ކޮލަމްބޯ އިން: މުހައްމަދު ސިމާއު

ދިވެހިންގެ މިނިވަންކަން ގެއްލި، ނާމާން، ކަޅު އަނދިރި ދުވަސްތަކަކާ ކުރިމަތިލާން ޖެހުމަކީ ކަރިއީގައި އޮތް ކަމެއް ކަމަށް ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒާހިޔާ ޒަރީރު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ސްރީލަންކާގައި ފެށުމަށް ކޮލަންބޯގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި މިއަދު ބޭއްވި ގައުމީ ދިދަ ނެގުމުގެ ހަފްލާއަށް ފަހު ވާހަކަފުޅު ދައްކަވަމުން ޒާހިޔާ ވިދާޅުވީ، މާޒީގައި ދިވެހިންގެ އަތުން މިނިވަންކަން ބީވެގެން ދިއުމުގެ ފަހަތުގައި ތިބީ ވެސް ދިވެހިން ކަމަށެވެ. އަދި މިނިވަންކަމަކީ ދާދި ފަސޭހައިން ދިވެހިންގެ އަތުން އަނެއްކާ ވެސް ބީވެގެން ހިނގައިދޭނެ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒާހިޔާ ޒަރީރު

"އަޅުގަނޑުމެންނަށް މިފަދަ ނާމާން، ކަޅު އަނދިރި ދުވަސްތަކަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެއް،" ކުރީގެ އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޒާހިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދުގެ މައި ނާރުކަމަށްވާ، ފަތުރުވެރިކަން ބޯއިކޮޓް ކުރަން ގޮވާލާ ދިވެހި ރައްޔިތުންތަކެއް އެބަ އުޅޭ ކަމަށާއި އެއީ ވެސް ދިވެހިންގެ މިނިވަންކަން ނަގާލަން މަސައްކަތްކުރުމެވެ.

ދިވެހިންގެ މިނިވަންކަން ގެއްލުވާލަން ދިވެހިން މަސައްކަތް ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް ފާހަގަކުރައްވާ ޒާހިޔާ ވިދާޅުވީ، ރާއްޖެ ފަދަ މީސްކޮޅު މަދު ގައުމެއްގައި ރައްޔިތުން ތިބެންވާނީ އެއްބައެއްގެ ގޮތުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި ކަމަށެވެ.

ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒާހިޔާ ޒަރީރު

ކޮލަންބޯގައި ދިރިއުޅޭ ބައެއް ދިވެހިންނާއި މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާގައި ކިޔަވަމުންދާ ބައެއް ދިވެހި ކުދިން ބައިވެރިވި އެ ހަފްލާގައި ހައި ކޮމިޝަނަރު ވަނީ މިނިވަން ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވި ހިތާބު ވެސް އިއްވާފަ އެވެ.

ދިހަ ހާހަށް ވުރެ ގިނަ ދިވެހިން ލަންކާގައި އުޅެމުންދާ އިރު، މިނިވަން ދުވަހާ ގުޅުވައިގެން ހައި ކޮމިޝަނުން އިސްނަގައިގެން ކޮލަންބޯގައި ހުންނަ ސޯސަލްވިލާގައި ގިނަ ހަރަކާތްތަކެއް މިއަދަށް ވަނީ ރާވާފަ އެވެ. އެގޮތުން ބައެއް ސަގާފީ ކުޅިވަރުތަކުގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި މިއުޒިކް ޝޯއެއްގެ އިތުރުން މިރޭ ހަވާއެރުވުގެ ހަރަކާތްތަކެއް ވެސް އޮންނާނެ ކަމަށް ހައި ކޮމިޝަނުން މައުލޫމާތުދެ އެވެ.