26 Jul 2015, 15:46
ރާއްޖެ އަށް މިނިވަންކަން ލިބުމުގެ އެގްރިމެންޓްގައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ސޮއި ކުރެއްވި ގަލަންކޮޅުގެ ނަކަލުގެ 1000 އަށްވުރެ ގިނަ ގަލަން ވިކިއްޖެއެވެ.
އެގަލަން ވިއްކަމުންގެންދާ އަލީ ޚާލިދު މިއަދު ސަން އަށް ވިދާޅުވީ މިމަހު ފަސް ވަނަ ދުވަހުން ފެށިގެން އެގަލަން ވިއްކަން ފަށާފައިވާއިރު މިހާތަނަށް 1000 އަށް ވުރެ ގިނަ ގަލަން ވިކިފައިވާކަމަށެވެ.
"ތަރުހީބު އެބައޮތް މިހާރު ގަންނަމުން މީހުންދަނީ،" އަލީ ހާލިދު ވިދާޅުވިއެވެ.
އޭގެ ގަލަމެއް ވިއްކަމުންދަނީ 250 ރުފިޔާ އަށެވެ.
އަލީ ޚާލިދު ވިދާޅުވީ އަސްލު ގަލަމާއި ނަމޫނާ ގަލަމުގެ ތަފާތަކީ އަސްލު ގަލަމުގެ ދޯރީގައި "ޕާކަރު" އޮތް ތަނުގައި "ފިފްޓީ އިޔާސް" ޖަހާފައި އޮތުން ކަމަށެވެ.
އިނގިރޭސީންގެ ދަށުން ދިވެހި ރާއްޖެ މިނިވަންވި ދުވަހު- 26 ޖުލައި 1965ގައި- އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ގަލަންކޮޅު އިބްރާހިމް ނާސިރު ހަދިޔާ ކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ.

މިނިވަންކަން ލިބުމުގެ އެގްރިމެންޓްގައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ސޮއި ކުރެއްވި ގަލަންކޮޅުގެ ނަކަލު އަބްދުއްސައްތާރު މޫސާދީދީ ނެރެދެއްވަނީ -- ސަން ފައިލް ފޮޓޯ
އަބުދުއްސައްތާރު ވިދާޅުވީ މިނިވަން ކަމުގެ އެގްރިމެންޓްގައި ސޮއި ކުރެއްވުމަށް ފަހު އިބްރާހިމް ނާސިރު އަބްދުއްސައްތާރުމެންގެ ގެއަށް ވަޑައިގެން އެ ގަލަންކޮޅު އޭނާއަށް ދެއްވީ ކަމަށެވެ.
"އަޅުގަނޑުދެކެނީ އެއީ އިބްރާހިމް ނާސިރު އަޅުގަނޑަށް ދެއްވި ހަދިޔާއެއް ކަމަށް. އެއީ އިބްރާހިމް ނާސިރު އަމިއްލަފުޅަށް ބޭނުންކުރެއްވި ގަލަމެއް،" އަބުދުއްސައްތާރު މޫސާ ދީދީ ވިދާޅުވި އެވެ.