ތިއޯ ވޮލްކޮޓް ކާމިޔާބު ކުރި ލަނޑުން މޮޅުވެ، 1-0 ގެ ނަތީޖާއަކުން ޖަރުމަންގެ ވޮލްފްސްބާގް ބަލިކޮށް، އާސެނަލްއިން އެމިރޭޓްސްކަޕް ކަމިޔާބުކޮށްފިއެވެ.

ދެ ވަނަ ހާފްގައި ވޮލްކޮޓް ލަނޑު ކާމިޔާބުކުރީ އެމިރޭޓްސްކަޕް ގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 17 އަހަރުގެ ފްރާންސްގެ ޖެފް ރެއިން އަޑެލައުޑް ތަނަވަސްކޮށްދިން ރީތި ބޯޅައަކުންނެވެ.

މެޗްގައި ވޮލްފްސްބާގަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ. ޖޯޝުއާ ގުއިލަވަގުއީ ފޮނުވާލި ނުރައްކާތެރި ބޯޅަ ޗެލްސީއިން 10 މިލިއަން ޕައުންޑަށް އާސެނަލަށް ބަދަލުވި ކީޕަރު ޕީޓާ ޗެކް ވަނީ ދިފާއުކޮށްފައެވެ.

މިއީ ޗެކް އާސެލާ ގުޅުނުފަހުން ޕްރީސީޒަން މުބަރާތްތަކުގެ ތެރެއިން އާސެނަލަށް ކާމިޔާބުކޮށްދިން ދެ ވަނަ މުބަރާތެވެ. މީގެ ކުރިން ވަނީ ޕްރިމިއާ ލީގް އޭޝިއާ ޓްރޮފީ ކާމިޔާބުކޮށްފައެވެ.

އެމިރޭޓްސް ކަޕަކީ އާސެނަލުން 2007 ވަނަ އަހަރު ބާއްވަން ފެށި މުބާރާތެކެވެ. ދެ ދުވަހުގެ މުއްދަތައް ހަތަރު ޓީމް ބައިވެރިވެގެން ކުރިއަށްގެންދާ މިމުބާރަތަށް ޔޫރަޕްގެ އެކި ފަންތީގެ ޓީމްތަކަށް ދައުވަތު ދެއެވެ.

އާސެނަލުން އެމުބާރާތް ތައާރަފް ކުރީ ސީޒަން ފެށުމުގެ ކުރިން ޓިމްގެ ކުޅުންތެރިންނަށް ވާދަވެރި ޕްރެކްޓިސް މެޗްތަކެއް ހޯދައިދިނުމުގެ ގޮތުންނާއި އެޓީމްގެ ޒުވާން ކުޅުންތެރިންނަށް ވާދަވެރި މެޗްތަކުން ފުރުސަތު ދީ އެކުޅުންތެރިންގެ ހުނަރުވެރިކަން ތަރައްގީ ކުރުމުގެ ގޮތުންނެވެ.

އެގޮތުން އެމުބާރަތުން އާންމުގެ ލޯތަކަށް ފާހަގަވި ޒުވާން ކުޅުންތެރިންގެ ތެރޭގައި ޖެކް ވިލްޝެއާ ހިމެނެއެވެ.

މިއަހަރުގެ މުބާރާތުން ފާހަގަ ވި ކުޅުންތެރިޔަކީ މުބާރާތުގައި މޮޅުކުޅުމެއް ދެއްކި ފްރާންސްގެ ޖެފް ރެއިން އަޑެލައުޑްއެވެ.