ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ ރާއްޖޭގެ މިނިވަން ކަމަށް އިހުތިރާމްކުރާ ކޮންމެ ބަޔަކާ އެކު ގުޅުން ބަދަހި ކުރޭވޭނެ ގޮތުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ދަރުބާރުގައި ދެއްވި ތަގުރީރުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ކުރިއަށް ގެންދަވާނެ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމްކުރާ ގައުމުތަކުގެ މެދުގައި ރާއްޖޭން ތަފާތު ނުކުރާނެ ކަމަށެވެ.

"...ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ ބޭރުގައުމުތަކުގެ ގާނޫނުތަކާއި އުސޫލުތަކާއި އެގައުމުތަކުގެ އިސްތިގުލާލް ރަނގަޅަށް ދެނެ ތިބެ، އެގައުމުތަކާ އެކު އެކުވެރިކަން ގާއިމްކޮށް، ގުޅުން ބަދަހި ކުރެވޭނެ ގޮތުގެ މައްޗަށް. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތާ ކޮންމެ ގައުމަކާ އެކު ރާއްޖޭން އިސް ނަގައިގެން، އެގައުމުތަކާއި އެކު އެކުވެރިކަން އުފެއްދުމަށާއި އެއްވެސް ތަފާތުކުރުމެއް ނެތި މިގައުމުތަކާއި އެކީ ގުޅުން ދެމެހެއްޓުމުގެ މައްޗަށް،" ރައީސް ވިދާޅުވި އެވެ.

ބައިނަލް އަގުވާމީ ޖަމާއަތްތަކާ ގުޅުން ބޭއްވުމުގައި ވެސް ރާއްޖޭން އަމަލުކުރާނީ ހަމަ އެބީދައިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ޖަމިއްޔާތަކާއި ޖަމާއަތްތަކާ ގުޅުން އުފެއްދުމުގެ އަސާސް ބިނާވެފައި އޮންނަނީ އެފަދަ ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވުމުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ބާރުތަކުގެ މެދުގައި ހިނގާ އަސްކަރީ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ނުވަނުމަކީ ވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ބައެއް ކަމަށެވެ.

"... ދުނިޔޭގެ ބާރުތަކުގެ މެދުގައި ހިނގާ އަސްކަރީ ސިޔާސީ އަދި އަދި ޖިއޯ ޕޮލިޓިކްސް ވާދަވެރިކަމުގެ ތެރެއަށް ނުވަނުމާއި ބައިނަލް އަގުވާމީ ދާއިރާގައި ހައްގާއި އިންސާފުގެ އަގު އުފުލުމާއި އިންސާނީ ހައްގުތައް ކުރިއަރުވަން މަސައްކަތް ކުރުން ހިމެނޭ،" ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަފުސީލުކޮށްދެއްވަމުން ރައީސް ޔާމީނު ވިދާޅުވި އެވެ.

"މިނިވަން ގައުމުތަކުގެ މެދުގައި ސުލްހަ މަސަލަސްކަން އޮތުމުގެ މައި އަސާސަކީ ކޮންމެ މިނިވަން ގައުމަކަށް ވެސް އެގައުމެއްގެ ކަންކަން ހިންގުމުގައި ފުރިހަމަ ސިޔާދަތު އޮތުމުގެ ހައްގަކީ މިނިވަން ގައުމުތަކުގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމްވެ އޮތުމުގެ އެންމެ މައި އަސާސް،" އެމަނިކުފާނު ވިދާޅުވި އެވެ.

ވިދާޅުވީ އެގައުމެއްގެ ރައްޔިތުންނަށް ހެވާއި ލާބަ ހުރި ގޮތް ކަނޑައެޅުމާއި އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ތަރައްގީކުރުމާއި އިންސާނީ ހައްގު ކުރިއެރުވުމުގެ ހައްގު ލިބިގެން ވާކަމަށެވެ.

ރާއްޖޭގެ ޝަރުއީ ކަންކަމަށް ބައެއް ގައުމުތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، އެގައުމުތަކަށް ރައީސް މިރޭ ފާޑުވިދާޅުވި އެވެ. ވިދާޅުވީ ބައެއް ބައެއް ގައުމުތަކުންނާއި ޖަމިއްޔާ ތަކުން ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރުމަކީ ރާއްޖޭން ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ އަމަލުތަކަކީ މިނިވަންކަމާއި ސުލްހަ މަސަލަސްކަމަށް ލޯބިކުރާ އަދި ގައުމުތަކުގެ މިނިވަންކަމަށް ހޯދައި ދިނުމަށް މަސައްކަތްކުރާ އެއްވެސް ބަޔަކު ތާއީދުކުރާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"... ކޮން ގައުމެއްގައިތޯ އެގައުމެއްގައި ހިނގާ ވެރިކަމަކީ ގާނޫނީ ގޮތުން ސައްހަ ވެރިކަމެއްތޯ އެހެން ގައުމަކުން ކަނޑައެޅުމަށް ބޭނުންވާނީ؟ ކޮން ގައުމަކުންތޯ އެގައުމެއްގެ ޝަރުއީ ދާއިރާގެ ހުރިހާ މަރުހަލާތަކެއް ފެޔަށް ޖައްސާފައި، އެގައުމެއްގައި ހިނގާ މައްސަލަތަކަށް އެހެން ގައުމަކުން ހުކުމް ކަނޑައެޅުމަށް ޖާގަދޭން ބޭނުންވާނީ؟" ރައީސް ސުވާލު އުފެއްދެވި އެވެ.

އެމަނިކުފާނު ދެން ވިދާޅުވީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުގެ ހަމަޖެހުމާއި އިސްތިގުރާރު ގެއްލުވައިލަން މަސައްކަތް ކުރާ ބަޔަކީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތާ ބައެއް ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށެވެ.