09 Mar 2011, 15:29
ގއ. ވިލިނގިލީ މަތީގައި "މައިކްރޯ ލައިޓް" އުޅަނދެއް ދެ ފަތުރުވެރިޔަކާ އެކު އުދުހެންމުންދާ ކަމަށް ސިވިލް އޭވިއޭޝަނުން ބުނެފި އެވެ.
ގއ. އަތޮޅު ކައުންސިލްގެ ވަގުތީ ރައީސް އާމިރު އަލީ މިއަދު ވިދާޅުވީ އިއްޔެ އިން ފެށިގެން ވިލިނގިލީ މަތީގައި އުދުހެމުންދާ މައިކްރޯ ލައިޓް އުނޅަދަކީ އެމްއެންޑީއެފްގެ ހުއްދައާ އެކު ސާވޭއަކަށް ބޭރުގެ ބަޔަކު ދުއްވާ އުޅަދެއް ކަމަށެވެ. އަދި ކައުންސިލް އިދާރާއަށް އެކަން އެމްއެންޑީއެފުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މައިކްރޯ ލައިޓް އުޅަނދެއް. މަޑިއެއް ކަހަލަ ގޮތަކަށް ދެ ފިޔަގަނޑުލާފައި އެ އުޅަނދު ހުންނަނީ. އެމްއެންޑީއެފްގެ ހުއްދުއާ އެކު ބޭރުބަޔަކު ސާވޭއަކަށް ދުއްވާއެއްޗެއް އެއީ. އެމްއެންޑީއެފްގެ ނޮދަން އޭރިއާ އިން އެކަން އަޅުގަނޑުމެންނަށް އަންގާފައި ވަނީ."
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވި އެ އުޅަނދު ވިލިނގިލީ މަތީގައި އުދުހެމުންދަނީ ކޮން ކަހަލަ ސާވޭއެއް ހަދަން ކަމެއް ނޭނގޭ ކަމަށެވެ. ނަމެވެސް އެ އުޅަނދު އުދުހެމުންދަނީ ސިވިލް އޭވިއޭޝަންގެ ހުއްދައާ އެކު ކަމަށެވެ.
ސިވިލް އޭވިއޭޝަނުން ބުނީ އެ އުޅަނދު އުދުހެމުން ދަނީ ސާވޭ އަކަށް ނޫން ކަމަށާއި އެއީ އެ ސަރަހައްދުގައި އޮތް ޔޮޓެއްގައި ގެންގުޅޭ އެއްޗެއް ކަމަށެވެ. އަދި އެ ޔޮޓްގައި ތިބި ފަތުރުވެރިނާ އެކު އެ އުޅަނދުގައި އުދުހުމުގެ ހުއްދަ މި މަހުގެ 16 އާ ހަމައަށް ދީފައިވާ ކަމަށް ވެސް ސިވިލް އޭވިއޭޝަނުން ބުންޏެވެ.