26 Jul 2015, 18:00
ފުވައްމުލަކުގައި ކުޑަ ދެ ކުދިން ލައްވައި ހަށިވިއްކުވި މައްސަލާގައި ހައްޔަރުކޮށްފައިވާ 20 މީހުންގެ ތެރެއިން 12 މީހެއްގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.
އެ 12 މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖެހީ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުންނެވެ. ދެން ތިބި އަށް މީހުން ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ މީހުންގެ އިތުރުން އެހެން ބައެއް ރަށްރަށުގެ މީހުން ވެސް ތިބިކަން ތަހުގީގުން މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި 16 އަހަރާއި 14 އަހަރުގެ ދެ ކުދިން ލައްވާ ހަށިވިއްކި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ފުވައްމުލަކު މަޝްހޫރު ވިޔަފާރިވެރިން ވެސް ހިމެނެއެވެ.
އެހެން މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި އެ ކުދިން ލައްވައި އެ އަމަލު ހިންގާފައި ވަނީ ފުވައްމުލަކުގައި އެ ކުދިންނަށް މަސްތުވާތަކެތިދީ، އެ ކުދީންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ނަގައި، އެ ކުދިން ބްލެކްމެއިލް ކުރުމުގެ ހަޑިމުޑުދާރު އަމަލު ހިންގައި ގިނަ ބަޔަކު ޝާމިލްވެގެންނެވެ.