ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރާ މުނާސަބާއާ ގުޅިގެން ޗައިނާގެ ރައީސް ޒީ ޖިންޕިން ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ޗައިނާގެ ރައީސް ޒީ ރައީސް ޔާމީނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖްގައި އޭނާ ވިދާޅުވެފައި ވަނީ ފާއިތުވި 50 އަހަރު ތެރޭގައި ތަރައްގީގެ ދާއިރާއިން ރާއްޖޭން ހާސިލުކޮށްފައި ވަނީ މަތީ މިންވަރެއް ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެއްވުމަށް ރައީސް ޔާމީނު ކުރައްވާފައިވާ މަސައްކަތަށް މަރުހަބާ ވިދާޅުވި އެވެ.

އޭނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި ކުރިމަގަށް އަމާޒުހިފާފައިވާ ގުޅުމެއް ކުރިއަށް ގެންދިއުމަށް ދެގައުމުން އެއްބަސްވެފައިވާކަން ޒީގެ މެސެޖްގައި ފާހަގަކުރައްވާފައި ވެއެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ޗައިނާއިން އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދޭ ގުޅުމެއް ކަމަށާއި ރާއްޖެ ކުރިއެރުވުމަށް ރައީސް ޔާމީނާ އެކު މަސައްކަތް ކުރައްވަން އުއްމީދުކުރައްވާ ކަމަށް ވެސް ޒީ ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ދުނިޔޭގެ ގައުމުތަކުގެ ވެރިން ވަޑައިގަންނަވަނީ މެސެޖްތައް ފޮނުއްވަމުންނެވެ. އެގޮތުން އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާއި އެގައުމުގެ ރައީސް ޕްރަނާބު މުކަރްޖީއާއި އިނގިރޭސި ރާނީ އެލިޒަބަތު ދޭއް މިހާރު ވަނީ ރާއްޖެއަށް މެސެޖް ފޮނުއްވާފައެވެ.