27 Jul 2015, 12:58
އާޖެންޓީނާގެ ގައުމީ ޓީމްގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މެންޗެސްޓާ ޔުނައިޓަޑަށް ސޮއިކޮށްފި އެވެ.
ރޮމޭރޯ މެންޔޫއާ ގުޅުނީ އިޓަލީގެ ސަމްޕްޑޯރިއާ އެކު 2011 ވަނަ އަހަރު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް ފަހު ފްރީ ޓްރާންސްފައެއްގަ އެވެ.
ޔުނައިޓަޑުން ރޮމޭރޯ ލައްވައި ސޮއި ކުރުވީ އަންނަ އަހަރު އެޓީމްގެ ކޮންޓްރެކްޓް ހަމަވާ ސްޕެއިންގެ ގައުމީ ޓީމްގެ ކީޕަރު ޑެވިޑް ޑެހެއާ ގޮސްފިނަމަ ޔުނައިޓަޑްގެ އެއް ނަމްބަރު ކީޕަރެއްގެ ގޮތުގައި ރޮމޭރޯ ބޭނުން ކުރުމުގެ ގޮތުންނެވެ.
ޑެހެއާ މިހާރު މެންޔޫގައި ހޭދަކުރަމުން ދަނީ އޭނާގެ ކޮންޓްރެކްޓްގެ އެންމެ ފަހު އަހަރެވެ. ބެލެވޭ ގޮތުގައި ޑެހެއާ ފެށޭ ސީޒަން ނިމުމަށްފަހު ޔުނައިޓަޑް ދޫކޮށް ރެއަލްއަށް ބަދަލުވާނެ އެވެ.
"އަހަރެމެން ތައްޔާރުވާން ޖެހޭ ޑެހެއާ ޓީމް ދޫކޮށްލައިފި ނަމަ ރޮމޭރޯއަކީ ޑެހެއާ ނެތްތަން ފޫބެދުމަށް ރަނގަޅު ކީޕަރެއް،" މެންޔޫގެ ކޯޗް ލުއިސް ވެންހާލް ބުންޏެވެ.
ރޮމޭރޯ ވަނީ މިދިޔަ އަހަރު ބޭއްވި ވޯލްޑްކަޕްގައި މޮޅު ކުޅުމެއް ދައްކައި އާޖެންޓީނާ މުބާރަތުގެ ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ރޮމޭރޯ މެންޔޫއަށް ސޮއި ކުރިއިރު މިދިޔަ ސީޒަންގައި އެޓީމްގެ ދެވަނަ ގޯލްކީޕަރެއްގެ ގޮތުގައި ހުރި ބާސެލޮނާގެ ކުރީގެ އެއްވަނަ ކީޕަރު ވިކްޓާ ވެލްޑަސް ވަނީ އެޓީމް ދޫކޮށްލާފަ އެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވެލްޑަސް ދެން ގުޅޭނީ ސްޕެިންގެ ވެލެންސިއާއަށެވެ.
ރޮމޭރޯ ޔުނަިޓަޑަށް ސޮއި ކުރުމާ އެކު މިއީ އެޓީމުން މިޓްރަންސްފާ ޕީރިއަޑްގައި ސޮއި ކުރުވި ފަސް ވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެޓީމުން ވަނީ ހޮލެންޑްގެ ޕީއެސްވީ އެންދޯވަންއަށް ކުޅުނު ވިންގާ މެންފިސްޑިޕައީ އާއި ބަޔާން މިޔުނިކްގެ މިޑްފީލްޑާ ބަސްޓިއަން ޝްވައިންސްޓައިގާއާއި ސައުތު ހެމްޓަންއަށް ކުޅެމުން ދިޔަ މިޑްފީލްޑާ މޯގަން ސްނައިޑްލިންއާއި އިޓަލީގެ ޓޮރީނޯއަށް ކުޅުނު ޑިފެންޑަރު މާޓެއޯ ޑަމިއަން ލައްވައި ސޮއި ކުރުވާފަ އެވެ.