26 Jul 2015, 13:04
ހިންދީ ބަހުން ނޫން އެހެން ބަހަކުން އިންޑިޔާގައި ނެރުނު ފިލްމުތަކުގެ ފިލްމެއް ފުރަތަމަ ފަހަރަށް ދުނިޔޭގައި އެންމެ ކާމިޔާބީ ލިބިފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނިއްޖެ އެވެ.
ޓަމިލް އަދި ޓެލެގޫ ބަހުން ނެރެފައިވާ ފިލްމު "ބާހުބާލީ" ވަނީ ފިލްމު ތިއޭޓަރުތަކަށް ނެރުނު ތިންވަނަ ހަފްތާގެ ތެރޭގައި 400 ކްރޯޑު އިންޑިއަން ރުޕީސްގެ މާކް އަށް ވާސިލުކޮށްފަ އެވެ. އެ މާކަށް މީގެ ކުރިން އަދި ވާސިލްވެފައި ވަނީ އިންޑިއާގެ ހަތަރު ފިލްމެކެވެ.
އިންޑިއާ އިން ނެރުނު އެންމެ ރަނގަޅު އާމްދަނީއެއް ލިބިފައިވާ ތިން ފިލްމަކީ މަޝްހޫރު ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ޝާހުރުކް ހާން ފެނިގެންދާ ފިލްމް "ޗެންނާއި އެކްސްޕްރެސް" އާއި އާމިރު ހާނު ލީޑުން ފެނިގެންދާ ދެ ފިލްމު ކަމަށްވާ "ޕީކޭ" އާއި "ތްރީ އިޑިއަޓްސް" އެވެ. އަދި މީގެ އިތުރުން އެ ލިސްޓުގައި "ދޫމް ތުރީ" ވެސް ހިމެނެ އެވެ.
ރަޖަމޫލީގެ ސްކްރީންޕްލޭ އެއް އަސްލަކަށް ބަލާ ތައްޔާރުކޮށްފައިވާ އެ ފިލްމަކީ ހިސްޓޮރިކަލް ފިކްޝަންއެކެވެ. ދެ ބަޔަކަށް ބަހާލައިން ނެރުމަށް ހަމަޖެހިފައިވާ ފިލްމުގެ ފުރަތަމަ ބައިން ދައްކައިދޭނީ ދެބެން ވެރިކަމުގެ ތަހުތަށް ހަނގުރާމާ ކުރުމާ އެކަމާ ބެހޭ ގޮތުން ދިމާވާ ކަންތައްތަކުގެ މައްޗަށެވެ.
ފިލްމުގެ ދެވަނަ ބައި ނެރޭނެ ދުވަހެއް ހާމަކޮށްފައެއް ނުވެ އެވެ. ބާހުބާލީ: ދަ ބިގިނިން ނުވަތަ ފުރަތަމަ ފިލްމު ނެރެފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހުގަ އެވެ. ފިލްމުގެ ކާސްޓުން ފެނިގެންދާނީ ޕްރަބާސް އާއި އަނުޝްކާ ޝެޓީ އަދި ތަމަންނާ ބާޓިއާ އެވެ.