27 Jul 2015, 13:38
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ އިހުތިފާލްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ މިއަދު ރާއްޖޭން ފުރާވަޑައިގެންފިއެވެ.
ރައީސް ސިރިސޭނާއާއި އޭނާއާ އެކު ސްރީލަންކާ ސަރުކާރުގެ ވަފުދު ރާއްޖޭން ފުރާވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. ސިރިސޭނާ އަރިހުގައި އިއްޔެ ވަޑައިގެންނެވި ވަފުދުގައި ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަޔަކަ ހިމެނިވަޑައިގަންނަވައެވެ.
މިނިވަން 50 ގެ އިހުތިފާލްތަކުގައި ބައިވެރިވަޑައިގެންނެވުމަށް ރާއްޖޭން ބޭރުން ގިނަ އަދަދެއްގެ އިއްޒަތްތެރިން އިއްޔެއާއި އިހަށް ދުވަހު ރާއްޖެއަށް ވަޑައިގެންނެވިއެވެ.
ނިވަން 50 އަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިން
- ސްރީލަންކާގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ
- މޮރިޝިއަސްގެ ސިވިލް ސާވިސް މިނިސްޓަރު އެލެން ވޮން ޔެންގް
- ޗައިނާގެ ނެޝަނަލް ޕީޕަލް ކޮންގްރެސްގެ ނައިބު ރައީސް ޝެން ޔޫޔޫ
- ޕާކިސްތާނުގެ ސްޓޭޓް އެންޑެ ފުރޮންޓިއަރ ރީޖަން މިނިސްޓަރު އަބްދުލްގާދިރު ބަލަޗް
- އިންޑިއާގެ ހެލްތް މިނިސްޓަރު ޖޭޕީ ނައްޑާ
- ސައުދި އަރަބިއާގެ ކެބިނެޓް މިނިސްޓަރު މަންސޫރު ބިން އަބްދުލް އަޒީޒް
- ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރާއިދު މަލްކި
- ނޭޕާލުގެ ފޮރިން މިނިސްޓަރު މަހިންދްރަ ބަހަދުރް
- ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޝާހްރިއާ އަލާމް
ދަރުބާރުގޭގައި ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ދަރުބާރުގައި އެބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ. ރޭގެ ދަރުބާރުގައި ކުރެއްވި ތަގުރީރުގައި ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމް އެކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.