ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އައި ވެރިކަމުގެ ނިޒާމަށް އެންމެ ބޮޑެތި ބަދަލުތައް އައީ ވިހިވަނަ ގަރުނުގައެވެ. ދުސްތޫރީ ހުކޫމަތެއް ގާއިމުވުމާއި، ޒަމާނުއްސުރެ ހިނގަމުން އައި ވިރާސީ ރަސްކަން އިންތިހާބީ ރަސްކަމަކަށް ބަދަލުވުމާއި، ޖުމްހޫރީ ވެރިކަމެއް ތައާރަފުވުމާއި، އަލުން އެނބުރި ރަސްކަމަށް ރުޖޫއަވުމާއި، އިނގިރޭސީންގެ ހިމާޔަތުގެ އަޅުވެތިކަމުގެ ދަށުން މިނިވަންވުމާއި، ފުރިހަމަ މާނައިގައި ޖުމްހޫރިއްޔަތަކަށް ބަދަލުވުން ފަދަ އެތައް ކަމެއް ވިހިވަނަ ގަރުނުގައި ދިވެހީން ވަނީ ދެކެފައެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ދަށުން ވަކިވެ ދެކުނުގެ އަތޮޅުތަކުން ވަކި ދައުލަތެއް އިއުލާން ކުރުން ފަދަ އެތައް މައްސަލައެއް ހަމަޖައްސާން ޖެހުނީ ވެސް ހަމަ މި ގަރުނުގައެވެ. މިފަދަ ބޮޑު ހަލަބޮލި ކަމުގެ ތެރޭގައި ސިޔާސީ ދާއިރާއިން ވަރަށް ގިނަ ފަރާތްތަކެއް ފެނިގެން ދިޔައެވެ. މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

އިބްރާހީމް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 2 ސެޕްޓެންބަރު 1926 (24 ޞަފަރު 1345) ވީ ބުރާސްފަތި ދުވަހުއެވެ. ފުރަމާލޭގައެވެ. ވެލާނާގޭގައެވެ.

އިބްރާހީމް ނާޞިރުގެ ބައްޕަ އަކީ ޔަމަނުކަރައިގެ ޙަޟްރަމައުތުގެ ބާޢަލަވީ ސައްޔިދު ދަރިކޮޅެއް ކަމުގައިވާ ޝައްޤާފު ވަންހައިގެ ސައްޔިދު ބޭކަލަކު ކަމުގައިވާ ނަޚްދާއަކު އިންޑިޔާގެ މަލާބާރަށް (ކެރެލާ ސްޓޭޓުގެ ކާލީކޯޓަށް) ދުރުވެ މަލާބާރުގެ އަންހެން ބޭފުޅަކާ ކައިވެނި ބައްލަވައިގެން އުފެދުނު މަޝްހޫރު ނަހާ ދަރިކޮޅުގެ ސައްޔިދު ބޭކަލެއް ކަމުގައިވާ އައްސައްޔިދު މުޙައްމަދު ނަހާ އަލްމަލާބާރީ (ހޮޅި ނަހާ)، ދިވެހި އަންހެން ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން ލިބިލެއްވި ފަސްމަންދޫ އަލްވަޒީރު ޙަސަން ހަކުރާ ތަކުރުފާނު، - އަލް ޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ ޒުލައިހާބީގެ އަތިރީ ޙައްވާބީގެ އަތިރީ ކަމަނާއާ ކައިވެނިބައްލަވައިގެން ލިއްބެވި އަލްވަޒީރު ހޮޅި ޙަސަން ހަކުރާ މަނިކުފާނުގެ އަލްވަޒީރު ޢަލީ ދޮށިމޭނާ މަނިކުފާނު، - އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (2 ވަނަ) ގެ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2 ވަނަ) ގެ އަލްއަމީރާ ސަންފާ ރަންދިކަނބާފާނާ ކައިވެނިފުޅު ބައްލަވައިގެން ލިއްބެވި އަންނަބީލު ވީރު އިބްރާހީމްދީދީ (ކީހި އިބްރާހީމްދީދީ) ގެ ވީރު ޙަސަންދީދީގެ ޢަލީ މަލިން މަނިކުފާނުގެ އަލްވަޒީރު ޙަސަން ވެލާނާ މަނިކުފާނުގެ ދަރިކަލުން ވެލާނާގޭ މުޙައްމަދުދީދީ، - ހުރާ ދޮންމަރުދުރު ފަނޑިޔަތްކަލޭގެފާނުގެ އިބްރާހީމް އެދުރުތަކުރުފާނުގެ ޢަލީ ބޮޑު މުރީދު ތަކުރުފާނުގެ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ދޮން އަޙްމަދުދީދީ (ދޮށިމޭނާ ކިލެގެފާނު)ގެ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ތުއްތުދޮންދީދީއާ ކައިވެނިފުޅު ބައްލަވައިގެން ލިއްބެވި ވެލާނާގޭ އަޙްމަދުދީދީއެވެ.

