އެމެރިކާގެ ކެލިފޯނިއާގައި ކުރިއަށްދާ އިންޓަނޭޝަނަލް ޗެމްޕިއަން ކަޕްގައި ބާސެލޯނާގެ މައްޗަށް 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

މެޗްގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވެން ރޫނީއެވެ.

ލުއިސް ސުއަރޭޒް ވަނީ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އޭނާ ފޮނުވާލި ދެ ބޯޅަވެސް އަމާޒުވީ ގޯލް ދަނޑިއަށެވެ.

ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމުން ފާހަގަ ކުރެވުނު މިޑްފީލްޑަރު ޖޭސް ލިންގާޑެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ މެޗްގެ 64 ވަނަ މިނެޓްގައެވެ.

އެލަނޑު ޖެހިތާ އަށް މިނެޓްފަހުން ބާސެލޯނާގެ ޔޫތު ޓީމުން ފަހަގަ ކުރެވިފައިވާ މުނީރު ހައްދާދީއަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެން ގޮސްފައެވެ.

މެޗްގައި ބާސެލޯނާއިން ޖެހި ހަމައެކަނި ލަނޑު ރަފިއާނާ ކާމިޔާބު ކުރި މެޗްގެ 89 ވަނަ މިނެޓްގައެވެ.

ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ބެލްޖިއަމްގެ ގައުމީ ޓީމްގެ ޒުވާން މިޑްފީލްޑަރު އަދުނާން ޔަނޫޒާ ކާމިޔާބުކުރީ މެޗްގެ އެންމެ ފަހުވަގުތު ކޮޅު ތެރޭގައެވެ.

ސްޕެއިންގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ބާސެލޯނާ މި މުބާރާތުގައި ދެން ބައްދަލު ކުރާނީ އިނގިރޭސި ޗެމްޕިއަން ޗެލްސީއާ ދެކޮޅާށެވެ.

ރޭ ޗެލްސީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗް 1-1 އެއް ވަރުވެ ޕެނަލްޓީ ޖަހައިގެން 6-5 ން ޗެލްސީ ވަނީ މޮޅުވެފައެވެ.