މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ(ގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ފަޒީލް ނަޖީބު، ޤާނޫނީ ވާޖިބުތައް އަދާކުރެއްވުމުގައި ތަކުރާރުކޮށް އިޙުމާލުވެފައިވާ ކަމަށް ބުނެ ގަވަރުނަރު ކަމުގެ މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް މަޝްވަރާ އެރުވުމަށް އެދި އެ މައްސަލަ ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުން ގަވަރުނަރު ޢައްޔަންކޮށް ވަކިކުރާނީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަޤާމަށް ފަޒީލް ނަޖީބު އައްޔަން ކުރެއްވީ22 އޮކްޓޯބަރ 2008 ދުވަހު އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކުގެ ފަރާތުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުން އެ އޮތޯރިޓީ ދުވަހުން ދަވަހަށް ހިންގައި އޮތޯރިޓީގެ ބޯޑުން ކަނޑައަޅާ ސިޔާސަތުތަކާއި ނިންމުންތަކާއި މަސައްކަތުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އޮތޯރިޓީ ހިންގުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ އެ އޮތޯރިޓީގެ އެއްމެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރު ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ގަވަރުނަރަކަށް ހުންނަ ފަރާތަކީ އިތުރު ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކޮށް ހަމައެކަނި އޮތޯރިޓީގެ މަސައްކަތަށް ޚާއްސަވެގެން ހުންނަ ފަރާތަކަށް ވުމަށް އެމްއެމްއޭގެ ގާނޫނު ލާޒިމް ކުރާއިރު، ފަޒީލް ނަޖީބު އިނގިރޭސިވިލާތުގައި ކިޔަވައި ވިދާޅުމުން ގެންދަވާތީ، ގިނަ ވަގުތު ހޭދަކުރައް ވަނީ ރާއްޖެ އިން ބޭރުގައިކަން ފާހަގަކުރެވޭ ކަމަށް ވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބަޔާނުގައި ބުންޏެވެ.

"ޤާނޫނުގައި ބަޔާންވެގެންވާ ގޮތަށް، އެމްއެމްއޭގެ މަސައްކަތަށް ހާއްސަވެގެން އެބޭފުޅާއަށް ނުހުންނެވޭ ކަމާއި ވަޒީފާ އަށް ދެއްވަން ޖެހި ވަޑައިގަންނަވާ ވަގުތާއި ސަމާލުކަން ނުދެއްވޭ ކަމާއި އަހަރުގެ ގިނަ ދުވަހަކީ އޮފީހަށް ވަޑައިނުގަންނަވާ ދުވަސް ކަން ފާހަގަކުރެވެ އެވެ. އެހެންކަމުން... މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގައި... ބަޔާންކޮށްފައިވާ މަޤްސަދުތައް އަލްފާސިލް ފަޒީލް ނަޖީބު ގަވަނަރުގެ މަޤާމުގައި ހުންނަވައިގެން ހާސިލު ނުކުރެވޭކަން ފާހަގަކުރެވެ އެވެ." އެމްޑީޕީގެ ބަޔާންގައިވެ އެވެ.

