26 Jul 2015, 10:24
ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ފުޅާވަމުން ދާނެކަމުގެ ޔަގީން އެބަ އޮތް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި ސިޓީފުޅުގައި މޯދީ ވިދާޅުވެފައި ވަނީ މިމުނާސަބާގައި ރައީސް ޔާމީނަށާއި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެއުއެދުންތައް ފޮނުއްވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުމަކީ އިންޑިއާ އިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"...ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް އަހަރަށް ވުމާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމުގެ ރަން ޔޫބީލް އަހަރަށް ވުމުން މި އަހަރަކީ ވަކިން ހާއްސަ އަހަރެކެވެ. ދެގައުމުގެ ދެމެދުގައި އޮތް ރަން ގުޅުމަކީ އަޅުގަނޑުމެން އެންމެ މަތީ ދަރަޖައަށް އަހަންމިއްޔަތުކަން ދޭ ގުޅުމެކެވެ. މި ގާތް އެކުވެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ފުޅާވަމުން ދާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބަ އޮތެވެ،" މޯދީގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.