މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގޭގައި ހުރި އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.

މާފަންނު ބިސްބުރު ކައިރީގައި ދެ ބުރިއަށް ނަގާފައި ހުރި "ފެއަރ" ގޭގައި އަލިފާން ރޯވީ މިއަދު ހަވީރު 5:15 އެހާކަންހާއިރު އެވެ. އެ ހާދިސާގައި އެއްވެސް މީހަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން އެ އަލިފާންގަނޑު ނިއްވާލީ 5:25 އެހާކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ އިމާރާތުގެ ދެ ފަންގިފިލާގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

އެ ގޭގައި ދިރިއުޅޭ މީހަކު ސަން އަށް މައުލޫމާތު ދެމުން މިއަދު ބުނީ އަލިފާނުގެ ހާދިސާ ހިނގިއިރު އެ ގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށެވެ. އަދި އަލިފާންގަނޑު ގެއަށް ފެތުރިގެން ދިޔައީ އެގޭގައި ކުއްޔައްދީފައިވާ ކޮޓަރީގައި އަލިފާން ރޯވެގެން ކަމަށާއި އެ ހާދިސާގައި ގޭގައި ހިފާގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކް ސާމާނު ވެސް އެއްކޮށް އަނދައިހުލިވެފައިވާ ކަމަށެވެ.

"އަލިފާން ރޯވި ސަބަބެއް އަދި މިހާތަނަކަށް އަޅުގަނޑުމެންނަކަން ނޭނގޭ. މި ގަޑިއަކީ އެއްވެސް މީހަކު ގޭގައި އުޅޭ ގަޑިއެއް ނޫން. ޓީވީ އާއި އެހެނިހެން އިލޮކްޓްރޯނިކް ސާމާނާއި ހިފާގެންގުޅޭ އެއްޗެހިވެސް މިހިރީ އެއްކޮށް އަނދާ ހުލިވެފަ." އޭނާ ބުންޏެވެ.

އޭނާ ބުނީ އަލިފާނުގެ ހާދިސާ ހިނގިއިރު، ގޭގައި ފައިސާ ވެސް ހުންނާނެ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ނުބުނެ އެވެ.

އެމްއެންޑީއެފު ފަޔާ އެންޑް ރެސްކިޔު ޓީމު ދަނީ އެގޭގައި ހަރާކަތްތެރިވަމުންނެވެ. އަދި މިހާތަނަށް އެ ހާދިސާ ހިނގަންމެދުވެރިވި ސަބަބެއް ނޭނގޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.