26 Jul 2015, 13:18
ގދ. ފަރެސްމާތޮޑާ ކައިރިއަށް މަސްބާނަން ގޮސް އުޅުނު މީހަކު ޑައިވިނަށް ގޮސް އުޅެނިކޮށް ހޭނެތުމުން ހެލިކޮޕްޓަރުގައި ބަނޑޮހަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަހުމަދު އަދުނާން މިއަދު ސަން އަށް ވިދާޅުވީ ޑައިވިނަށް ގޮސް އުޅެނިކޮށް ހޭނެތުނު މީހަކު ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ހެލިކޮޕްޓަރުގައި މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މާލެ ގެނެސް އެމީހާ ބަނޑޮހުގައި ހުންނަ ޑީކޯ ޗެމްބަރަށް ގެންގޮސްފަރުވާދީފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ހާލު މިހާރު ރަނގަޅެވެ.
ޑީކޯ ޗެމްބަރަކީ ޑައިވިނަށް ގޮސް އުޅުމުގެ ތެރޭ ހޭނެތޭ އިރު، އިންސާނާގެ ހަށިގަނޑު ހުރި ޕްރެޝަރު އަށް އަލުން އަނބުރާ ގެންދިއުމަށް ޕްރެޝަރު ދިނުމަށް ބޭނުންކުރާ މެޝިނެކެވެ. މައުލޫމަތު ލިބިފައިވާ ގޮތުގައި ހޭނެތުނު މީހާ ބަނޑޮހަށް ގެންދިޔައީ އެ ރިސޯޓުގައި އެކަހަލަ މެޝިނެއް ހުރުމުންނެވެ.