މިނިވަން ކަމާއި ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ފައިސާ ނޫޓެއް ނެރެފިއެވެ.

މިއަދު ފާހަގަކުރަމުންދާ މިނިވަން50 ގެ މުނާސަބަތުގައި މިރޭ 12:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި 5000 ރުފިޔާގެ އެ ނޫޓު ނެރުއްވައިދެއްވީ ރާއްޖެ މިނިވަން ކުރުމުގެ މަޝްވަރާތައް އިނގިރޭސީންނާއެކު ކުރެއްވި އަބްދުއް ސައްތާރު މޫސާ ދީދީއެވެ.

އަބްދުއް ސައްތާރު އެނޫޓް ނެރެދެއްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮއްފާން

އެމްއެމްއޭ ގަވަރުނާ ޑރ. އަޒީމާ އާދަމް ވަނީ ރައީސް ޖުމްހޫރިއްޔާއަށް އޭގެ ނޫޓެއް ހަދިޔާ ކުރައްވާފައެވެ.

މީގެ ކުރިން މިނިވަން ދުވަހާއި ގުޅިގެން މުޅިންވެސް ނެރެފައިވަނީ ފައިސާ ފޮއްޗެވެ. ކަރުދާހުގައި ނޫޓެއް ނެރުނު މިއީ ފުރަތަމަ ފަހަރެވެ.

އެނޫޓުގެ ކުރެހުމުން ރަމްޒުކޮށްދޭ ކަންކަން

* 1965 އިން 2015 އަށް މިގައުމު ދެކެފައިވާ ތަރައްގީ(މީގެ 50 އަހަރު ކުރިންނާއި މިއަދު މާލޭ އުތުރު ފަރާތު މަލަމަތި ފެންނަ ފޮޓޯ އަސްލަކަށް ބަލައިގެން ކުރެހުމެއް)

*ދިވެހި ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގެ ރަސްމިއްޔާތު

*ދިވެހިންގެ އަމިއްލެ ވަންތަކަމާއި ފަންނުވެރިކަމާއި އިސްލާމީ އާދަކާދަ އާއި ތަރިކަ.

މިނިވަން 50 ނޫޓް ރައީސްއަށް ހަދިޔާ ކުރައްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮއްވާން

މަރުކަޒީ ބެންކް އެމްއެމްއޭއިން ސަން އަށް މައުލޫމާތު ދިންގޮތުގައި އެނޫޓަކީ ރާއްޖޭގެ ތާރީހުގައިވެސް "ޕޮލިމާ" ކަރުދާހަށް ޕުރިންޓުކޮށް ނެރެވޭ ފުރަތަމަ ފައިސާ ކަމަށެވެ. ފަސްހާސް ރުފިޔާގެ އެނޫޓް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭނެ ކަމަށާއި ނަމަވެސް ބޮޑަށް އެނޫޓް ބޭނުން ކުރެވޭނީ މިނިވަން50 ގެ ހަދާނަކަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

"ލީގަލް ޓެންޑާއަކަށް ވާނީ، އެކަމަކު 7500 ރުފިޔާއަށް ގަނެގެން 5000 ރުފިޔާއަށް ވިޔަފާރިއެއް ނުކުރާނެ ދެއްތޯ. އެކަމަކު ވިއްކޭނެ. މާރުވެސް ކުރެވޭނެ." އެމްއެމްއޭގެ އިސްއޮފިޝަލަކު ސަން އަށް ވިދާޅުވިއެވެ.

އެމްއެމްއޭއިން ބުނީ އަންނަ ބުދަދުވަހުން ފެށިގެން އެނޫޓް 7500 ރުފިޔާއަށް އެމްއެމްއޭއިން ވިއްކާނެ ކަމަށެވެ. އެނޫޓުތައް ޕުރިންޓުކުރީ އަދި ވިއްކީ ވަރަށް ލިމިޓްކޮށް ކަމަށް ވެސް އެމްއެމްއޭ އޮފިޝަލް ވިދާޅުވިއެވެ.

އެމްއެމްއޭއިން ޕޮލިމާ ކަރުދާހުގައި ޕްރިންޓުކޮށް އާ ފައިސާއެއް ނެރެފައިވާއިރު މިއަހަރުގެ އޮކްޓޫބަރުގައި އެމްއެމްއޭއިން ވަނީ ޕޮލިމާގައި ޕުރިންޓުކޮށް އާ ފައިސާ ވެސް ނެރެން ނިންމާފައެވެ.