ނާޞިރުގެ މަންމަ އަކީ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (2 ވަނަ) ގެ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2 ވަނަ) ގެ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ އަންނަބީލު ކަރައްޔެ ޙަސަންދީދީގެ ޙުސައިންދީދީގެ ދަޑިމަގު ގަނޑުވަރު މަރްޔަމްދީދީގެ މޫސާދީދީގެ ޢާއިޝަތުދީދީއެވެ. ނާޞިރުގެ މަންމާފުޅު ނިސްބަތްވަނީ ފުވައްމުލަކަށެވެ. ނާޞިރު އުފަންވެވަޑައިގަތީ ފުވައްމުލަކުގައި ކަމަށް މިކަމާ ހުރެ ބައެއް ބޭފުޅުން ލިޔުއްވައެވެ. އެހެން ނަމަވެސް ނާޞިރު އުފަންވެވަޑައިގަތީ މާލޭގައި ކަމަށާއި އެންމެ ފުރަތަމަ ފުވައްމުލަކަށް ވަޑައިގަތީ ބޮޑުވަޒީރުގެ މަގާމު ވެސް ލިބިވަޑައިގަތް ފަހުން ކަމަށް ނާޞިރުގެ މައިފުށުގެ ބޮޑުބޭބެ އިބްރާހީމް ސަޢީދު މޫސާއާ ހަވާލާ ދެއްވައި، ނާޞިރާ ދެބެންގެ ދެދަރި ބޭފުޅެއް ކަމުގައިވާ އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން ވިދާޅުވިއެވެ.

އިބްރާހީމް ނާޞިރު ކުރެއްވީ ތިން ކައިވެންޏެވެ. ފުރަތަމައަށް ކައިވެނި ބައްލަވައިގަތީ އައްސުލްޠާން އިބްރާހީމް ނޫރައްދީނުގެ އަލްއަމީރާ ޙަލީމާ ނުރައްދީނު (މާވާކިލެގެފާނު ގަނޑުވަރު ގޮމާ)ގެ އަންނަބީލާ ޢާއިޝަތު ޒުބައިރުއާއެވެ. ނާޞިރުގެ ދަރިކަލުން އަޙްމަދު ނާޞިރުގެ މައިކަނބަލަކީ ޢާއިޝަތު ޒުބައިރެވެ. އިބްރާހީމް ނާޞިރު ދެވަނައަށް ކައިވެނި ބައްލަވައިގަތީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ މަރްޔަމް ސަޢީދުއާއެވެ. މުޙައްމަދު ނާޞިރު އާއި ޢަލީ ނާޞިރާ ދެ ދަރިކަލުންގެ މައިކަނބަލަކީ މަރްޔަމް ސަޢީދެވެ. ތިންވަނައަށް ކައިވެނި ބައްލަވައިގަތީ ކެރަފާ ދަންޑަހެލު ތައްޚާނުގެ ކެރަފާ ޢަލިފުޅުގެ ކެރަފާ މުޙައްމަދު ކަލޭފާނުގެ ނަސީމާ މުޙައްމަދު ކަލޭފާނުއާއެވެ. އިސްމާޢީލް ނާޞިރާއި ޢާއިޝަތު ނާޞިރާ ދެ ބޭފުޅުންގެ މައިކަނބަލަކީ ނަސީމާ މުޙައްމަދު ކަލޭފާނެވެ.

އިބްރާހީމް ނާޞިރު އެންމެ ފުރަތަމައަށް ތައުލީމު ހާސިލު ކުރެއްވީ މަދަރުސަތުއްސަނިއްޔާއިންނެވެ. އެއަށްފަހު، ސިލޯނަށް ވަޑައިގެން ސޯސަންވިލާގައި ހުންނަވައިގެން ކިޔަވައި ވިދާޅުވިއެވެ. ސިލޯނުގައި ހުންނަވައިފައި ރާއްޖެވަޑައިގަތީ 1949 ވަނައަހަރުގައެވެ.

ރާއްޖެ ވަޑައިގަތުމާއެކު ދައުލަތަށް ހިދުމަތް ކުރައްވާން ފެށްޓެވިއެވެ. އެންމެ ފުރަތަމައަށް އަދާ ކުރެއްވި ވަޒީފާއަކީ ހާރިޖިއްޔާގެ ސެކްރެޓަރީ ކަމެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ވެރިކަމުގައި ސިފައިންގެ އޮފިސަރެއްގެ މަގާމަށް ބަދަލުކުރެއްވިއެވެ. އިބްރާހީމް ނާޞިރުގެ ބައްޕަ ވެލާނާގޭ އަޙްމަދުދީދީ އާއި އަލްއަމީރު މުޙައްމަދު އަމީނު، މިއީ ދެބެންގެ ދެދަރި ދެބޭފުޅުންނެވެ. މުޙައްމަދު އަމީން ދޫނިދޫން މާލެވަޑައިގެންނެވި ރޭ މާލޭ ރައްޔިތުން މުޙައްމަދު އަމީނާ ދިމާކޮށްލި ވަގުތު އެމަނިކުފާނުގެ ހިމާޔަތުގައި ނާޞިރު ވަރަށް ގަދައަށް މަސައްކަތްކުރެއްވި ކަމަށް، މަންޒަރު ދުށް މީހުން ބުނެއެވެ.

ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދު އަލްއައްވަލުގެ ރަސްކަމުގައި 11 އެޕްރީލު 1955 (17 ޝަޢުބާން 1374) ވީ ހޯމަ ދުވަހު ނާޞިރު ކެބިނެޓުގައި ހިމެނި ވަޑައިގަތެވެ. މުޙައްމަދު ފަރީދު ރަސްކަމަށް އިސްވެ ވަޑައިގަތީ 7 މާރިޗު 1954 (01 ރަޖަބު 1373) ވީ އާދީއްތަ ދުވަހުއެވެ. ބޮޑުވަޒީރަކީ ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. މަޙްކަމަތުލް އަމަންޢާއްމުގެ ވެރިޔަކީ ޞާޙިބުލްމަޢާލީ އިބްރާހީމް މުޙައްމަދު ދީދީ (ވެލާނާގޭ އިބްރާހީމް ދީދީ) އެވެ. 1375 ގެ ޛުލްޤަޢިދާ މަހުގެ 20 ވަނަ ދުވަހު މަޙްކަމަތުލް އަމަންޢާއްމުގެ ވެރިކަން އިބްރާހީމް ނާޞިރަށް ލިބިވަޑައިގަތެވެ. އަދި ފަހުން އިބްރާހީމް ދީދީ ހުންނެވީ ވަޒީރުލް މާލިއްޔާ (ފިނޭންސް މިނިސްޓަރު) ކަމުގެ މަގާމުގައެވެ. އިބްރާހީމް ދީދީ ސިލޯނަށް ބޭސްކޮޅަކަށް ވަޑައިގަތުމުން ވަޒީރުލް މާލިއްޔާގެ މަގާމާއި ސިފައިންގެ ވެރިޔާގެ ނައިބު ކަމުގެ މަގާމު ފުރުއްވީ އިބްރާހީމް ނާޞިރެވެ. މީގެ އިތުރުން ރައްޔިތުން މަޖިލިސްގެ ހެންވޭރު މެންބަރުކަންވެސް ނާޞިރު ކުރެއްވިއެވެ.

ދައުލަތުގެ ކުރިޔަށް ތިއްބެވި ބޭފުޅުން ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ވެރިކަމާ ނުރުހުންވެ، ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރު ކަމުގެ މަގާމު ހުސްވެ، ނާޞިރަށް އެ މަގާމު ލިބިވަޑައިގަންނަވާގޮތް މެދުވެރިވީ އެވެ. ކިލެގެފާނު އިސްތިއުފާ ދެއްވީ 11 ޑިސެންބަރު 1957 ގައެވެ. މި ދުވަހު ހަވީރު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ކިލެގެފާނުގެ އިސްތިއުފާ ގަބޫލުކުރުމަށް ފާސްވިއެވެ. މި މަޖިލީހުގައި އިބްރާހީމް ނާޞިރު ހުށަހަޅުއްވައި، އިބްރާހީމް ޝިހާބު ތާއީދު ކުރައްވައިގެން ކިލެގެފާނަށް "ޞާޙިބުއްރިފްޢާ" ގެ ލަގަބު އެރުވިއެވެ. އަދި ސަރުކާރުގެ އެންމެ މަތީ އެޑްވައިޒަރުގެ ޝަރަފު ވެސް އެރުވިއެވެ. އަދި ކުރިން ވެސް އޮތް މުސާރަފުޅާއި ކާރުކޮޅު ވެސް އޮންނަ ގޮތަށް ފާސްވިއެވެ. ބޮޑުވަޒީރު ކަމުގައި ވެސް އަދި ފަހުން ވެސް ކިލެގެފާނު ކާރުކޮޅު ބޭނުން ނުކުރައްވާ ކަމުގައިވެއެވެ.

ކިލެގެފާނުގެ އިސްތިއުފާއާ ގުޅިގެން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިބްރާހީމް ޝިހާބު ހުށަހަޅުއްވައިގެން އިބްރާހީމް ނާޞިރު ބޮޑުވަޒީރަކަށް އައްޔަން ކުރެވުނެވެ. ކީރިތި މަހާރަދުންނަށް މިކަން ހުށަހަޅައި މަހާރަދުން އެކަން ތަސްދީގު ކުރެއްވުމުން އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ބޮޑުވަޒީރަކަށް ވެވަޑައިގަތީއެވެ.

އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ 12 ޑިސެންބަރު 1957 ގައި، މަތިގޭގައި އޮތް ހާއްސަ މަޖިލީހެއްގައި ކީރިތި މަހާރަދުންގެ ކުރިފުޅުމަތީގައެވެ. އެ މަޖިލީހުގައި އެމަނިކުފާނުގެ ކެބިނެޓްގެ މެންބަރުން ވެސް ހުވާ ކުރެއްވިއެވެ. ބޮޑުވަޒީރުކަމުގެ މަގާމުގައި ގާތްގަނޑަކަށް 11 އަހަރު ގައުމަށް ހިދުމަތް ކުރެއްވިއެވެ. އޭގެ ފަހުން ފުރިހަމަ މާނައިގައި ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށްވުމުން، މި ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުވެ ވަޑައިގަތީ ވެސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ 11 ނޮވެންބަރު 1968 ވީ ހޯމަ ދުވަހުއެވެ. ފަސް އަހަރުގެ ދެ ދައުރު ވެރިކަން ކުރެއްވުމަށް ފަހު އަމިއްލަފުޅަށް ވެރިކަމާ ދުރަށް ވަޑައިގަތީ އެކަކު ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރުމުގެ ސަގާފަތް ގަބޫލުފުޅު ނުކުރައްވާތީއެވެ. 1951 ވަނަ އަހަރުން ފެށިގެން 1978 ވަނަ އަހަރާ ހަމަޔަށް، އެމަނިކުފާނު ވަނީ މެދުނުކެނޑި 27 އަހަރުގެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ހިދުމަތް ކުރައްވައިފައެވެ.

