26 Jul 2015, 14:37
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާއްސަބަތުގައި ބާއްވާ ޚާއްސަ ދަރުބާރުގައި ބައިވެރިވެ ވަޑައިގަތުމަށް އަވައްޓެރި ސްރީލަންކާގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ ރާއްޖެ ވަޑައިގެންފި އެވެ.
ސިރިސޭނާ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓަށް ފައިބާވަޑައިގަތުމާއެކު އެމަނިކުފާނަށް މަރުހަބާ ދެންނެވީ ނައިބު ރައީސް އަހުމަދު އަދީބް އަބްދުލް ޣަފޫރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފާއި އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމްގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންނެވެ.
ސިރިސޭނާގެ އިތުރުން އެކި ގައުމުތަކުން މިނިސްޓަރުންނާއި ތަފާތު އެކި ފަންތީގެ އިސްވެރިން ވަނީ މިނިވަން ދަރުބާރުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންފަ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުކޮޅުގައި މާލެވަޑައިގަތުމުން މާލޭން ސްރީލަންކާގެ ރައީސް ސިރިސޭނާ އަށް މަރުހަބާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ރައީސް އޮފީހުގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސިރިސޭނާ ސޮއިކުރައްވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ
ރައީސް އޮފީސް ކުރިމަތީގައި ރަތްދޫލައިގައި މަރުހަބާ ދެންނެވުމަށް ފަހު ސިރިސޭނާ އަށް ވަނީ ހަތް ބަޑީގެ ސަލާމެއް އަރުވާފަ އެވެ. އަދި ދެ ގައުމުގެ ގައުމީ ސަލާމަށް ފަހު ރައީސް އޮފީހަށް ވަޑައިގެން އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސިރިސޭނާ ވަނީ ސޮއިކުރައްވައިފަ އެވެ.