27 Jul 2015, 12:49
އިންޑިއާގެ ބައެއްގެ ގޮތުގައި މިހާރު އޮތް ދިވެހި ބަހުން ވާހަކަ ދައްކާ އާބާދީއެއް އޮންނަ، މަލިކު ރާއްޖެ އަށް ގެއްލުމަކީ ރާއްޖޭގެ ތާރީހުގައި ކޮށްފައިވާ ހިތި ތަޖުރިބާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ސިފަކުރައްވައިފި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެފަދަ ކަންކަން ހިނގައި ދިޔަ ދުވަސްތަކަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ ކަޅު ދުވަސްތައް ކަން ދަންނަން ޖެހޭ ކަމަށެވެ.
"... އެއްގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިގެން މިދިޔަ ދިގު ތާރީހުގެ ތެރޭގައި ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި ކުރިން އޮތް މަލިކު އަތޮޅާއި މިހާރުގެ ބޮޑު ތިލަދުންމަތި ބޭރުގެ ފަރާތްތަކުގެ ބާރުގެ ދަށަށް ގޮސްފައިވާކަން ތާރީހުގެ ފަތްފުށްތަކުން ހެކިދޭ އިރު، އަޅުވެތިކަމާއި އިސްތިއުމާރުގެ ހިތި ތަޖުރިބާ އެކި ދުވަސްވަރު އެކި ގޮތަށް ދިވެހިރާއްޖެ ކޮށްފައިވާ ކަމީ މިނިވަންކަމުގެ ތާރީހުގައި ދިވެހިރާއްޖެ ދެކެފައިވާ އެންމެ ކަޅު ދުވަސްތައް ކަން މިއަދު އަޅުގަނޑުމެން ދަންނަން ޖެހޭ،" އިންޑިއާގެ މަންދޫބުން ވެސް ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
އެއަށް ފަހު ރައީސް ވިދާޅުވީ ރާއްޖެ އަށް ދަހިވެތި ވެގެން ބޭރުގެ އެއްވެސް ގައުމަކުން އަމިއްލައަށް ހަނގުރާމަކޮށްފައި ނުވާ ކަމީ ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ބޭރުގެ ބައެއްގެ ދަށަށް ދިވެހިރާއްޖެ ދިޔަ ކޮންމެ ފަހަރަކު ވެސް އެކަން ހިނގާފައި ވަނީ ދިވެހި ޚާއިނުންގެ ބައެއްގެ ފައިދާއާއި މަސްލަހަތަށް، އެފަރާތްތަކުގެ ވިސްނުމުގެ މަތިންކަން ހިތާމައާއި އެކު ފާހަގަ ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެ އެވެ.
ރާއްޖޭގެ މިނިވަން ކަމަށް ކުރިމަތިވި ދާހިލީ އެންމެ ބޮޑު ގޮންޖެހުމަކީ ދެކުނުގެ ތިން އަތޮޅުން ވަކި ދައުލަތެއް އުފައްދަން ކުރި ބަޣާވާތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދާހިލީ މައްސަލަތައް ވަކިގޮތަކަށް ހައްލުކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީ ހޯދުމުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ލޮޅުން އަރާފައިވާ ކަމަށް ތާރީހު ހެކިދޭ ކަމަށެވެ.
ރޭގެ ދަރުބާރުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ބެހޭ ތަފުސީލުދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ ރާއްޖޭގެ މިނިވަން ކަމަށް އިހުތިރާމްކުރާ ކޮންމެ ބަޔަކާ އެކު ގުޅުން ބަދަހި ކުރޭވޭނެ ގޮތުގެ މައްޗަށް ކަމަށެވެ.
"...ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ ބޭރުގައުމުތަކުގެ ގާނޫނުތަކާއި އުސޫލުތަކާއި އެގައުމުތަކުގެ އިސްތިގުލާލް ރަނގަޅަށް ދެނެ ތިބެ، އެގައުމުތަކާ އެކު އެކުވެރިކަން ގާއިމްކޮށް، ގުޅުން ބަދަހި ކުރެވޭނެ ގޮތުގެ މައްޗަށް. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތާ ކޮންމެ ގައުމަކާ އެކު ރާއްޖޭން އިސް ނަގައިގެން، އެގައުމުތަކާއި އެކު އެކުވެރިކަން އުފެއްދުމަށާއި އެއްވެސް ތަފާތުކުރުމެއް ނެތި މިގައުމުތަކާއި އެކީ ގުޅުން ދެމެހެއްޓުމުގެ މައްޗަށް،" ރައީސް ވިދާޅުވި އެވެ.