މިނިވަން ދުވަހުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުުރުމުގެ ގޮތުން މާދަމާ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް އަދި އަންގާރަ ދުވަހުގެ ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް މާލޭ މަގުތަކުގައި ދުއްވުން މަނާކޮށްފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރާންސްޕޯޓް އޮތީރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވީ އެ ގަޑިތަކުގައި ހަމައެކަނި ދުއްވޭނީ ހައުސިން މިނިސްޓްރީން ހުއްދަދީފައިވާ އުޅަދުތަކަށް ކަމަށެެވެ.

"މިއަދުން ފެށިގެން ހުރިހާ ބޭފުޅުން ވެސް މިކަމަށް ތައްޔާރުވެވަޑައިގެންނަވާށޭ. މިގަޑިތަކުގައި ކުރައްވަން ހުރި ކަންތައްތައް ދުރާލާ ރާވާއިގެން އެކަންތައްތައް އަވަހަށް ކޮށްލަދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ނާފިޒް ވިދާޅުވިއެވެ.

އަންގާރަ ދުވަހު ދުއްވުން މަނާގަޑިތަކެއް ކަނޑައެޅީ އެދުވަހު ފުޅަދު ބުރެއް ބާއްވާތީ އެ ފުޅަދު ބުރު ބަލާލަން ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ކަަމަށް ވެސް ނާފިޒް ވިދާޅުވިއެވެ.

މަނާގަޑި ތަކުގައި ދުއްވުމުގެ ހުއްދަ

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ދުއްވަން މަނާގަޑިތަކުގައި ކޮންމެހެން ދަތުރުކުރަންޖެހޭ އުޅަދުތަކަށް އެކަމުގެ ހުއްދަ އެ މިނިސްޓްރީން ދޭނެ ކަމަށެވެ. އެ ހުއްދަ ދެމުންދާނީ އެ މިނިސްޓްރީގެ ދަށުން ހިނގާ އާއްމުޚިދުމަތާއި ބެހޭ ބައިންނެވެ.

މާދަމާ ދުއްވުން މަނާ ގަޑީގައި ދުއްވުމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު މާދަމާ ހެނދުނު 10:0 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން 3:00 އަށް ހުޅުވާލާނެ ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

އަންގާރަ ދުވަހު އުޅަދުތައް ދުއްވުމުގެ ހުއްދަ ދިނުން އެ ދުވަހު ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރު ފަހު 2:00 އިން 3:00 އަށް ދޫކުރާނެ ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

"ޚާއްސަކޮށް މުދާ އެތެރެކުރައްވާ ފަރާތްތަކުން ކަސްޓަމާއި ގުޅިގެން މިވަގުތުން ބޭރުގައި ކުރިއަށް ދުރާލާ މުދާ ނެރެފިނަމަ އެ ގަޑީގައި އެއްވެސް އެއްޗެއް ނުނެރުއްވާ ފަރުޖެއްސޭނެ،" މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

އޮޑި ދޯނި ފަހަރުތަކުން ވެސް މަނާގަޑި ނޫންތަކުގައި މުދާ ބަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މުހައްމަދު އިބްރާހިމް އެދިވަޑައިގެންނެވިއެވެ.

މިނިވަން 50 އަށް ތައްޔާރުވުމުގެ މަސައްކަތާ ގުޅިގެން ދަތުރުތައް ކުރާ ފަރާތްތަކަށް ޚާއްސަ ހުއްދަ އެއް މިނިވަން 50 އޮފީހާއި ގުޅިގެން ދޫކުރާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އެއްވެސް ގަޑިއެއްގައި ދުއްވުން މަނެއް ނޫނެވެ.