އަހުލާގީ ގޮތުން ބަލާއިރު ވެސް ނާޞިރަކީ ވަރަށް ހަރުދަނާ ބޭފުޅެކެވެ. ނާޞިރަށް ބޮޑުވަޒީރު ކަމުގެ މަގާމު ލިބިވަޑައިގަތުމުން، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް އާދައިގެ މަތީން ނާޞިރުގެ ކުރީން ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް ފާމުލަދޭރިކިލެގެފާނަށް ނިސްބަތްކޮށް މަލާމާތުގެ ހާސަރުތައް ކިޔޭން އުޅުމުން އެކަމަށް ފުރުސަތު ނުދެއްވި ކަމީ އެމަނިކުފާނުގެ ހަރުދަނާ އަހުލާގު ދައްކައިދޭ ކަމެކެވެ. މި ގޮތުން ކުރީގެ ބޮޑުވަޒީރަށް ނިސްބަތްކޮށް މަލާމާތުގެ އަންބާ ހަދައިގެން ބަޔަކު ކިޔަމުން ދިޔަކަން އެނގިވަޑައިގަތުމާއެކު ފިޔަވަޅު އެޅުއްވިއެވެ. ވަކިވި ވެރިޔާއަށް ކުރާން ފެށި މަލާމާތް ކުރިޔަށް ނުގެންދެވުނީ މި ގޮތުން އިބްރާހީމް ނާޞިރު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ކިލެގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވި ކޮންމެ ފަހަރަކު ވެސް ބޭސްކޮޅުގެ ކަންތައް ހަމަޖައްސަވައިދެއްވީ ދައުލަތުގެ ފަރާތުންނެވެ. ބޭސްކޮޅަށް ކޮޅުނބަށް ވަޑައިގަންނަވާ އިރު ކިލެގެފާނު ފާލަމާ ހަމަޔަށް ވަޑައިގަންނަވަނީ ނާޞިރުގެ ކާރުކޮޅުގައެވެ. ޑްރައިވަރަކަށް އިންނަވަނީ ޚުދު ނާޞިރެވެ. އަދި ކޮޅުނބުން މާލެވަޑައިގަންނަވާއިރު ފާލަމާ ހިސާބުން ގެކޮޅަށް ގެންގޮސްދެއްވަނީ ވެސް ނާޞިރެވެ. އަދި ހަމަ އެހެންމެ ނާޞިރުގެ ވެރިކަމުގައި ބޭއްވުނު ވަރަށް ގިނަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ދަރަޖަ ދެއްވައިފައިވަނީ ވެސް ކިލެގެފާނަށެވެ. މި ގޮތުން، އަވަހާރަވާން ދެން ވެސް ކިލެގެފާނު އުޅުއްވީ ކަމޭހިތުމާއެކު ގަދަރާއި އިއްޒަތުގައެވެ. ކިލެގެފާނު އަވަހާރަވީ 10 ޖަނަވަރީ 1975 ގައެވެ.

ދިވެހި ސަރުކާރުގެ އެންމެ އިސްވެރިއެއްގެ ގޮތުން ބޮޑުވަޒީރުކަމާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އެމަނިކުފާނު ހޭދަ ކުރެއްވި 21 ވަރަކަށް އަހަރުގެ ތެރޭގައި ނާޞިރު ވަނީ އެހައިތަނަށް ދުވަހަކު ވެސް އެއްވެސް އެހެން ވެރިޔަކު ދިވެހި ގައުމަށް ކޮށްނުދެއްވާހާ ގިނަ ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވައި ތަރައްގީގެ މަގުގައި އެތައް ފިޔަވަޅެއް ކުރިޔަށް އަޅުއްވައިފައެވެ.

ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލައި ދިވެހީންނަށް އިގްތިސާދީ މިނިވަންކަން ހޯއްދަވައި ދެއްވުމާއި، އެސް.ޓީ.އޯ އުފެއްދެވުމާއި، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރެއްވުމާއި، ސިނާއަތެއްގެ ގޮތުގައި މަސްވެރިކަން ތަރައްގީ ކުރެއްވުމާއި، މަސްދޯނިފަހަރުގައި އިންޖީނު އެޅުމާއި، ގައުމީ އެއަރލައިނެއް ފެށްޓެވުމާއި، ގައުމީ ޝިޕިންގ ލައިނެއް އުފެއްދެވުމާއި، ޓީވީ މޯލްޑިވްސް އާއި ރޭޑިއޯ މޯލްޑިވްސް އުފެއްދެވުން، މިއީ ނާޞިރުގެ ގައުމީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމެވެ. މީގެ އިތުރުން ކޭބަލް އެންޑް ވަޔަރުލެސްއާ ގުޅިގެން އާރތް ސްޓޭޝަން އުފައްދަވައި ވޯކީޓޯކީ އާއި ރޭޑިއޯ ތެލިފޯން ތައާރަފު ކުރައްވައި، ރާއްޖޭން ބޭރާ ފޯނުން ގުޅޭނެ ގޮތް ހައްދަވައި، ތެލެފޯނު އާންމު ކުރައްވައި ކަރަންޓުގެ ހިދުމަތް ފުޅާކުރެއްވީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ހަމައެހެންމެ އ.ދ ގައި ރާއްޖެ ބައިވެރިވުމާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަދަ ޖަމާއަތްތަކުގައި ބައިވެރިވުމާއި، އެކިއެކި ގައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރައްވައި ބައިނަލްއަގްވާމީ ސަފުން ރާއްޖެއަށް ހައްގު މަގާމު ހޯއްދަވައިދެއްވުމަށް އެންމެ ބޮޑު މަސައްކަތްޕުޅެއް ކުރެއްވީ ވެސް އެމަނިކުފާނެވެ. އިގްތިސާދީ ގޮތުން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ވޯލްޑްބޭންކާއި، އައި.އެމް.އެފް ގައި ބައިވެރިވެ، ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފެށްޓެވުން ހިމެނެއެވެ. ފާހަގަ ކޮށްލާން ޖެހޭ އެއް ކަމަކީ، އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވިއިރު ދިވެހި ދައުލަތުގެ ބޭރު ދަރަންޏެއް ނެތް ކަމެވެ. ޖީ.ސީ.އީ އޯލެވެލްއާ ހަމަޔަށް ކިޔަވާން ފެށުނީ ވެސް ނާޞިރުގެ ވެރިކަމުގައެވެ. އެލައިޑް ހެލްތު އުފެދި ދިވެހިރާއްޖޭގައި ތިބެގެން ބޭސްވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ފުރުސަތު ތަނަވަސް ވެގެން ދިޔައީ ވެސް ހަމަ ނާޞިރުގެ ވެރިކަމުގައެވެ. އަދި މާލޭގައި ބިންހިއްކާން ފެށުނީ ވެސް ނާޞިރުގެ ދައުރުގައެވެ.

