއް އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި އެވެ.