27 Jul 2015, 12:55
މީގެ ކުރިން މުޅިން ވެސް ފުޅަނދު ބުރު ވެފައި ވަނީ ގިނަ ބަޔަކު އޭގެ ކައިރިއަށް ގޮސް ފޮޓޯ ނަގާ އެއްޗަކަށް އެކަންޏެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިފަހަރު މިވަނީ ފުޅަނދުބުރަށް އިންގިލާބެއް ގެންނަން ތައްޔާރުވެފަ އެވެ. އެއީ ދިވެހިންނާއި ބީރައްޓެހި ސުނޯގެ އިހުސާސް ކުރެވޭ ފުޅަނދެކެވެ.
އެމްއޭސީއެލް އިން ތައްޔާރު ކުރާ ފުޅަނދަކީ މާލޭގެ މަގުތަކަށް ސުނޯ ވެއްސާލާ ފުޅަނދެކެވެ. އެސުނޯގައި ފިނީގެ އިހުސާސް ކުރެވިގެންދާނެ އެވެ. އެހެން ކަމުން މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސުނޯ "ވެހޭ" ފުރަތަމަ ފަހަރެވެ.

އެމްއޭސީއެލްގެ ފުޅަނދު ބުރު ހެދުމަށް އިސްކޮށް ހަރަކާތްތެރިވާ އެއާޕޯޓްގެ ފިއުލް ސާވިސްގެ ޖެނެރަލް މެނޭޖަރު މުހަންމަދު ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ އާޓިފިޝަލް ސުނޯމޭކިން ބޭނުންކޮށްގެން އުފައްދާ އެ ސުނޯ، އެކުންފުނީގެ ފުޅަނދު ދުއްވާފައިދާ މަގުތަކަށް އަޅަން ނިންމާފައިވާ އިރު އެއީ 12 ޑިގްރީ ފިނި ސުނޯ ކަމަށެވެ.
"މުޅި ފުޅަނދުގެ އެއްކޮޅުން އަނެއްކޮޅަށް މާލޭގެ މަގުތަކަށް ސުނޯ އަޅަމުންދާނީ، ފުޅަދު ބުރު ދުއްވާ ހުރިހާ މަގަކަށް ސުނޯއެޅޭނެ، މަގަށް އެޅޭ ސުނޯ ނުވިރި 20 މިނެޓް ވަންދެން އޮންނާނެ، ހަމަ އަސްސުނޯ،" ނިޔާޒު ވިދާޅުވިއެވެ.
އެ ކުންފުުނިން މާދަމާ ރޭ ދައްކާލަދެނީ ފުރޯޒަން ކާޓޫނު ދައްކުވައިދޭ 250 ފޫޓް ދިގު ފުލަނދެއް ކަމަށާއި އޭގެ ފުރޯޒަން ކާޓޫންގެ މުހިންމު ކެރެކްޓާތައް ފެނިގެންދާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ސުނޯ ވެހޭ ފުޅަނދު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ އެމްއޭސީއެލް
"ފުރޯޒަން ކާޓޫނުގައި ހިމެނޭ ހުރިހާ ކެރެކްޓާތަކާއި މެއިން އޮބްޖެކްޓްތައް އަޅުގަނޑުމެން ފުޅަނދުބުރުން ފެނިގެންދާނެ." ނިޔާޒު ވިދާޅުވި އެވެ.
މިނިވަން 50 ތައްޔާރީގައި އިސްކޮށް ހަރަކާތްތެރިވާ ހޯމް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒު ސަލީމް) މިއަދު ސަން އަށް ވިދާޅުވީ މާދަމާ ރޭ 8:00 ޖަހާއިރު 33 ފުޅަނދާއެކު އެހަރަކާތް ފެށިގެން ދާއިރު މަޖީދީމަގާއި ސޯސަންމަގާއި ބޮޑުތަކުރުފާނު މަގުގައި ދުއްވާނެ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ތާރީހީ ސަގާފަތާއި މިއަދުގެ ޓެކްނޮލޮޖީ ފުޅަނދު ބުރުން ކުރިއާއި އަޅަބަލާއިރު ވަރަށް ހާއްސަ ކަންކަން ފެނިގެންދާނެ." ސަލީމް ވިދާޅުވި އެވެ.
އަންނަ އަންގާރަ ވަނަ ދުވަހު ބޮޑުތަކުރުފާނުމަގު ކަސްރަތު ޓުރެކް ސަރަހައްދުގައި ފުޅަނދުތައް ދައްކައިލެވޭއިރު އެފުޅަނދުތަކަށް އަރައި ހެދޭނެ ކަމަށް މާޒު ސަލީމް ވިދާޅުވި އެވެ.