26 Jul 2015, 21:22
އަޅުގަނޑުމެންނަކީ މުސްތަގުބަލު ދެކެ ބިރުގަންނަ ބަޔަކަށް ވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ދަރުބާރުގައި ގައުމާއި މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަޅުގަނޑުމެން ވާން ޖެހޭނީ މުސްތަގުބަލަށް މަގު ފަހިކޮށްދޭ ބަޔަކަށް ކަމަށެވެ.
"...އަޅުގަނޑުމެންނަކީ މުސްތަގުބަލު ދެކެ ބިރުގަންނަ ބަޔަކަށް ވެގެން ނުވާނެ. އަޅުގަނޑުމެން ވާން ޖެހޭނީ މުސްތަގުބަލަށް މަގުފަހިކޮށްދޭ، ކުރިއަށް އަންނަން އޮތް ޖީލުތަކަށް އެމަގު ތަނަވަސްކޮށްދީ ގައުމުގެ މުއްސަނދިކަން އެފަރާތްތަކަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދައިދޭން ތިބި ބަޔަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ޓަކައި އިގުތިސާދީ ލާމެހުން އިތުރު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ ބޮޑެތި ކުންފުނިތައް ރާއްޖެއަށް ގެނެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށާއި ސްޓްރެޓެޖިކް އެލަޔަންސްތައް ގާއިމްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. ތަފާތު ގައުމުތަކުގެ ކުންފުނިތައް ރާއްޖޭގައި ގިނަ ވުމަކީ މިނިވަން ކަމަށް އޮންނަ ނުރައްކާ ކުޑަވެގެން ދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"... ތަފާތު ގައުމުތަކުގެ މަލްޓި ނެޝަނަލް ކުންފުނިތައް ރާއްޖޭގައި ގިނަވުމަކީ ގައުމުގެ މިނިވަން ކަމަށް އަންނަ ނުރައްކާ އެތައް ގުނައަކަށް ކުޑަވެގެންދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ޒުވާނުންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ޓަކައި ޒުވާން އާބާދީގެ ބޭނުން ގައުމަށް އެންމެ ފައިދާ ހުރި ގޮތުގައި ހިފަން ޖެހޭ ކަމަށެވެ. އެގޮތުން އެފަރާތްތަކަށް ތައުލީމާއި ވަޒީފާއާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ވިސްނުމުން، އާބާދީގެ މަރުކަޒުތަކެއް ގާއިމްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއަށް ތަރައްގީ ގެނެވޭނީ ދިވެހިން ބޭނުންވާ ގޮތަކަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގުމުގެ މިނިވަންކަން ލިބިގެން ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ ގައުމުތަކުގެ ގާނޫނުތަކާއި އުސޫލުތަކާއި އެގައުމުތަކުގެ ސިޔާދަތު ރަނގަޅަށް ދެނެ ތިބެގެން ގުޅުން ބަދަހި ކުރެވޭނެ ގޮތުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތާ ކޮންމެ ގައުމަކާ އެކު ރާއްޖޭން އިސްނަގައިގެން އެގައުމުތަކާ އެކު އެކުވެރިކަން އުފެއްދުމަށާއި އެއްވެސް ތަފާތު ކުރުމެއް ނެތި މިގައުމުތަކާއި އެކީ އެގުޅުން ދެމެހެއްޓުމުގެ މައްޗަށް،" ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތް ގޮތާއި ބެހޭ ގޮތުން ތަފުސީލުކޮށް ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވި އެވެ.
މިރޭ އޮތް ދަރުބާރުގައި ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫނު ޢަބުދުލްޤައްޔޫމާއި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދިފާއީ ބާރުތަކުގެ ވެރިންނާއި ބޭރުގައުމުތަކުގެ އިއްޒަތްތެރިން ބައިވެރިވަޑައިގެންނެވި އެވެ. އެ ދަރުބާރުގައި ބައިވެރިވެވަޑައިގެންނެވި ބޭރުގައުމުތަކުގެ އިއްޒަތްތެރިންގެ ތެރޭގައި އަވަށްޓެރި ސްރީލަންކާގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ ހިމެނިވަޑައިގަންނަވަ އެވެ.