26 Jul 2015, 10:12
ސްވޭސް (ޖުލައި 26): މިސްރުގެ ސްވޭސް ކެނެލް ފުޅާކުރުމަށް މިސްރުގެ ސަރުކާރުން ހިންގި 8.5 ބިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢު ނިންމުމަށްފަހު ތަޖްރިބާކުރުމުގެ ގޮތުން ކޮންޓޭނަރު އާގުބޯޓުތަކެއް އެކެނަލް ހުރަސްކޮށްފިއެވެ.
މިބިޔަ ބޯޓުތައް ކެނެލް ހުރަސްކުރިއިރު އަލަށް ހެދިބައި ތިލަވުމުގެ ސަބަބުން ނޫނީ އަލަށް ފުންކުރިބަޔާއި ކުރީގައި ފުންކޮށްފައިވާބައި ނުގުޅުމުގެ އެއްވެސް މައްސަލައެއް ކުރިމަތި ނުވާކަމަށް ސްވޭސްކެނެލް ކޯޕަރޭޝަނުން ބުނެއެވެ. އެކޯޕަރޭޝަންގެ ސީ.އީ.އޯ ޖެނެރަލް މުހާބު މުމީޝް ވިދާޅުވީ، ސްވޭސް ކެނެލް ފުޅާކުރުމަށް ހިންގި 8.5 ބިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢަކީ ވަރަށް ކާމިޔާބު މަޝްރޫއެއް ކަމަށާއި މިމަޝްރޫޢުގެ ސަބަބުން ސްވޭސްކެނެލްގެ އެންމެ ހަނި ސަރަހައްދުވެސް ދެގުނައަށް ފުޅާވެގެންގޮސްފައިވާ ކަމުގައެވެ.
މިގޮތަށް ފުުޅާކުރުމާއެކު ސްވޭސްކެނެލް ހުރަސްކުރާއިރު ކުރިންއޮތް ތޮއްޖެހުން އެއްގޮތަކަށްވެސް ނޯންނާނެ ކަމަށާއި ކުރިޔަށްވުރެ މާ އަވަހަށް ކެނެލް ހުރަސްކުރެވި ކެނެލް ހުރަސްކޮށް ހިނގާ އާގުބޯޓުތަކުގެ ހަރަކާތްތައް އިތުރުވެފައި އަވަސްވެގެންދާނެ ކަމަށް ޖެނެރަލް މުމީޝް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މިސްރުގައި އެތަށް ހާސް ވަޒީފާއެއް އުފެދި ސްވޭސް ކެނެލްއިން މިސްރަށްލިބޭ ބޭރުފައިސާގެ އާމްދަނީ 50 އިންސައްތައަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސްވޭސް ކެނެލުން އަހަރެއްގެ މައްޗަށް 7 ބިލިޔަނާއި 8 ބިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް މިސްރަށް ލިބޭކަމަށްވެއެވެ. މިއީ މިސްރަށްލިބޭ ބޭރުފައިސާ އެންމެ ގިނައިން ވަންނަ ދޮރުވެސް މެއެވެ. ދެވަނައަށް ބޭރުފައިސާ މިސްރަށްވަންނަނީ ފަތުރުވެރިކަމުންނެވެ.
ސްވޭސް ކެނެލް ފުޅާކުރުމަށް ހިންގި 8.5 ބިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢު ތަންފީޒު ކޮށްފައިވަނީ މިސްރު ސިފައިންނެވެ. މިކަމުގައި މިސްރު ސިފައިންގެ އިންޖިނޭރުންނާއި އާކިޓެކްޓުންނާއި އަދި އާދައިގެ މީހުންވެސް ބުރަ މަސައްކަތްްތަކެއް ކޮށްފައިވެއެވެ.
ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކަށް ބަލާއިރު އޭގެތެރެއިން 7 އިންސައްތަ ދަނީ ސްވޭސް ކެނެލްމެދުވެރިކޮށެވެ. ސްވޭސް ކެނެލްގެ މި ތަޖްރިބާ ދަތުރަށްފަހު އަންނަ އޮގަސްޓް މަހުގެ 6 ގައި ރަސްމީ ސިފައެއްގައި އަލުން ސްވޭސް ކެނެލް ހުޅުވާނެއެވެ.
ސްވޭސް ކެނެލްއަކީ މީގެ 150 އަހަރު ކުރިން އުފެއްދި ކެނެލް އެކެވެ. އެކެނަލް ގުޅުވައިދެނީ މެޑިޓަރޭނިޔަން ކަނޑާއި ރަތްކަނޑެވެ. ސްވޭސް ކެނެލް އިތުރަށް ފުޅާކުރުމަށް 72 ކިލޯމީޓަރުގެ ދިގު ސަރަހައްދެއް ކޮނެ 25 މީޓަރާއި 30 މީޓަރާ ދެމެދުގެ މިންވަރަކަށް ފުންކޮށްފައިވެއެވެ. (ނޫސްއެޖެންސީތައް)