އެމަނިކުފާނު ދިވެހި ގައުމަށް ކޮށްދެއްވި އެންމެ ބޮޑު ހިދުމަތަކީ ދިވެހިރާއްޖެ ފުރިހަމަ މިނިވަން ގައުމަކަށް ހައްދަވައި ދެއްވުމެވެ. ހަމަ އެހެންމެ އައްޑޫ ގަމާއި ހިތަދޫން ބައެއް، ސަތޭކަ އަހަރުގެ މުއްދަތަކަށް އިނގިރޭސީންނަށް ކުއްޔަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެންނެވުމާއި، ދިވެހިރާއްޖޭގެ ވެރިކަމުގެ ދަށުން ވަކިވެ ދެކުނުގެ 3 އަތޮޅުން ވަކި ދައުލަތެއް އިއުލާން ކުރި މައްސަލަ ހަމަޖެއްސެވުމަކީ ވެސް އެމަނިކުފާނުގެ ސިޔާސީ ވިސްނުންފުޅުގެ ތޫނުކަމާއި ޝަހުސިއްޔަތުގެ ވަރުގަދަކަން ހާމަވާ ކަމެކެވެ.

ނާޞިރަކީ ދާށޭ ވިދާޅުވުމުގެ ބަދަލުގައި އަންނާށޭ ވިދާޅުވަމުން ކުރީގައި ހުންނަވައިގެން ވަޑައިގެންނެވި ޒައީމެކެވެ. ނާޞިރަކީ ވަރަށް ވެސް ބަސް މަދު ބޭފުޅެކެވެ. އަރިހުގައި މީހުން ދަންނަވާ ވާހަކަތައް ވަރަށް ސަމާލުކަމާއެކު އަޑު އައްސަވައެވެ. މިފަދަ ވާހަކައެއް އަޑު އެއްސެވުމަށް ފަހު އެ ވާހަކައެއް އިތުރަށް ސާފު ކުރެއްވުމުގެ ގޮތުން ވެސް ނާޞިރު މާގިނަ ވާހަކަފުޅުތަކެއް ދައްކަވައެއް ނަހައްދަވައެވެ. މި ގޮތުން ބަސްފުޅެއް ވިދާޅުވިޔަސް، އެ ބަސްފުޅެއް ވެސް ވަރަށް ކުރުވާނެއެވެ. އާންމުކޮށް ހުންނާނީ ސުވާލުގެ ލަފްޒުތަކުންނެވެ.

ރައީސް ނާޞިރަކީ ވިހިވަނަ ގަރުނުގައި ދިވެހިރާއްޖެއިން އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތު ކަމުގައި ދަންނަވާން ޖެހެނީ އިނގިރޭސީންގެ ހިމާޔަތުގެ އަޅުވެތިކަމުގެ ދަށުގައި ދިވެހިރާއްޖެ އޮތް އިރު ވެސް ރާއްޖޭގެ އަމިއްލަ އިސްތިގުލާލާއި ސިޔާދަތަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއްގައި އިނގިރޭސީންނަށް ދޫ ނުދެއްވައި، ހޯއްދެވި ފުރިހަމަ ކާމިޔާބީއާ ހެދިއެވެ.

