26 Jul 2015, 16:54
ފަލަސްތީނުގެ ޤުދުސްގައި ހުންނަ މާތް ވެގެންވާ އަލް އަޤުޞާ މިސްކިތުގެ ގޯތިތެރޭގައި މުސްލިމުންނާ ޔަހޫދީންނާ ދެމެދު ހަމަނުޖެހުމެއް ހިނގައިފިއެވެ.
އަލްޖަޒީރާ ބުނީ ހަމަނުޖެހުން ހިނގީ ޔަހޫދީން ފާހަކަ ކުރާ އިހުތިފާލަކަށް އެމީހުން މިސްކިތަށް ވަންނަން އުޅުމުން ކަމަށެވެ. އެ އެޖެންސީން ބުނީ ޔަހޫދީންނާއި މުސްލިމުންނާއި ދެމެދު ހިނގި ހަމަނުޖެހުން ހުއްޓުވުމަށް އިސްރާއީލް ފުލުހުން އެތަނަށް ވަދެ، މީހުން އެތަނުން ނެރުނު ކަމަށެވެ. އެކަމުގައި ސައުންޑް ބޮމް ބޭނުން ކުރި ކަމަށް ވެސް ބުންޏެވެ.
އިސްރާއީލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން އެތަނަށް ވަނީ މާސްކް އަޅައިގެން ތިބި މުޒާހަރާކުރާ ބަޔަކު އެމީހުންނާ ދިމާއަށް ގަލާއި ޕެޓްރޯލް ބޮން އުކުމުން ކަމަށެވެ.
ނަމަވެސް ފަލަސްތީނުގެ ނިއުސް އެޖެންސީއަކުން ބުނީ ހަމަނުޖެހުން ފެށުނީ މިސްކިތުގެ ދޮރުކޮޅެއްގެ ކައިރީގައި ހުރި ޒުވާނަކަށް ޔަހޫދީން ހަމަލާ ދިނުމުން ކަމަށެވެ. އަދި އެހަމަލާއާ ގުޅިގެން މުސްލިމުން ޔަހޫދީންނަށް ހަމަލާ ދިން ކަމަށާއި އެއަށް ފަހު ފުލުހުން ވަދެ މީހުން ނެރުނު ކަމަށް އެ އެޖެންސީއާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.