މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި، މަރުގެ ހުކުމް 25 އަހަރުގެ ޖަލު ހުކުމަށް ބަދަލުކުރެވޭ ގޮތަށް އޮތް މާއްދާ އިސްލާހްކޮށް، މަރަށް މަރުގެ ކުހުމް ތަންފީޒު ކުރުމަށް އެ ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލިސް މެމްބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން އަދާލަތު ޕާޓީން ވަނީ ދީނުގައި އޮންނަ ޢުގޫބާތެއް އެ އޮންނަ ގޮތަށް ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނަށް އިލްތިމާސްކޮށްފި އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިސްގެ ނައިބު ރައީސް އިލްޔާސް ހުސެއިން ވިދާޅުވީ މަރަށް މަރު ހިފުމަކީ ދީނުގައި ކަނޑައަޅާފައި އޮތް ޢުގޫބާތެއް ކަމަށާއި އެހެންވީމާ އެއްވެސް ފަރާތަކަށް އެކަމަށް ފާޑު ނުކިޔޭނެ ކަމަށެވެ.

އަދި ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ ގުޅިގެން ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން އިލްޔާސް ވިދާޅުވީ "ދީނުގައި ކަނޑައެޅިފައި އޮންނަ ޢުގޫބާތާ ގުޅޭ ގޮތުން އެއްވެސް ނޫސްވެރި އަކަށް ވެސް އިއްޒަތްތެރި މެމްބަރަކަށް ވެސް ގައުމުގެ ވެރިއަކަށް ވެސް ވާހަކަ ދެއްކުމުގެ ހައްގެއް ނޯންނާނެ" ކަމަށެވެ.

އަދާލަތު ޕާޓީ އޮފީހުގައި ނޫސްވެރިންނަށް މިއަދު މަޢުލޫމާތު ދެއްވަމުން އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީ އެހެން ކަންތައްތަކަށް ގާބިލު ފަދައިން އިސްލާމް ދީނުގައި އޮތް ޝަރުޢީ ހުކުމެއް ތަންފީޒު ކުރުމަށް ނުކުޅެދިގެން ނުވާނެ ކަމަށެވެ.

"ރާއްޖޭގެ ޖުޑިޝަރީ އެހެން ކަންތައްތަކަށް ގާބިލު ފަދައިން އަދި ރާއްޖޭގައި އުފެދިގެން މިދާ ސިޔާސީ ހަލަބޮލި ކަމާއި ސިޔާސީ ކަންކަމާއި ވެރިކަން ނެގެހެއްޓުމާއި ގާނޫނުތައް ނެގެހެއްޓުމާއި އެންމެހާ ކަންތަކަށް ގާބިލު ޖުޑިޝަރީ ސިސްޓަމެއް ނޯންނަން ވީ ކީއްވެގެންތޯ؟ އިސްލާމްދީނުގައި އޮތް ޝަރުޢީ ހުކުމެއް ގާއިމު ކުރުމަށް ނުކުޅެދިފައި ވަނީ ކީއްވެގެންތޯ؟" ޝަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި އެ އިސްލާހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބައެއް މެމްބަރުން ވަނީ މަރަށް މަރުގެ އަދަބު ދިނުމަށް ނިންމާ އިރު ކަމާ ބެހޭ މުއައްސަސާތައް އެކަމަށް ތައްޔާރުތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޝަރުއީ ދާއިރާ އާއި ފުލުހުންނާއި ކަމާ ބެހޭ އެހެން މުއައްސަސާތައް ޕްރޮފެޝަނަލް ވާން ޖެހޭ ކަމަށާއި އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު އޮތްގޮތް ބަލަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީ އަކީ އެކަން ކުރެވޭނެ ފަދަ އެންމެ ގާބިލު އެއް މުއައްސަސާ ކަމަށާއި ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުންނަކީ ތަޢުލީމީ ގޮތުންނާއި ތަޖްރިބާގެ ގޮތުން ފުންނާބު އުސް ފަނޑިޔާރުން ކަމަށެވެ. އަދި ދަށުކޯޓުތަކާއި ހައިކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންނަކީ ވެސް އެކަމަށް ގާބިލު ބޭފުޅުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ ޝަރީޢަތް ގާއިމް ކުރުމަށް ބޭނުންވާ ނަމަ މިއީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް ކަމަށެވެ.

މަރަށް މަރުހިފުމުގައި ކަނޑައަޅުއްވާފައި ވަނީ އެންމެ ހުކުމެއް ނޫން ކަމަށާއި އޭގެ ތެރޭގައި މަރަށް މަރުހިފުމާއި ގާތިލުގެ ކިބައިން މަރުގެ ދިޔަ އަތުލުމަށް ފަހު މަޢާފް ކުރުމާއި ގާތިލަށް އެއްކޮށް މަޢާފްދިނުން ހިމެނޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. ނަމަވެސް މަރަށް މަރުހިފާ އިރު އާއިލާގެ އެންމެ މީހަކު ނަމަވެސް ގާތިލަށް މަޢާފްކޮށްފި ނަމަ އިސްލާމީ ޝަރީޢަތުގައިވާ ގޮތުން ގާތިލު މަރާނުލެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ ގާނޫނު އެކުލަވާލާ އިރު އެ ތިން ކަންތައް ހިމަނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މަރަށް މަރުހިފުމުގެ ހުކުމް ތަންފީޒު ކުރަންވާނީ ޝަރުޢީ އެންމެހާ މަރުހަލާތަކެއް ކަޑަތު ކުރުމަށް ފަހުގައި ކަމަށާއި އަދި ޢިލްމުވެރިންގެ ނަޒަރުގައި އެ ތިން ކަންތަކުގެ ތެރެއިން އެންމެ މާތް ކަމެއް ކަނޑައަޅާނީ އޭރުގެ ހާލަތަށް ބަލާފައި ކަމަށެވެ.

ޝަހީމް ވިދާޅުވީ ގާތިލަށް މަޢާފް ދިނުމުގައި ރާއްޖޭގައި އޮންނަނީ ހާކިމާ އަށް ކަމަށާއި ނަމަވެސް އެއީ އިސްލާމީ ޝަރީޢަތާއި ފުށުއަރާ ކަމެއް ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގައި ގާތިލަށް މަޢާފް ދެވޭނީ ހަމައެކަނި އާއިލާ އަށް އެކަނި ކަމަށާއި ނަމަވެސް ޢާއިލާއިން ބޭނުން ވެއްޖެ ނަމަ މަޢާފް ދިނުން ހާކިމާ ހަވާލު ކުރެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދާލަތުގެ ޢިލްމުގެ ވެރިންގެ މަޖިލީހުގައި މިހަފްތާގެ ތެރޭ މިހާރު ހުރި މައްސަލަތާކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އިސްލާހު ކުރާއިރު ރާއްޖޭގައި ތިބި ފިގުހު އިލްމުވެރިންގެ ލަފާގެ މަތިން ކޮށްފި ނަމަ އެންމެ ފައިދާ ހުރި ގޮތަށް އެކަން ކުރެވޭނެ ކަމަށެވެ.