މި ގޮތުން އައްޑޫ މައްސަލަ އާއި މިނިވަންކަން ހޯއްދެވުމަށް ކުރެއްވި މަސައްކަތުގައި ގެންގުޅުއްވި ހަރުދަނާކަން ފާހަގަ ކުރެވެއެވެ. އައްޑޫ މައްސަލަ ފެށުނީ، 1956 ވަނަ އަހަރު ޑިސެންބަރު 15 ގައި ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ސިލޯނުގައި ހުންނަވައިގެން ސޮއިކުރެއްވި އެގްރީމަންޓާ ހިސާބުންނެވެ. މި އެގްރީމަންޓުން އައްޑު އަތޮޅު ގަމާއި ހިތަދޫން ސަތޭކަ ދިހަ އޭކަރުގެ ބިން، އަހަރަކަށް ދެ ހާސް ޕައުންޑުގެ ކުއްޔަކަށް 100 އަހަރު ދުވަހުގެ މުއްދަތަށް އިނގިރޭސީންނަށް ވަނީ ދެއްވައިފައެވެ. ކިލެގެފާނު މި އެގްރީމަންޓުގައި ސޮއި ކުރެއްވީ ކެބިނެޓާ މަޝްވަރާ ނުކުރައްވައެވެ. ސިލޯނުގައި ކުރެއްވީ އިނީޝިޔަލް ސޮޔެއް ކަމުން ހަގީގީ އެގްރީމަންޓުގައި ސޮއި ކުރާ ގޮތަށް އޮތީ މާލޭގައެވެ. ބޮޑު ވަޒީރު މާލެއަށް ވަޑައިގެން މުލީއާގެއަށް ވަޒީރުންގެ މަޖިލީސް އެއް ކުރައްވައި ސިލޯނުގައި ސޮއި ކުރެއްވި އެގްރީމަންޓް ހުށަހެޅުއްވިއެވެ. ދެން ހަގީގީ އެގްރީމަންޓުގެ ފަހު ކޮޕީ (ފައިނަލް ޑްރާފްޓް) ވެސް ހުށަހެޅުއްވިއެވެ. އޭގެ އަނެއް ދުވަހަކީ ހަގީގީ އެގްރީމަންޓުގައި ސޮއި ކުރާން ހަމަޖެހިފައި އޮތް ދުވަހެވެ. ބޮޑު ވަޒީރު، މި އެގްރީމަންޓް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމާއެކު ވަޒީރުންގެ މަޖިލީހަށް ވެރިވެގެން ދިޔަ ހަމަހިމޭންކަން ފޫދުއްވައިލީ ކެބިނެޓުގެ އެންމެ ޒުވާން މެންބަރު އިބްރާހީމް ނާޞިރެވެ. ނާޞިރު މި އިން އެއްވެސް އެގްރީމަންޓެއް ގަބޫލުކޮށްގެން ނުވާނެކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. ވަޒީރުލް އައުޤާފު ޝައިޚް އިބްރާހީމް ރުޝްދީ، ނާޞިރަށް ތާއީދު ކުރެއްވިއެވެ. އެހެން ނަމަވެސް އެހެން ވަޒީރުންގެ ތާއީދާއެކު ސިލޯނުގައި ސޮއި ކުރެއްވި އެގްރީމަންޓު ފާސްވިއެވެ. އެހެން ނަމަވެސް ހަގީގީ އެގްރީމަންޓުގެ ފައިނަލް ކޮޕީ ފާހެއް ނުވިއެވެ.

މި ހިސާބުން އެގްރީމަންޓުގެ ފައިނަލް ކޮޕީގައި ސޮއިކުރެވޭނެ ގޮތެއް ވޭތޯ އިނގިރޭސީން ދިޔައީ މަސައްކަތް ކުރަމުންނެވެ. މިކަމަށް ޓަކައި އިނގިރޭސި ހައިކޮމިޝަނަރުގެ ސިޓީ ހިފައިގެން ވެލާނާގެއަށް އައި މީހާއާ، އެތައް އިރެއް ވީއިރު ވެސް ނާޞިރު ބައްދަލެއް ނުކުރެއްވިއެވެ. އެންމެ ފަހުން ސެކްރެޓަރީ މެދުވެރިކޮށް އޭނާއަށް އެންގެވީ "ހައިކޮމިޝަނަރު މޯލީއަށް ދަންނަވާށޭ ރަސްމީ ސިޓީ ފޮނުއްވާނީ ފޮރިން މިނިސްޓަރުގެ ގެއަކަށް ނޫނޭ. މާދަމާ ސަރުކާރު ހުޅުވުމުން ފޮރިން މިނިސްޓްރީއަށް ފޮނުވާށޭ" މިހެންނެވެ. ދެން އެ އިނގިރޭސި އޮފިސަރަށް ޖެހުނީ ދާށެވެ. އެއަށްފަހު، 1958 ވަނަ އަހަރުގެ މާރިޗު 10 ގައި މަޖިލީހުގެ އިއްތިފާގުން ފައިނަލް ޑްރާފްޓުގައި ސޮއިކުރާން ނުފެންނަ ކަމަށް ނިންމެވިއެވެ. އިނގިރޭސި ވެރީންގެ ހާޒިރުގައި އެމީހުންނާ ދެކޮޅަށް މިފަދަ ނިންމުމެއް ނިންމުމުގެ ހިތްވަރު އެހެން ބޭފުޅުންނަށް ލިބިވަޑައިގަތީ ނާޞިރުގެ ޝަހުސިއްޔަތުގެ ވަރުގަދަކަމުގެ ސަބަބުންނެވެ. އެންމެ ފަހުން އިނގިރޭސީންނަށް ޖެހުނީ ގޮތްދޫކޮށް އެހެން އެގްރީމަންޓެއްގައި ސޮއި ކުރާށެވެ. މިއީ މަޝްހޫރު އޯލްޕޯޓް އެގްރީމަންޓެވެ. ސޮއިކުރީ 14 ފެބުރުވަރީ 1960 ގައެވެ. އަދި އަށް ލައްކަ ފަންސާސް ހާސް ޕައުންޑުގެ ހިލޭ އެހީ ވެސް ދިވެހިރާއްޖެއަށް ދޭން ވެސް އިނގިރޭސީން ނިންމިއެވެ. މީގެ ތެރެއިން އެއް ލައްކަ ޕައުންޑު ނަގުދު ފައިސާގެ ގޮތުގައި އަދި ހަތް ލައްކަ ފަންސާސް ހާސް ޕައުންޑުން ދިވެހީންގެ މަސްވެރިކަމަށާއި ކޮމިއުނިކޭޝަނަށާއި ސިއްހަތަށް އެހީވުމަށް ހަމަޖެހުނެވެ.

