އިޓަލީގެ ރޯމާ ޓީމްގެ މުހިންމު ފަސް ކުޅުންތެރިއަކު އިންޑޮނޭޝިއާއަށް ވަނުން އެގައުމުގެ އިމްގްރޭޝަނުން މަނާކޮށްފިއެވެ.

އަންނަ ހުކުރު ދަވަހު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗަށް އެ ޓީމްގެ ކުޅުންތެރިން އެގައުމަށް ދިޔައީ އިއްޔެ އެވެ.

އިންޑޮނޭޝިއާއަށް ވަނުން މަނާކުރި ކުޅުންތެރިންނަކީ އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ އައިވަރީކޮސްޓްގެ ގާވިންހޯ އާއި ސޭޑް ޑޮމްބި އާއި ވިކްޓާ އިބާބޯ އާއި އެޑަމް ލެޖަޖިޗް އާއި އެންޓޯނިއޯ ސަނަބްރިއާ އެވެ.

މިހާރު އެ ކުޅުންތެރިން ވަނީ އެނބުރި ގައުމަށް ގޮސްފައެވެ.

ޕްރީ ސީޒަން ޓްއާގެ އެންމެ ފަހު ކޭމްޕެއްގެ ގޮތުގައި ރޯމާއިން ކުރިއަށްގެންދާ ޓްއާގައި އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ކުޅެން ހަމަޖެހިފައިވާ މެޗްގައި ރޯމާއިން ކުޅޭނީ އެކުޅުންތެރިން ނުހިމަނައެވެ.

ރޯމާގެ ޗީފް އެގްޒެކެޓިވް އިޓާލޯ ޒަންޒީ ވިދާޅުވީ އިންޑޮނޭޝިއާގައި އެ ކުޅުންތެރިންނަށް ދިމާވި ދެރަ ގޮތާ މެދު ވަރަށް ކަންބޮޑުވާ ކަމަށާއި އެއީ އިންޑޮނޭޝިއާގެ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށްވެސް ދިމާވި ދެރައެއް ކަމަށެވެ.

ނަމަަވެސް އެ ކުޅުންތެރިންނަށް އިންޑޮނޭޝިއާއަށް ނުވަދެވުނީ ކީއްވެގެންކަމެއް ޒަންޒީ ވިދާޅެއް ނުވެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެކުޅުންތެރިންނަށް އިންޑޮނޭޝިއާ އިމްގްރޭޝަނުން ހުއްދަ ނުދިނީ ވިސާގައި ފުރިހަމަ ކުރަންޖެހޭ ބައެއްކަންކަން ފުރިހަމަ ނުވެހުރުމުންނެވެ.

އިންޑޮނޭޝިއާގެ އިމްގްރޭޝަނުންވެސް އަދި ރޯމާއިންވެސް މައްސަލަ ދިމާވި ވަކި ސަބަބެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.