އެމްއެމްއޭ ގާނޫނު ބުނާ ގޮތުން ކޮންމެ ތިން މަހުން އެއް ފަހަރު އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށާއި ނަމަވެސް އެމްއެމްއޭގެ ހިންގާ ގަވާއިދާ އެއްގޮތަށް ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކަށް ބޯޑުގެ ޗެއާގެ ހައިސިއްޔަތުން ގަވަރުނަރު ފަޒީލް ނަޖީބު ގިނަ ފަހަރަށް ވަޑައިނުގަންނަވާ ކަމަށާއި އަދި ގިނަ ބައްދަލުވުންތަކުގައި ޗެއާގެ މަޤާމު އަދާކުރައްވަނީ ޑެޕިއުޓީ ގަވަރުނަރު ކަން ފާހަގަކުރެވޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެ އެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނުގައި އަދި ބުނެފައި ވަނީ އެމްއެމްއޭގެ ގާނޫނުގައި ބުނާ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ގަވަރުނަރުގެ ހައިސިއްޔަތުން ފަޒީލް ނަޖީބް މަސައްކަތް ކުރައްވާފައި ވުމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި، ބޭންކިން އާއި މަނިޓަރީ މުޢާމަލާތާ ބެހޭ ކަންތައްތަކުގައި، ސަރުކާރަށް ލަފާދެއްވަން، ޤާނޫނުގައި ގަވަރުނަރަށް ލާޒިމު ކުރާ ކަމުގައިވީ ނަމަވެސް ސަރުކާރަށް ލިބެންވާ ލަފަ އާއި އިރުޝާދު ސަރުކާރަށް، ފަޒީލު ނަޖީބުގެ ފަރާތުން ލިބެމުން ނުދާކަން ވެސް އެ ޕާޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ ބޭރު ފައިސާ ލިބުން ދަތިވެފައިވާ މައްސަލައަށް ލުޔެއް ހޯދުމަށް ފަޒީލް ނަޖީބް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށާއި އަދި، ސަރުކާރުން އެމައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ނުދެއްވާކަން ވެސް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން، އެމައްސަލަ ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅު ތަކަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އެމްއެމްއޭ އަށް 10 ނޮވެމްބަރު 2010 ދުވަހު ލިޔުމުން، އެސިޓީއަށް ޖަވާބެއް ދީފައި ނުވާ ކަމަށާއި އަދި މި އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ދެވަނަ ފަހަރަށް އެމްއެމްއޭ އަށް ލިޔުމުން އެސިޓީ އަށް ފަޒީލް ނަޖީބު ޖަވާބު ދެއްވާފައި ވަނީ މިއަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހުކަން ފާހަގަ ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ނަމަވެސް މައްސަލަ ވަގުތުން ވަގުތަށް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅަކާ ގުޅޭ ގޮތުން ލަފަޔެއް އަރުވާފައި ނުވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ ފަޒީލް ނަޖީބް ގަވަރުނަރަކަށް ހުރެ ކަންކަން ނިންމަވަނީ ސިޔާސީ ވިސްނުމާއި ނުފޫޒުގެ މައްޗަށް ބިނާކޮށްކަން ފާހަގަކުރެވޭ ކަމަށެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ދަށުން އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރައްވާފައި ހުންނެވި ބޭފުޅާ އެ މަޤާމުން އިސްތިޢުފާ ދެއްވުމުން، އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު އެކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައި ނުވާކަން ފާހަގަކުރެވެ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ 18 މެއި 2009 ދުވަހު އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެންނަން އެޤާނޫނުގެ 6 ވަނަ މާއްދާގެ(4) ވަނަ ނަމްބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ފަޒީލް ނަޖީބުގެ ލަފާފުޅަކަށް އެދި ފޮނުއްވެވި ސިޓީއަށް އެމަނިކުފާނު ޖަވާބެއް ދެއްވާފައި ނުވާކަމަށެވެ. އަދި، އެސިޓީ އަށް އެއްވެސް ޖަވާބެއް ނުދެއްވުމުން، 1 އޭޕްރީލް 2010 ދުވަހު އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑު ބަދަލުކުރެއްވުމަށް ދެވަނަ ފަހަރަށް ސިޓީ ފޮނުއްވުމުން، އެސިޓީ އަށް ވެސް ފަޒީލް ނަޖީބު ޖަވާބު ދެއްވާފައެއްނުވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. ބޯޑުގެ މައްސަލައިގައި ފަޒީލް ނަޖީބު ރައީސަށް ޖަވާބު ދެއްވާފައި ވަނީ ހަމައެކަނި 8 ޑިސެމްބަރު 2010 ދުވަހު ފޮނުއްވެވި ސިޓީ އަށެވެ. އަދި ސަރުކާރުގެ ފަރާތުން އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރެއްވުމަށް ތަކުރާރުކޮށް ނަން ހުށަހެޅުމުން ވެސް އެކަން ގަވަރުނަރު ހަމަޖައްސާފައި ނުވާ ކަމަށެވެ.

އެމްޑީޕީން ބުނީ އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު، އެ އޮތޯރިޓީގެ ކްރެޑިޓް ކާޑު ބޭނުންފުޅު ކުރައްވައިގެން އަމިއްލަ ޚަރަދު ކުރައްވާފައިވާ ކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ އެ ސަބުބަތަކަށްޓަކައި ފަޒީލް ނަޖީބު ގަވަރުނަރު ކަމުން ވަކި ކުރެއްވުމަށް އެދި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ކަމަށެވެ.

އެމްޑީޕީގެ ތުހުމަތުތަކާ ގުޅިގެން ފަޒީލު ނަޖީބާ ގުޅި އިރު ފޯން ނިއްވާލާފައި އޮތުމުން އޭނާގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.