09 Mar 2011, 15:40
އާހާބަރު ސަރަހައްދުން ބިން ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނިންމަވައިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޑީއާރުޕީއާއި ޕީއޭއާއި ގައުމީ ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފަރާތުން ސިވިލް ކޯޓްގައި ކުރި ދައުވާއާ ގުޅިގެން ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކުމަށް ވަޒީރުގެ މަޖިލީހުން ނިންމާފައި ވަނީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ގޮތަށް، ތަންފީޒު ނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް އެ ހުކުމްގައި ބުނެފައިވެ އެވެ.
"މި މުއާމަލާތަކީ މިގޮތުން ކުރިއަށް ގެންދެވޭނެ މުއާމަލާތެއްނޫން ކަމަށް ކަނޑައަޅައި، ވަޒީރުންގެ މަޖިލީހުން ލަފާއެރުވުމާ ގުޅިގެން މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުނަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށް ހުކުމްކޮށްފީމެވެ." ގާޒީ މަރިޔަމް ނިހާޔަތު ކުރެއްވި ހުކުމްގައި ވެއެވެ.
ދައުލަތުގެ މިލްކުގައިވާ އެއްވެސް އެއްޗެއް ވިއްކަންވާނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ގާނޫނު އަސާސީގެ 250 ވަނަ މާއްދާގެ (ހ) ބުނެފައިވާއިރު، އެފަދަ ގާނޫނެއް އަދި ގަވާއިދެއް ވެސް ނެތް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ. އަދި ދައުލަތުގެ ބަނޑާރަ ބިމެއް އެއްވެސް ބަޔަކަށް ވިއްކިދާނެ ކަމެއް، އަދި އެހެނިހެން މުއާމަލާތެއްގެ ގޮތުގައި ވެސް އެފަދަ ބިމެއް ބޭނުން ކުރެވިދާނެ ކަމަށް ދިވެހި ރާއްޖޭގެ ބިމާ ބެހޭ ގާނޫނުން ވެސް އެނގެން ނެތް ކަމަށް ގާޒީ އިއްވެވި ހުކުމްގައިވެ އެވެ.
"...ގާނޫނުގައިވާ ގޮތުގެމަތީން ކަމަށް ބަޔާންވެފައި އޮންނަ އޮތުންމުން، މި މާއްދާގެ މަގްސަދަށްޓަކައި އޮތް ގާނޫނަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު ކަމަށް ބެލެވޭ ހަމައެއް ނެތް."
އިދިކޮޅު އިއްތިހާދުން ސިވިލް ކޯޓްގައި ދައުވާ ކުރުމުގެ ކުރިން އާހާބަރު ސަރަހައްދުން ބިން ވިއްކަން ސަރުކާރުން ނިންމާފައިވަނީ އެންމެމަތ އަގެއް ހުށަހަޅާ ފަރާތަކަށް ނީލަމުގައި ވިއްކާ ގޮތަށް އޮތީ މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުގެ 50000 އަކަފޫޓުގެ ބިމެވެ. އެއީ 2000 އަކަފޫޓުގެ ފަސް ބިމާއި، 5000 އަކަފޫޓުގެ ތިން ބިމާއި، 7500 އަކަފޫޓުގެ ދެ ބިމާއި، 10000 އަކަފޫޓުގެ އެއް ބިމެވެ.