26 Jul 2015, 12:18
ރާއްޖޭގެ ރައްޔިތުންނަށް ކުރިއަށް އޮތް އަހަރުތަކުގައި އުފާވެރިކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށް އިނގިރޭސި ރާނީ އެލިޒަބަތު ދޭއް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން މިއަދު ފާހަގަކުރާ މުނާސަބަތާ ގުޅިގެން ފޮނުއްވި މެސެޖެއްގައި ރާނީ ވިދާޅުވެފައި ވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރާ އިރު އެންމެ ހޫނުކޮށް ތަހުނިޔާ ފޮނުއްވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށެވެ.
"...މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ހޫނު ތަހުނިޔާ ފޮނުވުމަކީ އަޅުގަނޑަށް ލިބޭ އުފަލެކެވެ. ކުރިއަށް އޮތް އަހަރުތަކުގައި އުފާވެރިކަމާއި ފާގަތި ކަމަށް އެދުމާއި އެކުގަ އެވެ،" ރާއްޖެއަށާއި ސްރީލަންކާ އަށް އެކްރެޑިޓްކޮށް ސްރީލަންކާގައި ހުންނަ އިނގިރޭސި ހައިކޮމިޝަން މެދުވެރިކުރައްވައި ފޮނުއްވި މެސެޖްގައި ރާނީ އެލިޒަބަތު ވިދާޅުވެފައިވެ އެވެ.
އިނގިރޭސިންގެ ހިމާޔަތުގައި އޮތުމަށް ފަހު ރާއްޖެ އަށް ސިޔާސީ ގޮތުން ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. ރާއްޖެއަށް މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރު ރާއްޖޭގެ ބޮޑުވަޒީރަކަށް ހުންނެވި އިބުރާހީމް ނާސިރު ރަންނަ ބަނޑޭރި ކިލެގެފާނެވެ.