އިނގިރޭސީން ބޭނުން ގޮތަކަށް ކަންތައްތައް ނުވުމުން ދެކުނުގެ ތިން އަތޮޅު، ދިވެހިރާއްޖެއިން ވަކިކޮށް ވަކި މިނިވަން ދައުލަތެއް އުފެއްދުމުގެ ކަންތައް އިނގިރޭސީން އަޑީގައި ތިބެގެން ހިންގާން ފެށިއެވެ. އަދި 1959 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު މި ދައުލަތް، ޔުނައިޓެޑް ސުވާދީވް އައިލެންޑްސްގެ ނަމުގައި ވުޖޫދަށް އައެވެ. މިކަމުގައި އެންމެ އިސްކޮށް އުޅުއްވައި ދެކުނުގެ ތިން އަތޮޅުގައި ވަކި ސަރުކާރެއް އުފެއްދެވި ޢަބްދުﷲ ޢަފީފު ދީދީއަކީ މައިފުށުގެ އާއިލާއިން ނާޞިރާ ތިމާގެ ވެސް ބޭފުޅެކެވެ. އެހެނީ ޢަބްދުﷲ ޢަފީފުދީދީ އަކީ މީދޫ ކަޅިހާރު ދޮން ޢަލިތަކުރުފާނުގެ ހިތަދޫ އެޅެދީދީ (މުޙައްމަދުދީދީ) ގެ ޢަލިދީދީގެ ޢަބްދުﷲ ޢަފީފުދީދީއެވެ. ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަކީ، މި ކަޅިހާރު ދޮން ޢަލިތަކުރުފާނާ އެއްބަނޑުއެއްބަފާ ކަޅިހާރު ޢާއިޝާ މަނިކުފާނުގެ ޙުސައިންދީދީގެ މަރްޔަމްދީދީގެ މޫސާދީދީގެ ޢާއިޝަތުދީދީގެ އިބްރާހީމް ނާޞިރެވެ. އެހެން ނަމަވެސް އާއިލީ ތިމާގެ ކަމަށް ވުރެ ނާޞިރު އިސްކުރެއްވީ ގައުމެވެ. ސުވައިދީބު ސަރުކާރު އުވި، ދިވެހި ދައުލަތުގެ ދަށަށް ދެކުނުގެ އަތޮޅުތައް އަލުން އައުމާއެކު، އެކަމުގައި އެންމެ އިސްކޮށް އުޅުއްވި ޢަބްދުﷲ ޢަފީފު، ދިވެހި ސަރުކާރަށް ނާންގައި އިނގިރޭސީން ވަނީ ސީޝެލްސްއަށް ގެންގޮސްފައެވެ. އަފީފު ސީޝެލްސްއަށް ގެންދިޔައީ 30 ސެޕްޓެންބަރު 1963 ގައެވެ. މިކަން ނާޞިރަށް ރަސްމީކޮށް އެނގިވަޑައިގަތީ އިނގިރޭސި ވިލާތުގެ މަންދޫބަކާއެކު ބޭއްވި ބައްދަލުވުމެއްގައި އެ މަންދޫބުގެ ފަރާތުންނެވެ. އެކަން އެނގިވަޑައިގަތުމުން އެކަމާ ކޯފާވެގެން ނާޞިރު ވިދާޅުވި ކަމަށް ވަނީ ދިވެހިރާއްޖޭގެ ސަރަހައްދުގައި ހުރި ދިވެއްސަކު ދިވެހި ސަރުކާރަށް ނޭނގި އެ ގޮތަށް އިނގިރޭސީންނަށް ނުގެންދެވޭނެ ކަމުގައެވެ. ނާޞިރުގެ ހަރުކަށި ބަސްފުޅުތަކާ ހުރެ އިނގިރޭސިވިލާތުގެ މަންދޫބު ވެސް ކޯފާވިއެވެ. އަދި ދިވެހީންނަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ތިބި ބައެއް ކަމުން އިނގިރޭސީން ބޭނުން މީހަކު ބޭނުން ތާކަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ. މިހެން ވިދާޅުވުމުން ނާޞިރު ވިދާޅުވީ އެހެންވިއްޔާ ހިމާޔަތުގެ އެއްބަސްވުން އުވާލައި، ފުރިހަމަ މިނިވަންކަން ދިނުމާ ބެހޭ ގޮތުން ވާހަކަ ދައްކާން އެއްބަސް ނުވަނީސް ދެން އިނގިރޭސީންގެ އެއްވެސް މަންދޫބަކާ ބައްދަލުނުކުރައްވާނެ ކަމަށެވެ. ދިވެހީން ތިބީ އިނގިރޭސީންގެ ހިމާޔަތުގެ އަޅުވެތިކަމުގެ ދަށުގައެވެ. އެކަމަކު ނާޞިރު އެމީހުންނަށް ދޫ ދެއްވާކަށް ގަސްތެއް ނުކުރެއްވިއެވެ. މިއީ ނާޞިރު ގައުމަށް ޓަކައި ގެންގުޅުއްވި ހަރުދަނާ އުސޫލެވެ. އެންމެ ފަހުން އިނގިރޭސީންނަށް ޖެހުނީ ނާޞިރު ވިދާޅުވި ފަދައިން ހިމާޔަތުގެ އެއްބަސްވުން އުވާލައި، ދިވެހިރާއްޖެއަށް މިނިވަންކަން ދިނުމާ ބެހޭ ވާހަކަތައް ފަށާށެވެ. މިނިވަންކަން ހޯދުމުގެ ވާހަކަތައް ރަސްމީކޮށް ފެށުނީ 12 އޯގަސްޓު 1964 ވަނަ ދުވަހު ސިލޯނުގައެވެ. މިނިވަންކަން ދިނުމާ ބެހޭ އެއްބަސްވުމެއްގެ ޑްރާފްޓެއް އިނގިރޭސި ސަރުކާރުން ތައްޔާރުކޮށްގެން ހުށަހެޅިއެވެ. މި އެއްބަސްވުމުގައި ހުރި މާއްދާތަކަށް ގެންނާން ޖެހޭ ބަދަލުތައް ވަޔަރުލެސްގެ ޒަރީއާއިން ނާޞިރު އަރިހުން އޮޅުން ފިލުއްވަމުން ގެންދެވީ އޭރު ސިލޯނުގައި ހުންނެވި ދިވެހި ސަރުކާރުގެ މަންދޫބު ޢަބްދުއްސައްތާރު މޫސާދީދީއެވެ. ނާޞިރު ވިދާޅުވާ ވާހަކަފުޅުތައް އިނގިރޭސީންނާ ހަމަޔަށް ގެންދަވައި، އިނގިރޭސީން ބުނާ ވާހަކަތައް ނާޞިރަށް އަންގަވަމުން ގެންދެވީ ޢަބްދުއްސައްތާރު މޫސާދީދީއެވެ. އެންމެ ފަހުން ދެބައިމީހުންނަށް އެއްބަސްވެވޭ ނުކުތާތަކުގެ މައްޗަށް އެއްބަސްވުން އެކުލަވައިލެވުނީއެވެ. ކޮންމެވެސް ޒަމާނެއްގައި އިނގިރޭސީން ރާއްޖެ ދޫކޮށްލި ނަމަވެސް، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު އެ ވަރަށް މަސައްކަތް ނުކުރެއްވި ނަމަ ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ނުލިބުނީސް ކަމާއި، ރާއްޖެ އޮތީހީ ސިލޯނު ފަދަ ގައުމެއްގެ ދަށުގައި ކަމަށް، އެ ދުވަސްވަރު ކަންތައް ހިނގަމުން ދިޔަ ގޮތް ދެކެވަޑައިގަތް ބޭފުޅުން ވިދާޅުވެއެވެ. ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ހަތް އަހަރު ދުވަހުގެ މިންނެތް މަސައްކަތްޕުޅުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. އިނގިރޭސީންގެ ފަރާތުން މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހިޒް އެކްސެލެންސީ މައިކަލް ވޯކަރެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ.

