ވޮޝިންޓަން (ޖުލައި 26) : ނިއުކްލިޔާ މައްސަލާގައި އިސްރާއީލުން އީރާނަށް ހަމަލާ ދިނުމަކީ އިސްރާއީލު ހަދާނެ އެންމެބޮޑު ގޯސްކަމަށް ސިފަކޮށް އީރާނަށް ޙަމަލާ ނުދިނުމަށް އެމެރިކާ އިން އިސްރާއީލަށް އިންޒާރުކޮށްފި އެވެ.

އިސްރާއީލަށް އިންޒާރު ކުރައްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވީ އީރާނަށް ހަމަލާދީގެން އިސްރާއީލުގެ މަގްސަދްތައް ޙާސިލް ނުވާނެކަމަށާ އެކަންކޮށްފި ނަމަ އެއީ އިސްރާއީލުން ހަދާނެ އެންމެބޮޑު ގޯސްކަމުގަ އެވެ. ކެރީ އިސްރާއީލަށް އިންޒާރު ކުރައްވާފައި މިވަނީ ދުނިޔޭގެ ބާރުތަކުން އީރާނާ އެކު ސޮއިކުރި ނިއުކްލިޔާ އެއްބަސްވުން ވުޖޫދަށް އަޔަ ނުދިނުމަށް އިސްރާއީލުން ކުރި ހުރިހާ މަސައްކަތެއް ފެނަށްވުމާ ގުޅިގެން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދިނުން ނޫން އެހެން ގޮތެއް ދެން ނެތްކަަމަށް ވިދާޅުވެ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު މާޔޫސްވެ ވަޑައިގެން ބަޔާންތައް ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދިނުމުގެ އިންޒާރުތައް އިސްރާއީލުން ދެމުންގެންދާތާ 10 އަހަރުވެއްޖެ އެވެ. ނަމަވެސް އީރާނާ ގާތްވާ ހިސާބަށް ވެސް އިސްރާއީލުގެ އަސްކަރީ އުޅަނދަކަށް ކައިވާން ކެރިފައެއް ނުވެ އެވެ. އެމެރިކާއަކީވެސް އެގައުމުގެ ކުރީގެ ހަރުކަށި ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އީރާނަށް މިފަދަ ހަރުކަށި އިންޒާރުތައް ދެމުން ގެންދިޔަ ގައުމެކެވެ. ނަމަވެސް އެންމެފަހުން އެމެރިކާ ވެސް މިވަނީ އީރާނާއެކު ސީދާގޮތެއްގައި ވާހަކަ ދައްކައިގެން ނިއުކްލިޔާ ސުލްޙައިގެ އެއްބަސްވުމަކަށް އައިސްފަ އެވެ.

އީރާނަކީ އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް ދުރުރާސްތާގެ ބެލަސްޓިކް މިސައިލުން ޙަމަލާދެވޭވަރުގެ ހަމައެކަނި އިސްލާމީ ގައުމެވެ. އެހެންކަމުން އީރާންވަނީ އެގައުމަށް އިސްރާއީލުން ޙަމަލާދީފިނަމަ ދުރުރާސްތާގެ ބެލަސްޓިކް މިސައިލުން އިސްރާއީލުގެ ދައިމޫނާ ނިއުކްލިޔަރ ރިއެކްޓަރަށް ހަމަލާދީ އެތަން ހަލާކުކޮށްލާނެ ކަމުގެ އިންޒާރުދީފަ އެވެ. މީގެއިތުރުން އިސްރާއީލުގެ ހަމަލާއެއް އައިސްފި ނަމަ ބަދަލުހިފުމުގެ ހަމަލާތަކެއްގައި އިސްރާއީލުގެ ބޮޑުބައެއް ފަނާކޮށްލާނެ ކަމުގެ އިންޒާރު ވެސް އީރާނުގެ ޖެނެރަލުން ދީފައިވެ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވަނީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ ބޮންއަޅައިގެން ނޫނީ ދަތިކުރުުމުގެ ފިޔަވަޅުތައް އަޅައިގެން އެމެރިކާ އަށްވެސް ހުއްޓުވޭނެ ޕްރޮގްރާމެއް ނޫންކަމާށާ އެއީ އެއަށްވުރެ ޓެކްނޮލޮޖީގެ ގޮތުންނާއި އިލްމީ ގޮތުންނާ އަދި ރީސާޗްގެ ގޮތުން މާބޮޑަށް ކުރިޔަށްގޮސްފައިވާ ޕްރޮގްރާމެއް ކަމަށް ވިދާޅުވެ ކޮންގްރެސްގައި ވާހަކަ ދައްކަވާފަ އެވެ.

ދުނިޔޭގެ ބާރުތަކުން އީރާނާއެކު ސޮއިކޮށްފައިވާ ނިއުކްލިޔަރ އެއްބަސްވުން ދިފާއު ކުރައްވައި އެމެރިކާގެ ކޮންގްރެސްގެ ޚާރިޖީ ކަންތައްތަކާބެހޭ ކޮމިޓީގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން ކެރީ ވިދާޅުވީ އީރާނަކީ ނިއުކްލިޔަރ ހަތިޔާރު ނުއުފެއްދި ނަމަވެސް ބޭނުންވެއްޖެ ހިނދެއްގައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ހުރިހާ ގާބިލްކަމެއް ލިބިފައިވާ ގައުމެއް ކަަމުގަ އެވެ.

ކެރީ ވިދާޅުވީ އަދި ނިއުކްލިޔަރ ހަތިޔާރު އުފެއްދުން އީރާނަށް މަނާކުރެވޭނެ ހަމައެކަނި ގޮތަކީ އެގައުމާއި ދުނިޔޭގެ ބާރުތަކާދެމެދު ސޮއިކޮށްފައިވާ ނިއުކްލިޔަރ އެއްބަސްވުން ކަމުގައެވެ. ބޮންއަޅައިގެން ނޫނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އީރާނަށް ލިބިފައިވާ ނިއުކްލިޔަރ އިލްމާއި ވަސީލަތްތައް ނައްތާނުލެވޭނެ ކަމަށާ ނިއުކްލިޔަރ ސައެންސާއި ރީސާޗްގައި އީރާންވަނީ އެއަށްވުރެ މާބޮޑަށް ކުރިޔަށްގޮސްފައި ކަމަށްވެސް ކެރީ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)