މިނިވަން 50 ފާހަގަ ކުރުމަށް ހއ. އުލިގަމުގައި 530 މަސް ފިހެފި އެވެ.

އުލިގަމު ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޒިޔާދު ހަސަން މިރޭ ސަން އަށް ވިދާޅުވީ ރޯދަމަސް ނިމުމާ އެކު އެއް އަލިފާނގަޑެއްގައި ގިނަ އަދަދެއްގެ މަސް ފިހުމަކީ އާދަކާދައެއްގެ ގޮތުގައި އެ ރަށުގައި އަބަދު ވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި މިފަހަރު އެކަން މި ކުރަނީ މިނިވަން 50 އާ ގުޅުވައިގެން ކަމަށެވެ.

"މިއަދު ވެސް 500 އަށް ވުރެ ގިނަ މަސް އެއް އަލިފާންގަނޑެއްގެ މަތީގައި ފިހުނު، މިކަން މިދަނީ މިނިވަން 50 އާ ގުޅުވައިގެން،" ޒިޔާދު ވިދާޅުވި އެވެ.

މިނިވަން ދުވަސް ފާހަގަ ކުރަން އުލިގަމުގައި ބޭއްވި މަސް ފިހުމުގެ ހަރަކާތް-- ސަން ފޮޓޯ ކިޔުންތެރިއެއް

އެ ރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ގުޅިގެން ބާއްވާ އެ މަސް ފިހުމުގެ ހަރަކާތުގެ ދަށުން މިއަދު ހަވީރު 4:30 އެހާކަންހާއިރު ވަނީ ދިގުކޮށް ޖަހާފައިވާ އަލިފާނގަނޑެއްގައި 530 މަސް ފިހެފަ އެވެ. އެ މަސްތަކަކީ ރަށުގެ ފިރިހެނުން މަހަށް ގޮސްގެން ބާނާފައިވާ މަހެވެ.

ޒިޔާދު ވިދާޅުވީ މިރޭ 8:30 އިން ފެށިގެން ރޮއްޓާއި ބޮނޑިބަތާ އެކު އެ މަސްތަކަށް އިންސާފު ކުރުން އެ ރަށު ބަދަރުމަތިން ބަނދަރުމަތީގައި ކުރިއަށްދާ ކަމަށެވެ. އެކެއުމަށް އެ ރަށު ކައިރި ރަށްރަށުގެ ފަރާތްތަކަށް ދައުވަތު ދެއްވާފައިވާ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

ފިހުނުމަހަށް އިންސާފު ކުރުމުގެ ހަރަކާތް ކުރިއަށް ދަނީ--

އުލިގަމު މީހުން މައުލޫމާތުދޭ ގޮތުގައި ދިގު އަލިފާންގަނޑެއްގައި ގިނަ އަދަދެއްގެ މަސް ފިހުމަކީ ވަރަށް ކުރީއްސުރެ އެ ރަށުގައި އަހަރަކު އެއް ފަހަރަކު ކުރަމުން އަންނަ ކަމެކެވެ. އެކަމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުން އެއްބައިވަންތަ ކުރުމެވެ.