ރައްޔިތުންގެ މަޖިލިސް ދެމިއޮތްހާ ހިނދަކު ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމީ އަގީދާ ދެމެހެއްޓުމުގައި ފަސް ޖެހުމެއްނެތި ސާބިތުވެ ހުންނަވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން މަޖިލިސް ރައީސް މަސީލު ދެއްވާފައިވާ މެސެޖެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތާރީހަށް ބަލާއިރު އެ މަޖިލިސް ވެފައިވަނީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި އަދާކުރަންޖެހޭ ވާޖިބު އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކޮށްފައި ކަމަށެވެ.

"މިހާރުގެ މަޖިލިސް ވެސް މަސައްކަތް ކުރަމުން ގެންގޮސްފައި ވަނީ ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އިހްލާސްތެރިކަމާއެކުގައި ކަމުގައި" މަސީހް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމުގެ ނިއުމަތް ދެމެހެއްޓިގެން އައިސްފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެތިބެ ކެނޑިނޭޅި ކުރަމުން އައިސްފައިވާ ބުރަ ގައުމީ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންކަމަށް މަސީލް ވިދާޅުވިއެވެ.