27 Jul 2015, 11:12
މިދިޔަ ހަފްތާގައި އައިއެސް އިން ތުރުކީގައި ބޮމެއް ގޮއްވާލައި 28 މީހުން މަރާލުމާގުޅިގެން އައިއެސްއާއި ތުރުކީގެ ހަނީމޫންގެ ދުވަސްވަރުތައް ވަނީ ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެގެން ގޮސްފަ އެވެ.
ތުރުކީގެ އިސްލާމީ ފިކުރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަކީ އައިއެސް އިން އިރާގާއި ސޫރިޔާއާއި ލީބިޔާއާއި ގަލްފުގެ ގައުމުތަކުގެ އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ޓެރަރިޒަމްގެ އަމަލުތަކަށް މިހާތަނަށް ލޯމަރާލައްވައި އަދި އަޅާނުލައްވާ ހުންނެވި ބޭފުޅެއް ކަމަށް ތުހުމަތު ކުރެވިފައިވާ ބޭފުޅެއް ނަމަވެސް މިދޔަ ހަފްތާގައި އައިއެސް އިން ތުރުކީގައި ހިންގި ބޮންގޮއްވުމުގެ ޙަމަލާގައި 28 މީހުން މަރާލުމާ އެކު ތުރުކީ ސަލާމަތީ ބާރުތަކުންވަނީ އެގައުމުގައި އުޅޭ އައިއެސްއަށް ތާއީދުކުރާ މީހުން ހައްޔަރުކުރުމުގެ ސަލާމަތީ އޮޕަރޭޝަނެއް ވެސް ފަށާފަ އެވެ.
މިއޮޕަރޭޝަންގައި މިހާތަނަށް 2000 އެއްހާމީހުން ހައްޔަރުކޮށްފައިވާ އިރު މިއީ ޖިހާދުގެ ނަމުގައި އައިއެސްއާ ގުޅުމަށްޓަކައި ތުރުކީއަށް ގޮސްތިބި ބޭރުގައުމުތަކުގެ ހަނގުރާމަވެރިންކަމަށް ތުރުކީގެ ފުލުހުން ބުނެއެވެ. ޖިހާދުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގައި ކުށެއްނެތް މީހުން މެރުމަށް ޓަކައި އަިއއެސް ޖަމާއަތާ ގުޅުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދާ މީހުންގެ ފުރަތަމަ މަންޒިލަކީ ތުރުކީއެވެ.
އަނެއްކޮޅުން ތުރުކީ މިހަފްތާގައިވަނީ އެގައުމަށް ލިބިފައިވާ އަސްކަރީ ހުރިހާ ބާރަކާއެކު އައިއެސްއާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފަ އެވެ. އަދި ތުރުކީގެ އިސްލާމީ ފިކުރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އައިއެސް ޖަމާއަތް ނައްތާލުމަށް ފުރަތަމަ ފަހަރަށް ގޮވާލައްވާފަ އެވެ.
އަނެއްކޮޅުން ތުރުކީގެ ބޮޑުވަޒީރު އަހްމަދު ދާވޫދު އޮގްލޯ ވަނީ އިރާގާއި ސީރިޔާގެ އުތުރުގައި ތުރުކީ ސިފައިން މިހާރު ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންތައް ދިފާއު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އޮގްލޯ ވިދާޅުވީ ތުރުކީއަށް އޮތްކަމަށްބެލެވޭ ނުރައްކާއޮތްހާ ހިނދަކު މިއޮޕަރޭޝަންތައް ކުރިޔަށްގެންދާނެކަމުގަ އެވެ. ތުރުކީގެ މި އޮޕަރޭޝަންތަކަކީ އިރާގުގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީންގެ ކުރުދުސްތާން ލޭބަ ޕާޓީ (ޕީކޭކޭ) ޖަމާއަތާ އަދި އިރާގާއި ސީރިޔާގެ ބޮޑުބައެއް ހިފައިގެންއުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ދެކޮޅަށް މިދިޔަ ހުކުރުދުވަހުން ފެށިގެން ހިންގަން ފަށާފައިވާ ވައިގެ އޮޕަރޭޝަންތަކެކެވެ.
އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކާއި އިރާގުންވަނީ ތުރުކީ ސިފައިންގެ މިޙަމަލާތަކަށް ތާއީދުކޮށްފަ އެވެ. ނަމަވެސް ސީރިޔާއިންވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ދެފުށްދެގޮތް ސިތާސަތުތަކެއް ގެންގުޅޭ ކަމާއި ސީރިޔާގެ ސަރަހައްދީ ރޮނގުގެ ހުރުމަތް އެގައުމުގެ ހުއްދަނެތި ތުރުކީން ކަނޑަމުންގެންދާ ކަމަށް ތުހުމަތުކޮށްފައެވެ.
ތުރުކީގެ އަސްކަރީ އޮޕަރޭޝަންތަކާބެހޭގޮތުން މަޝްވަރާ ކުރުމަށް ނޭޓޯގެ ކުއްލި ބައްދަލުވުމަކަށްވެސް އެގައުމުން ވަނީ ގޮވާލާފަ އެވެ. މިކަމުގެ ބޭނުމަކީ މިއޮަޕަރޭޝަންތަކަށް ނޭޓޯގެ ރަސްމީ ތާއީދާ އަދި ތުރުކީ ބޭނުންވެއްޖެ ޙާލަތެއްގައި އެގައުމަށް ނޭޓޯގެ އަސްކަރީ އެހީތެރިކަން ވެސް ލިބޭނެ ގޮތްހެދުންކަމަށް ވަނީ ބެލެވިފައެވެ. ތުުރުކީގެ ޚާރިޖީ ވުޒާރާއިންބުނީ ނޭޓޯގެ ސަފީރުންގެ ލެވެލްގެ ކުއްލި ބައްދަލުވުމެއް ބާއްވައި ދިނުމަށް އެޖަމާއަތުގެ ސެކްރެޓޭރިއަޓްގައި އެ ގައުމުން އެދެމުން މިބައްދަލުވުން މާދަމާ ބްރަސަލްސްގައި ބާއްވާނެކަން ނޭޓޯ އިން އަންގާފައިވާ ކަމުގައެވެ.
އައިއެސް ނައްތާލުމަށް ނޭޓޯގައި ދެވަނައަށް އެންމެ ބޮޑު ލަޝްކަރު ކަމަށްވާ ތުރުކީ ސިފައިން ނުކުތުމުން އައިއެސް ބަލިކޮށްލުމަށް އިރާގާއި ސީރިޔާއިން ކުރަމުން ގެންދާ ހަނގުރާމައަށް ވަރަށްބޮޑު ބާރެއް ލިބިގެންދާނެ އެވެ. ޖިހާދުގެނަމުގައި އައިއެސްއާ ގުޅުމަށް ދާ ހަނގުރާމަވެރިން ތުރުކީން ހުއްޓުވައިފިި ނަމަ އެޖަމާއަތް ބަލިކަށި ކޮށްލަން ފަސޭހަވާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ނޫސްއެޖެންސީތައް)