ޔުއެފާ ޗެމްޕިއަންސް ލީގްގައި މިރޭ ބެލަރޫސްގެ އެފްސީ ބޭޓް ބްރިސޯވްއާ ދެކޮޅަށް ބާސާ ނިކުންނައިރު އަނިޔާވެފައިވާ ބާސާގެ އެއް ވަނަ ކުޅުންތެރިޔާ ލިއޮނަލް މެސީއަށް އަނިޔާވެފައިވާއިރު، އޭނާ ނެތްތަން ބާސާގެ ފޯވަޑް ނޭމަ ޑަސިލްވާއަށް ފޫބެއްދޭނެކަމަށް ބާސާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓް ބުނެފިއެވެ.

މެޗްގެ ކުރިން ވާހަކަ ދައްކަމުން ބްސްކެޓް ބުނީ މެސީ ނެތް އިރު އެތަން ފޫބެއްދުމުގެ ކޮލިޓީއާއި ލީޑާޝިޕް ނޭމަގެ ކިބައިގައި އެބަހުރިކަމަށާއި އޭނާއަކީ ބާސާއަށް ހިނިތުން ވުން ގެނެސްދޭނެ ކުޅުންތެރިޔެއް ކަމަށެވެ.

ނޭމާ ވަނީ ސްޕެނިޝް ލީގްގައި އެންމެ ފަހުން ކުޅުނު މެޗްގައި ހަތަރު ލަނޑު ޖަހައި އިތުރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ސްޕެނިޝް ލީގްގައި މިހާތަނަށް އަށް ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައިވެސް އޮތީ ނޭމާއެވެ.

ބުސްކެޓްސް ބުނީ މެސީ ނެތްތަށް ފޫބެއްދުމަށް ބާސާގެ ކުޅުންތެރިންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެއިރުން މެސީ ނެތްކަން ފާހަގަ ވުން ކުޑަ ކުރެވޭނެ ކަމަށެވެ.

ނަމަވެސް މެސީއަކީ ގިނަ ލަނޑު ޖަހައި ލަނޑު ޖަހަން ގިނަ ފުރުސަތު ތަނަވަސްކޮށްދޭ ކުޅުންތެރިޔެއްކަން ދަންނަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

މެސީއަށް އަނިޔާވެފައިވާއިރު ފީފާއިން ބާސާއާ މެދު އަޅާފައިވާ ޓްރަންސްފާ ބެންގެ ދަށުން އެޓީމަށް ގެނައި ތުރުކީގެ އާދަ ތުރާންއާއި އެލެކްސް ވިޑާލްއަށް ޖަނަވަރީގެ ކުރިން ނުކުޅެވޭއިރު އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބްސްކެޓްސް ބުނީ ކުޅުންތެރިން ޓީމަށް ސޮއި ކުރުމުގެ އިޒުނަ ފީފައިން ނުދިނުމަކީ ފަސޭހަ ކަމެއް ނޫންކަމަށެވެ. ނަމަވެސް އެކަމާމެދު އެއްވެސް އެސްކިއުޒެއް ނެތްކަމަށް އޭނާ ބުންޏެވެ.

ބެލަރުސްގެ ބޮރިސޯވްގެ ދަނޑުގައި މިރޭ ބާސާއާއި އެފްސީ ބޭޓް ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ 11:45 ގައެވެ.