ކުރީގެ މަޝްހޫރު ތަރި ވިޓްނީ ހިއޫސްޓަންގެ ދަރި ބޮބީ ކްރިސްޓީނާ ބްރައުން އުމުރުން 22 އަހަރުގައި މަރުވެއްޖެ އެވެ. ބޮބީ ކްރިސްޓީނާ މަރުވީ މަންމަ މަރުވި ގޮތަށް ކޮކެއިން ބޭނުން ކުރުމުން އޯވަޑޯޒްވެގެން ކަމަށްވެ އެވެ.

ކްރިސްޓީނާ ބްރައުން އިއްޔެ މަރުވެފައި ވަނީ ކޮކެއިން ބޭނުން ކުރުމުން، އޯވަޑޯޒްވުމުން ކޯމާގައި ފަރުވާދެމުންދާތާ ހަ މަސްފަހުންނެވެ. އޭނާ ކޮކެއިން ބޭނުން ކުރުމުން ހޭނެތިފައި އޮއްވާ ފެނުނީ ބާތުޓަބުގައި އޮއްވަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ބާތުޓަބުގައި ހޭނެތިފައި އޮތީ ކޮކެއިން ބޭނުންކޮށްގެން ކަމަށްވެ އެވެ. ޑޮކްޓަރުން އޭނާ މަރުވި ސަބަބެއް ކަމަށް ބުނެފައި ވަނީ ޑްރަގުގެ ސަބަބުން ހިތުގެ މައްސަލައެއް ޖެހިގެންނެވެ.

ކްރިސްޓީނާ ބްރައުންގެ މަންމަ ހިއޫސްޓަން މަރުވެފައި ވަނީ ވެސް ކޮކެއިން ބޭނުން ކުރުމުގެ ސަބަބުންނެވެ. އޭނާގެ ދަރިއެކޭ އެއްގޮތަކަށް ހިއުސްޓަން ވެސް ފެނިފައި ވަނީ ބާތުޓަބުގެ ތެރޭގައި އޮއްވަ އެވެ. ނަމަވެސް އޭނާ ބާތުޓަބުގައި އޮއްވާ ފެނުން އިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

ވިޓްނީ ހިއޫސްޓަން މަރުވެފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11ގަ އެވެ. ބޮބީ ބްރައުން އާ ކައިވެނި ކޮށްގެން ކްރިސްޓީނާ ބްރައުން ލިބިފައި ވަނީ މާޗު ހަތަރެއް 1993 ވަނަ އަހަރު އެވެ. ހިއޫސްޓަން އަށް އެންމެ ދަރިއެއް ހުންނަ އިރު އެހެން ބަނޑަށް އޭނާގެ ހަތަރު ދަރިއަކު ހުރެ އެވެ.

އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އާއި އެކްޓްރެސް އާއި ޕްރޮޑިއުސާ އަދި މޮޑެލް، ހިއޫސްޓަން އަކީ އޭނާގެ ހުނަރުވެރި ކަމަށް 15 ފަހަރު ގީނެސް ވޯލްޑް ރެކޯޑު ހޯދާފައިވާ ފަރާތެކެވެ. ބިލްބޯޑު މިއުޒިކްގެ 41 އެވޯޑެއްގެ އިތުރުން އެމެރިކަން މިއުޒިކްގެ 31 އެވޯޑެއްވެސް އޭނާ ވަނީ ހޯދާފައެވެ.