Last Updated: 1 decade 4 month ago
ރާއްޖޭގެ މިނިވަން ކަމަށް ކުޑަވެސް ބުރުލެއް އަރާނެފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިލްތިމާސް ކުރައްވައިފި އެވެ.
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިސްލާމީ ދައުލަތެއްގެ ގޮތުގައި ރާއްޖެ އޮތް 862 އަހަރުގެ ތެރޭގައި ވެސް އަދި އޭގެ ފަހުން ވެސް ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ.
"މިއަދު ދުނިޔޭގައި އޮތް 200 ވަރަކަށް ގައުމަށް ބަލާއިރު މިފަދަ ފަހުރުވެރި މިނިވަންކަމުގެ ތާރީހެއް އޮތް ގައުމެއް މަދު ކަމުގައި ދަންނަވަން ޖެހޭ. ދިވެހިރާއްޖޭގެ މިނިވަން ކަމަކީ ދިވެހި ރާއްޖެއަށް ލިބިފައިވާ މަތުވެރި ނިއުމަތެއް އަދި އެހާމެ ބޮޑު ފަހުރަކާއި ޝަރަފެއް"އަބްދުﷲ ޔާމީން
މިނިވަން50 އާއި ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ޔޫސުް ސޮއްވާން
ރާއްޖޭގެ މިނިވަންކަމުގެ ހަގީގީ އަސްލަކީ ދިވެހި ކާބަފައިން ވެވަޑައިެގންފައިވާ ގުރުބާނީތަކުގެ އަގުނުކުރެވޭފަދަ ހަދިޔާ ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިއަދު އެންމެންގެ ކޮނޑުގައި އެޅީފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އެ މިނިވަން ކަން ރައްކާތެރިކޮށް ދެމެހެއްޓުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެ މިިނިވަން ގައުމަކަށް ހެދުމަށް ތެދުވެރި އިހުލާސްތެރި ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ. އަދި ރާއްޖެއާއި ކުރިމަތިވާ ހުރިހާ ގޮންޖެހުމަކާވެސް ކެއްތެރި ކަމާއެކު ކުރިމަތިލުމަށް ދިވެހިންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
" އަލުގަނޑމެންގެ މިނިވަން ކަމަށް ކުޑަވެސް ބުރުލެއް އަރާނެ ފަދަ އެއްވެސް ކަމަކަށް ކުޑަވެއް ފުރުސަތެއް ނުދިނުމަށް އަޅުގަނޑޫ އިލްތިމާސްކުރަން. ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ނިޔާޝް ޣާޒީ އިއްޒަތުގެ ވެރިޔާ ކުރީގެ ރައީސް އިބްރާހިމް ނާސިރު ކުރެއްވި މަސއްކަތަށް ޝުކުރު އަދާ ކުރަން. އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި މަސައްކަތަށް ވެސް ޝުކުރު އަދާ ކުރަން."އަބްދުﷲ ޔާމީން
ގައުމަށް މިނިވަންކަން ހޯދުމަށް އެކި ދުވަސްމަތިން އެކި ބޭފުޅުން ކުރެއްވި މަސައްކަތް ކުޑަކުދިންނަށް ކިޔައިދޭންޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ދިވެހިންގެ މިނިވަންކަން އަބަދައް ދެމިގެން ދިއުމަށް އެދި ރައީސް ވަނީ ދުއާ ކުރައްވާފަ އެވެ.