ދިވެހި ގައުމަށް ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވި މި މާތް ބަތަލު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެންމެ ފަހުން ގައުމުގައި ހުންނެވީ 7 ޑިސެންބަރު 1978 ވީ ބުރާސްފަތި ދުވަހާ ހަމައަށެވެ. އޭގެ ފަހުން އަވަހާރަވާން ދެން ހުންނެވީ ސިންގަޕޫރުގައެވެ. އުފަން ވަޒަނުގައި ހުންނެވޭން ނެތިގެންނެވެ. ދިވެހި ގައުމުގެ ނާޞިރުލްޙުއްރިއްޔާ ދެމި އޮތުމުގެ އާލަމަށް ދަތުރު ކުރެއްވީ 22 ނޮވެންބަރު 2008 ވީ ހޮނިހިރު ދުވަހުގެ ރޭ 9:30 ހާކަށް ހާއިރު ސިންގަޕޫރުގައެވެ.

ސިންގަޕޫރުގައި ނާޞިރު އަވަހާރަވުމުން ދިވެހި ގައުމަށް ލިބިގެންދިޔައީ ފުން ހިތާމައެކެވެ. ގައުމަށް މިނިވަންކަން ހޯއްދަވައިދެއްވި ބަޠަލު ބޭރު ކަރައެއްގައި ފަސްދާނުލެވުނު ނަމަ އެކަން ވެގެންދިޔައީހީ، މުޅި ދިވެހި ގައުމު އެކަމާ ލަދުވެތިވާން ޖެހޭނެ ކަމަކަށެވެ. ދިވެހީންގެ މިނިވަންކަމުގެ ބަޠަލުގެ ހަށިކޮޅު މާލެ ގެނެވި، އެމަނިކުފާނަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ލިބި، އެމަނިކުފާނުގެ މަހާނަފުޅު، އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅާ ވަރަށް ގާތުގައި ހުރި ހުކުރު މިސްކިތުގެ ބިސްތާނައިގައި، ދިވެހި ފަސްގަނޑުގައި ހުންނާނޭ ގޮތް މެދުވެރިވެގެން ދިޔަކަމީ އުފާކުރުން ހައްގުކަމެކެވެ.

ރައީސް ނާޞިރުގެ ގައުމީ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ވާޖިބެކެވެ. އެމަނިކުފާނުގެ ހިދުމަތްތަކުގެ ހަނދާންތަކަށް ފަނޑުކަމެއް ނެތެވެ. އެމަނިކުފާނުގެ ހަނދާންތައް މިދިވެހި ފަސްގަނޑުން ދުވަހަކު ވެސް ފޮހެވިގެންނެއް ނުދާނެއެވެ.

"ގައުމަކަށް ކުޅަ ހިދުމަތެއް މީހާގެ ނަން މަތިވެރި ވެދާށި،

އައުކަމާ ތާޒާކަމާ ފެހިކަން ނަމަށް ދާއިމް ވެދާށި."